
ނިމިދިޔަ ހޮނިހިރު ދުވަހު ބޭއްވި އިލެކްޝަންތަކުން ސަރުކާރަށް ކުރިމަތިވި ނާކާމިޔާބީއާ ގުޅިގެން، ސިޔާސީ މަގާމުތަކުގައި ތިއްބެވި ގިނަ އަދަދެއްގެ މުވައްޒަފުން ވަކިކުރުމުގެ މަސައްކަތް އަންނަ ހަފުތާގައި ފެށުމަށް ސަރުކާރުން ވަނީ ނިންމާފައެވެ.
އިތުބާރު ހުރި މަސްދަރުތަކުން މަޢުލޫމާތު ލިބިފައިވާ ގޮތުގައި، ސިޔާސީ މަގާމުތަކާއި ސަރުކާރު ހިއްސާވާ ކުންފުނިތަކުގެ އިސް މަގާމުތަކުގައި ތިއްބެވި ފަރާތްތަކުގެ މަސައްކަތުގެ ފެންވަރު ބެލުމަށްފަހު، އެ ފަރާތްތަކުގެ "ޕާފޯމަންސް ރިޕޯޓްތައް" އަންނަ އާދީއްތަ ދުވަހުގެ ނިޔަލަށް ރައީސް އޮފީހަށް ފޮނުވުމަށް މިހާރު ވަނީ އަންގާފައެވެ. މި ފިޔަވަޅަކީ އިންތިޚާބުގެ ނަތީޖާއަށްފަހު ސަރުކާރުގެ ހިންގުން ހަރުދަނާކުރުމަށް އަޅާ ފިޔަވަޅެއް ކަމަށް ބެލެވޭއިރު، އަންނަ ހަފުތާގެ ތެރޭގައި ގިނަ ބަޔަކު ވަޒީފާއިން ވަކިކުރުމުގެ މަސައްކަތް ފެށޭނެއެވެ.
މިކަމާ ގުޅިގެން ޕީއެންއެފްގެ ނައިބު ރައީސް ޑރ. މުޙައްމަދު ޖަމީލް އަޙްމަދު ވަނީ ސަރުކާރަށް ވަރަށް ބޮޑަށް ފާޑުވިދާޅުވެ، ސޯޝަލް މީޑިއާގައި ޕޯސްޓެއް ކުރައްވާފައެވެ. ޑރ. ޖަމީލް ވިދާޅުވީ، ކުއްލިއަކަށް "ޕާފޯމަންސް" އޭ ކިޔައިގެން ބޮޑެތި ބަސްތައް ބޭނުންކުރަން ފެށުމަކީ ޖޯކެއް ކަމަށެވެ. ރައީސް އޮފީހުން ފެށިގެން ބަލާލި ކޮންމެ ދިމާލަކުން ފެންނަން އޮތީ އާއިލީ މީހުންނާއި ރައްޓެހިންނަށް ސިޔާސީ ފައިދާއަށް ވަޒީފާ ހަދިޔާކޮށްފައިވާ މަންޒަރު ކަމަށް ޖަމީލް ތުހުމަތު ކުރެއްވިއެވެ.
މި ބަދަލުތަކަކީ އިންތިޚާބީ ނާކާމިޔާބީއަށްފަހު ސަރުކާރުގެ ސިޔާސީ އޮނިގަނޑަށް ގެންނަން އުޅޭ ބަދަލުތަކެއް ކަމަށްވާއިރު، ގިނަ ބަޔަކު ވަޒީފާއިން ވަކިކުރާނީ ކޮން އުސޫލަކުން ކަމެއް ސަރުކާރުން އަދި ރަސްމީކޮށް ހާމައެއް ނުކުރެއެވެ.
މީގެ އިތުރުން، ސަރުކާރު ގިނަ ކުންފުނިތަކުގެ ވެރިންނާއި އިސްކޮށް އުޅުއްވާ ބޭފުޅުން މިހާރު އަންނަނީ މަގާމުތަކުން ވަކި ކުރަމުންނެވެ.




