May 11, 2026
Advertisement
-
- / ސޯޝަލް މީޑިއާ

އީރާނާ ދެކޮޅަށް ފެށި 'އޮޕަރޭޝަން އެޕިކް ރޭޖް' އެމެރިކާއިން ނިންމާލައިފި

Aiminath Sarah
އައިމިނަތް ސާރާ
May 6, 2026, 06:20 PM
މާލެ ސިޓީ

އީރާނާ ދެކޮޅަށް އެމެރިކާއިން ކުރިއަށް ގެންދިޔަ އަސްކަރީ އޮޕަރޭޝަން ކަމަށްވާ "އޮޕަރޭޝަން އެޕިކް ރޭޖް" ރަސްމީކޮށް ނިންމާލާފައިވާކަން އެމެރިކާގެ ޚާރިޖީ ވަޒީރު މާކޯ ރޫބިއޯ އިއުލާން ކުރައްވައިފިއެވެ. ވައިޓް ހައުސްގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ރޫބިއޯ ވިދާޅުވީ، މި އޮޕަރޭޝަން ނިންމާލިކަން މިހާރު ކޮންގްރެސްއަށް ރަސްމީކޮށް އަންގާފައިވާނެ ކަމަށެވެ.

Advertisement

ޚާރިޖީ ވަޒީރު ފާހަގަކުރެއްވި ގޮތުގައި، މި އޮޕަރޭޝަން ނިމުމަކަށް އައުމާއެކު ދެން އެމެރިކާއިން އިސްވެ އީރާނަށް އެއްވެސް ހަމަލާއެއް ނުދޭނެއެވެ. ނަމަވެސް އީރާނުން އިސްވެ ހަމަލާއެއް ދީފިނަމަ، އޭގެ ރައްދުގައި ދިފާއީ ހަމަލާތައް ދޭނެ ކަމުގެ އިންޒާރު އޭނާ ދެއްވިއެވެ. "އަހަރެމެން މިހާރު މިވަނީ އިސްވެ ހަމަލާދިނުން ނިމުމަކަށް ގެނަސްފައި. ދެން ދިނަސް ދޭނީ ދިފާއީ ހަމަލާތަކެއް،" ރޫބިއޯ ވިދާޅުވިއެވެ.

މިދިޔަ ފެބްރުއަރީ މަހުގެ 28 ވަނަ ދުވަހު އެމެރިކާއާއި އިސްރާއީލު ގުޅިގެން އީރާނަށް ދޭން ފެށި މި ހަމަލާތަކުގެ މައިގަނޑު މަގްސަދަކީ އީރާނުގެ ވެރިކަން ބަދަލުކުރުމާއި، އެ ގައުމުގެ ނިއުކްލިޔާ ޕްރޮގްރާމް ހުއްޓުވައި ހަތިޔާރު އުފައްދާ ސިނާއަތްތައް ސުންނާފަތިކޮށްލުމެވެ. މި ހަނގުރާމައިގައި އީރާނުގެ އިސްވެރިންނާއި އާންމުންގެ ގިނަ ބަޔަކު ޝަހީދުވެފައިވާއިރު، އީރާނުންވެސް ވަނީ ބާރުގަދަ މިސައިލްތަކުން އެމެރިކާގެ އަސްކަރީ މަރުކަޒުތަކަށާއި އިސްރާއީލަށް ރައްދު ހަމަލާތަކެއް ދީފައެވެ.

ޖުމްލަ 39 ދުވަހަށް ދެމިގެންދިޔަ މި ވަރުގަދަ ކުރިމަތިލުންތަކަށްފަހު، ވަގުތީ އެއްބަސްވުމެއްގެ ދަށުން ހަމަލާތައް މެދުކަނޑާލިއިރު، އެމެރިކާއިން ބޭނުންވި އަސްކަރީ އަދި ސިޔާސީ މަގްސަދުތައް ހާސިލްވެފައެއް ނުވެއެވެ. އޭގެ ފަހުން މަޝްވަރާގެ މަގުންނާއި ބަނދަރުތައް ހިސާރުކޮށްގެން އީރާނަށް ފިشارު ކުރަން ކުރި މަސައްކަތްތައް ވެސް ވަނީ ނާކާމިޔާބުވެފައެވެ.

އެމެރިކާއިން ތަކުރާރުކޮށް އިންޒާރުތައް ދެމުން ދިޔަ ނަމަވެސް، އީރާނުގެ ސިޔާސަތުތަކަށް ބަދަލެއް ނައުމާއި އެ ގައުމުން ދެއްކި ސާބިތުކަމުގެ ސަބަބުން، އެމެރިކާއަށް ޖެހުނީ މަޑުމަޑުން ފަހަތަށް ޖެހޭށެވެ. މިއަދު އިއުލާންކުރި މި ނިންމުމަކީ އީރާނާއެކު އޮތް ހަނގުރާމައިގެ ހާލަތު ރަސްމީކޮށް ނިމުމަކަށް ގެނައުމަށް އެމެރިކާއިން އެޅި ފިޔަވަޅެއްގެ ގޮތުގައި ބެލެވެއެވެ.

ކޮމެންޓު
Channel 13
Copyright © 2013-2026 Media Ring Pvt Ltd.
All rights reserved