
އިނގިރޭސިވިލާތުގެ ލަންޑަނުގެ މިސްކިތެއްގެ އިމާމަކު ކުރި ބޮޑެތި ކުށްތަކަކާ ގުޅިގެން، މީހަކު އަޅުކަމުގައި އުޅުމަކީ އެމީހަކީ ކުށް ނުކުރާނެ މީހެއް ކަމުގެ ހެއްކެއް ނޫން ކަމަށް ވިދާޅުވެ ޕީއެންއެފްގެ ނައިބު ރައީސް ޑރ. މުޙައްމަދު ޖަމީލް އަޙްމަދު މުޖުތަމައަށް މުހިންމު ފިލާވަޅުތަކެއް ހިއްސާކުރައްވައިފިއެވެ.
މި މައްސަލައިގައި ކުށް ސާބިތުވި އިމާމަކީ އޭނާގެ މަގާމާއި ނުފޫޒު ބޭނުންކޮށްގެން 2005 އިން 2014 އާ ދެމެދު ގިނަ އަދަދެއްގެ ޖިނާއީ ކުށްތަކެއް ހިންގާފައިވާ މީހެކެވެ. އޭނާގެ މައްޗަށް ރޭޕް ކުރުމާއި، ޖިންސީ ގޯނާ ކުރުމުގެ އިތުރުން ކުޑަކުދިންނަށް ޖިންސީ ގޯނާ ކުރުމުގެ 21 ދައުވާއެއް ސާބިތުވެފައިވާކަން ޑރ. ޖަމީލް ފާހަގަކުރެއްވިއެވެ.
މި ހާދިސާއިން ލިބޭ ފިލާވަޅުތަކަށް އަލިއަޅުއްވާލައްވަމުން ޑރ. ޖަމީލް ވިދާޅުވީ، މުސްލިމަކު އޭނާއަކީ ވަރަށް ބޮޑަށް އަޅުކަންކޮށް ދުޢާކޮށް އުޅޭ މީހެކޭ ބުނުމަކުން ނުވަތަ އެގޮތަށް އުޅުމަކުން، އެމީހަކީ ކުށް ނުކުރާނެ ނުވަތަ ނުލަފާ އަމަލުތައް ނުހިންގާނެ މީހެއް ކަމަށް ބަލައިގެން ނުވާނެ ކަމަށެވެ. ބައެއް ފަހަރު ދީނީ ފޭރާމަކީ ކުށް ފޮރުވުމަށް ބޭނުންކުރާ ނިވާފަތްގަނޑަކަށް ހަދާފައިވާކަން އެކި ދީންތަކުގެ މީހުންގެ އަމަލުތަކުން ފެންނަން އޮތް ކަމަށްވެސް އެމަނިކުފާނު ވިދާޅުވިއެވެ.
"މީހަކު އަޅުކަމުގައި އުޅުމަކީ އެމީހަކު ކުށް ނުކުރާނެ ކަމުގެ ސެޓްފިކެޓެއް ނޫން. އަމުދުން މީހަކު ތިމާގެ ދިފާއުގައި އެހެން ބުނާނަމަ އެއީ ގިލްޓީ މައިންޑެއްގެ ނިޝާނެއް" ޑރ. ޖަމީލްގެ ޕޯސްޓުގައި ބަޔާންކުރައްވާފައިވެއެވެ. އަދި ދިވެހި ބަހުގެ މިސާލު ބަހެއް ކަމަށްވާ "ނުމޮށޭ ގުރާ ބާރަށް ދައިގަންނާނެ" މި ބަހަށް އިޝާރާތް ކުރައްވައި، ވަކި ގޮތަކަށް ސިފަ ދައްކައިގެން އުޅޭ މީހުންނާމެދު ސަމާލުވުމަށް ވަނީ އިލްތިމާސް ކުރައްވާފައެވެ.
މީގެ އިތުރުން، މީހަކު ކުރާ އަޅުކަމުގެ ސަބަބުން އެމީހެއްގެ އަމަލުތައް އިސްލާހު ނުވާނަމަ، އެއީ އެމީހާގެ އަމަލުތައް ﷲ ގެ ހަޟްރަތުގައި ގަބޫލުވޭތޯ ވިސްނާ ހިތާމަކުރަންޖެހޭ ކަމެއްކަން ޑރ. ޖަމީލް ފާހަގަކުރެއްވިއެވެ.










