
ނިމިދިޔަ ލޯކަލް ކައުންސިލްތަކުގެ އިލެކްޝަންގެ ނަތީޖާއާ ގުޅޭގޮތުން ޕީއެންސީގެ ޕާލަމަންޓްރީ ގްރޫޕްގެ ލީޑަރު އިބްރާހީމް ފަލާޙު ދެއްކެވި ވާހަކަފުޅުތަކަށް، ކުރީގެ ނައިބު ރައީސް އަދި ޕީއެންއެފްގެ ނައިބު ޑރ. މުޙައްމަދު ޖަމީލް އަޙްމަދު ވަރަށް ބޮޑަށް ފާޑުވިދާޅުވެއްޖެއެވެ.
ޑރ. ޖަމީލް އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ، ކައުންސިލް އިންތިޚާބުގެ 80 އިންސައްތަ ޕީއެންސީން ކާމިޔާބު ކުރިކަމަށް ބުނެ ފަލާޙު ބޮޑާވެގަންނަމުންދާ ކަމަށެވެ. ނަމަވެސް، ހަގީގަތުގައި ހުރިހާ ނުފޫޒަކާއި ރިޝްވަތެއް ބޭނުންކޮށްގެންވެސް ފެންނަ ނުފެންނަ ވޯޓުން ޕީއެންސީ 70 އިންސައްތައިން ބަލިވެފައިވާ ކަމަށް ޖަމީލް ފާހަގަކުރެއްވިއެވެ.
ކައުންސިލް އިންތިޚާބުގެ ބޮޑެތި ސިޓީތަކުން ސަރުކާރު ބަލިވުމާ ގުޅިގެން ޖަމީލް ވިދާޅުވީ، އެންމެ ސިޓީއެއް ލިބުނު ނަމަވެސް ފަލާޙު ފަދަ ބޭފުޅުން ބޮޑާވެގަންނާނެ މިންވަރު އިހުސާސްކޮށްލަން ޖެހޭ ކަމަށެވެ. އަދި ކީރިތި ޤުރުއާނުގެ އަންނަޙްލު ސޫރަތުގެ 23 ވަނަ އާޔަތް ހަނދާންކޮށްދެއްވަމުން، ބޮޑާވެގަންނަ މީހުންދެކެ الله ތަޢާލާ ލޯބިވެވޮޑިގެން ނުވާކަން ޖަމީލް ފާހަގަކުރެއްވިއެވެ.
ރައީސް ޑރ. މުޙައްމަދު މުޢިއްޒުއަށް އަމާޒުކުރައްވައި ޖަމީލް އިތުރަށް ވިދާޅުވީ، މިއީ الله ތަޢާލާގެ ތަދްބީރު ކުރެއްވުމުން ލިބުނު ވަރުގަދަ ފިލާވަޅެއް ކަމަށެވެ. އަދި ކަންކަމަށް ނާއަހުލުވެރި ޖާހިލު މީހުން އައްޔަންކުރުމަކީ ގިޔާމަތުގެ އަލާމާތެއް ކަމަށާއި، އެއީ ތަނެއް ބަރުބާދުވުމުގެ ފެށުން ކަމަށްވެސް ވިދާޅުވިއެވެ.
މީގެ އިތުރުން، ރައީސް ޔާމީން އަބްދުލްގައްޔޫމާއި މެދު ވިސްނެވުމުގެ ބަދަލުގައި، މި ވެރިކަން ނިމޭ ދުވަހަށް ތައްޔާރުވުމަށް ފަލާޙަށާއި ސަރުކާރު ހިންގާ ގްރޫޕަށް ޖަމީލް ވަނީ ގޮވާލައްވާފައެވެ. ޖަމީލް ލަފާކުރެއްވި ގޮތުގައި، މިހާރު ކަންކަންދާ ގޮތުން ޕީއެންސީ ދެންދާނީ "ބޮކިޖަހާފައި އަޑިއަށެވެ."




