June 4, 2026
Advertisement
-
-

އިސްލާމީ ޤައުމުތަކަށް އަމާޒުކޮށް އެމެރިކާއިން ދެމުންދާ ހަމަލާތައް އިތުރަށް ވަރުގަދަކޮށްފި

Aiminath Sarah
އައިމިނަތް ސާރާ
Jun 1, 2026, 04:28 PM
މާލެ ސިޓީ

އިސްލާމީ އުންމަތާ ދެކޮޅަށް އެމެރިކާއިން ހިންގަމުންދާ އިސްތިޢުމާރީ އަދި އަނިޔާވެރި އަމަލުތަކުގެ ތެރެއިން، ޤަޝްމް އަދި ގޯރޫކް ސަރަޙައްދަށް އަމާޒުކޮށް ވަރުގަދަ ބޮމުގެ ހަމަލާތަކެއް ދީފިއެވެ. މި ނުރައްކާތެރި ހަމަލާތަކާ ގުޅިގެން ލިބުނު ރިޕޯޓްތަކަށް ބަލާއިރު، މީގެ އިތުރުން ކުވައިތު މަގުން މިސައިލާއި ޑްރޯން ބޭނުންކޮށްގެންވެސް ގިނަ ހަމަލާތަކެއް ވަނީ ފޮނުވާލާފައެވެ.

Advertisement

މި ހަމަލާތަކަކީ އެ ސަރަޙައްދުގެ އަމަންއަމާންކަން ނަގާލައި، މުސްލިމް އާބާދީތަކަށް ބިރުދެއްކުމުގެ މަޤްޞަދުގައި އެމެރިކާއިން ރާވައިގެން ހިންގާފައިވާ އުދުވާނެއްގެ ގޮތުގައި މަސްރަޙު ދިރާސާކުރާ ފަރާތްތަކުން ސިފަކުރެއެވެ. ޤަޝްމް އަދި ގޯރޫކް ސަރަޙައްދުގެ އާންމު ރައްޔިތުންގެ މުދަލަށާއި ގެދޮރަށް ބޮޑެތި ގެއްލުންތަކެއް ލިބިފައިވާ މި ހަމަލާތަކަކީ، ބައިނަލްއަޤްވާމީ މިންގަނޑުތަކާ ކަނޑައެޅިގެން ޚިލާފަށް ހިންގާފައިވާ ލާއިންސާނީ އަމަލުތަކެކެވެ.

 މި ހަމަލާތައް ދިނުމުގައި ކުވައިތުގައި ހުރި އަސްކަރީ މަރުކަޒުތަކުގެ ބޭނުން ހިފާފައިވާއިރު، މިއީ އެމެރިކާއިން އެ ސަރަޙައްދުގައި ފަތުރަމުންދާ ނުފޫޒާއި ބާރު ދެއްކުމުގެ ހީލަތްތެރި ރޭވުމެކެވެ. މި ހަމަލާތަކުގެ ސަބަބުން އެ ސަރަޙައްދުގައި އޮތް ހަމަޖެހުން ގެއްލި، އިތުރު ހަމަނުޖެހުންތަކަކަށް މަގުފަހިވެފައިވާ ކަމަށް ރިޕޯޓްތައް ބުނެއެވެ.

އިސްލާމީ ޤައުމުތަކުގެ މިނިވަންކަމާއި ސިޔާދަތަށް އަރައިގަނެ، އެމެރިކާއިން ހިންގާ މިފަދަ ޢުދުވާނީ ހަމަލާތައް މުޅި އިސްލާމީ އުންމަތުން ކުށްވެރިކުރާއިރު، މިއީ އެމެރިކާގެ އިސްތިޢުމާރީ ސިޔާސަތު އިތުރަށް ފުޅާކުރުމަށް ހިންގާފައިވާ ކަމެއްގެ ގޮތުގައި ގިނަ ބަޔަކު ދެކެއެވެ. މި ހަމަލާތަކާ ގުޅިގެން މިހާތަނަށް ލިބިފައިވާ ގެއްލުންތަކުގެ ފުރިހަމަ ތަފްސީލެއް އަދި ސާފުވެފައި ނުވި ނަމަވެސް، މިއީ މުސްލިމުންނާ ދެކޮޅަށް ހިންގާފައިވާ ބޮޑު ޖަރީމާއެކެވެ.

ކޮމެންޓު
Channel 13
Copyright © 2013-2026 Media Ring Pvt Ltd.
All rights reserved