May 11, 2026
Advertisement
.
. / ސޯޝަލް މީޑިއާ

އެމެރިކާއިން އަދިވެސް އީރާނުގެ ޖަވާބެއްގެ އިންތިޒާރުގައި

Yana Shareef
ޔާނާ ޝަރީފް
May 10, 2026, 02:56 PM

މިއީ ދެ މަހަށްވުރެ ގިނަ ދުވަހަށް ދެމިގެން ގޮސްފައިވާ ހަނގުރާމަ ހުއްޓާލުމަށާއި ސުލްހައިގެ ވާހަކަތައް ފެށުމަށް އެމެރިކާއިން ހުށަހަޅާފައިވާ އެންމެ ފަހުގެ ހުށަހެޅުންތަކަށް އީރާނުން ދޭނެ ޖަވާބަކަށް އެމެރިކާއިން އިންތިޒާރު ކުރަމުންދާ ވަގުތެކެވެ.

Advertisement

އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް އާއި ސެކްރެޓަރީ އޮފް ސްޓޭޓް މާކޯ ރޫބިއޯ ހުކުރު ދުވަހު ވިދާޅުވީ، މަދު ގަޑިއިރުތަކެއްގެ ތެރޭގައި ތެހެރާނުން ޖަވާބެއް ލިބޭނެ ކަމަށް ވޮޝިންޓަނުން އުންމީދު ކުރާ ކަމަށެވެ.

ނަމަވެސް، އޭގެ އެއް ދުވަސް ފަހުން ވެސް އީރާނުގެ ފަރާތުން އެއްވެސް އިޝާރާތެއް ލިބިފައެއް ނުވެއެވެ. އެމެރިކާގެ މި ހުށަހެޅުމަކީ އީރާނުގެ ނިއުކްލިއާ ޕްރޮގްރާމް ފަދަ އިތުރު މައްސަލަތަކާ ބެހޭގޮތުން ވާހަކަދެއްކުމުގެ ކުރިން، ރަސްމީކޮށް ހަނގުރާމަ ނިންމުމަށް ހުށަހަޅާފައިވާ ހުށަހެޅުމެކެވެ.

މިއާމީގައި ހޮނިހިރު ދުވަހު ރޫބިއޯ ވަނީ ގަތަރުގެ ބޮޑުވަޒީރު މުހައްމަދު ބިން އަބްދުއްރަހްމާން އައްޘާނީއާ ބައްދަލުކުރައްވާފަ އެވެ. މި ބައްދަލުކުރެއްވުމުގައި ނުރައްކާތައް ހުއްޓުވުމަށާއި މެދުއިރުމަތީގެ ހަމަޖެހުމާއި ސަލާމަތްތެރިކަން ދެމެހެއްޓުމަށް ގުޅިގެން މަސައްކަތް ކުރުމުގެ މުހިންމުކަމާ ބެހޭގޮތުން މަޝްވަރާ ކުރެއްވި ކަމަށް އެމެރިކާގެ ސްޓޭޓް ޑިޕާޓްމަންޓުގެ ތަރުޖަމާނު ޓޮމީ ޕިގަޓް ނެރުއްވި ބަޔާނެއްގައި ވިދާޅުވި އެވެ. ނަމަވެސް އެ ބަޔާނުގައި އީރާނުގެ ނަން ސީދާ ގޮތެއްގައި ބޭނުންކޮށްފައެއް ނުވެއެވެ.

ޝިޕިން ތަފާސްހިސާބުތަކުން ދައްކާ ގޮތުގައި، ގަތަރުގެ އެލްއެންޖީ (ގޭސް) އުފުލާ އުޅަނދެއް ހޮނިހިރު ދުވަހު ޕާކިސްތާނަށް ދިއުމަށްޓަކައި ހޮރްމޫޒް ކަނޑުއޮޅިއާ ދިމާލަށް ދަނީ ދަތުރުކުރަމުންނެވެ. ބައެއް ރިޕޯޓުތައް ބުނާ ގޮތުގައި މިއީ ހަނގުރާމައިގައި މެދުވެރިއެއްގެ ދައުރު އަދާކުރާ ގަތަރާއި ޕާކިސްތާނާ ދެމެދު އިތުބާރު އުފެއްދުމަށް އީރާނުން ހުއްދަ ދީގެން ކުރާ ދަތުރެކެވެ. މި ދަތުރު ކާމިޔާބުވެއްޖެނަމަ، މިއީ ހަނގުރާމަ ފެށުނު ފަހުން ގަތަރުގެ ގޭސް އުޅަނދެއް އެ ކަނޑުއޮޅި ހުރަސްކުރާ ފުރަތަމަ ފަހަރަށް ވާނެ އެވެ.

ކޮމެންޓު
Channel 13
Copyright © 2013-2026 Media Ring Pvt Ltd.
All rights reserved