
"އަދަދު" ނޫހުން ގެނެސްދިން "އައިޝާ" ޑޮކިއުމަންޓްރީ އުފެއްދުމުގައި ބައިވެރިވިކަމުގެ ތުހުމަތުގައި އައިޝަތު އީޝާ އަޝްރަފް ފުލުހަށް ހާޒިރުކުރުމާ ގުޅިގެން ޕީއެންއެފްގެ ނައިބު ރައީސް ޑރ. މުހައްމަދު ޖަމީލް އަހުމަދު ސަރުކާރަށް ވަރަށް ބޮޑަށް ފާޑުވިދާޅުވެއްޖެއެވެ.
އީޝާ ހާޒިރުކުރާތީ އެ ސަރަހައްދުގެ މަގުތައް ބަންދުކޮށް ސަލާމަތީ ފިޔަވަޅުތައް ވަރުގަދަކުރުމަކީ ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ސަރުކާރުގެ "ދެއުޅިއެއްނުވާ" ކަން ހާމަވާ ކަމެއް ކަމަށް ޖަމީލް ސިފަކުރެއްވިއެވެ.
ޑރ. ޖަމީލް ސޯޝަލް މީޑިއާގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ، އީޝާ ހާޒިރުކުރާތީ މިހާ ބޮޑަށް ބިރުގަނެގެން އުޅޭތީ އެނގެނީ މުޅި ދައުލަތް ޑިފެންސަށް ފައިބައިފިކަން ކަމަށެވެ. އީޝާ މިވީ ރަތް މަލަކަށް ކަމަށާއި މުއިއްޒު މިވީ ގިނި ދުށް މީހާއަށްތޯ ޖަމީލް ސުވާލު އުފެއްދެވިއެވެ.
މި މައްސަލާގައި އީޝާ ރޭ 9:00 ގައި ފުލުހަށް ހާޒިރުކޮށް ދެ ގަޑިއިރެއްހާއިރު ސުވާލުކޮށްފައިވެއެވެ. އީޝާގެ ގާނޫނީ ވަކީލު އަދި ކުރީގެ ޕީޖީ ހުސައިން ޝަމީމް ވިދާޅުވީ އީޝާ އަކީ މި މައްސަލާގައި "ވިކްޓިމެއް" ކަމަށެވެ. އަދި ފިރިހެން މީހާ ފޮނުވާފައިވާ މެސެޖްތަކާއި ކޮށްފައިވާ ކޯލްތަކުގެ ތަފްސީލާއެކު ކަން ހިނގިގޮތް ފުލުހުންނަށް ކިޔައިދޭނެ ކަމަށް ޝަމީމް ވިދާޅުވިއެވެ.
ޝަމީމް އިތުރަށް މައުލޫމާތު ދެއްވި ގޮތުގައި، މި މައްސަލާގައި ހިމެނޭ ފިރިހެން މީހާގެ ބަޔާން ފުލުހުން މިހާރު ވަނީ ނަގާފައެވެ. ނަމަވެސް އެ ފިރިހެން މީހާ އޭނާގެ މައްޗަށް ކުރެވޭ ތުހުމަތުތަކަށް އިންކާރުކޮށްފައިވާ ކަމަށް ފުލުހުން ބުނެފައިވާ ކަމަށް ޝަމީމް ވިދާޅުވިއެވެ.
ބަޔާން ނެގުމުގެ ގޮތުން މިއަދު ހަވީރުވެސް އީޝާ ވަނީ ފުލުހަށް ހާޒިރުކޮށްފައެވެ.









