
ގައުމުގެ ނިޒާމު ސަމާސާއަކަށް ނުހައްދަވާ މިނިވަން ފުރިހަމަ ތަޙްގީގަކަށް "އައިޝާ" ޑޮކިއުމަންޓްރީ މައްސަލައިގައި ޖާގަ ދޭންވާނެ ކަމަށް ކުރީގެ ނައިބު ރައީސް ޑރ މުހައްމަދު ޖަމީލު އަހުމަދު ވިދާޅުވެއްޖެއެވެ.
ޑރ ޖަމީލު މިފަދައިން ވިދާޅުވެފައިވަނީ. "އަދަދު" ނޫހުން ތައްޔާރުކުރި "އައިޝާ" ޑޮކިއުމަންޓްރީއާ ގުޅިގެން ތަހުގީގަށް، ރައީސް އޮފިހުގެ ކުރީގެ މުވައްޒަފު އައިޝަތު އީޝާ އަޝްރަފު ހާޒިރުކޮށް ބަޔާން ނަގާފައިވަނިކޮށް އެކްސްގައި ކުރެއްވި ޕޯސްޓެއްގައެވެ.
އެ ޕޯސްޓުގައި ޑރ ޖަމީލު ވަނީ، އެންމެ ފުރަތަމަ ޖިނާއީ ކޮންމެ ކުށެއްވެސް އުފެދެނީ ތުހުމަތަކުން ކަމާ ވައްކަމާ ކޮރަޕްޝަނާ ޚިޔާނާތް ފަދަ ކޮންމެ ކުށެއްވެސް ފެށޭނީ ތުހުމަތަކުންކަމަށް ވިދާޅުވެފައެވެ. އެގޮތުން މި މައްސަލައިގައި އީޝާގެ ވަކީލު އިޝާރާތްކުރާ ކަންކަމުގައި، ވަލްނަރަބަލް ކުއްޖަކަށް ނުވަތަ މީހަކަށް ޓާގެޓުކޮށްގެން ހިންގޭ ކުށްތަކަށް ފަރުވާ ދިނުމަށް އަދި ރާއްޖޭގައި ޖިންސީ ކުށްތަކަށް އިންސާފު ފޯރުކޮށްދިނުމަށް ތަފާތު ގާނޫނުތައް ހެދިފައިވާ ކަމާ ވިކްޓިމަކަށް އެފަދަ ކުއްޖަކުވާ ޙާލަތްތަކެއްވެސް ވާކަން ޑރ ޖަމީލު ފާހަގަކުރައްވާފައިވެއެވެ.
ހަމައެހެންމެ، ތަޙްގީގުކުރެވޭ ކުއްޖާއަށް މަސައްކަތުގެ މާޙައުލުން ލިބެންޖެހޭ ރަައްކާތެރިކަން ބާރާއި ނުފޫޒު އޮތް ވެރިއެއްގެ ކިބައިން ނުލިބުމުގެ ޝަކުވާއަކީ ޖާއިޒު ޝަކުވާއަކަށް ވާނެ ކަމާ އަމުދުން އެކަމުގެ ހެކި ހުރިކަމަށްވާނަމަ އެކަމަސް އިތުރު ބާރު ލިބޭނެކަން ފާހަގަކުރައްވާ ޑރ ޖަމީލު ވަނީ، އަދި މިފަދައިން ރައީސަކާ ދެކޮޅަށް ތެދުވުމަކީ ފަސޭހަކަމަކަށް ނުވާނެ ކަމަށް ގަބޫލްކުރަން ވެސްވާނެ ކަން ފާހަގަކުރައްވާފައެވެ.
އާންމުކޮށް ވެރިކަމުގެ ބާރުގައި މަސްތުވެ، ފިރުއައުނާ، ނަމްރޫދާ، އާދުބާގައިގެ ޝައްދާދުގެ ދަރަޖައަށް ނުދިޔަ ނަމަވެސް ، އެމެރިކާގެ ކުރީގެ ރައީސް ކްލިންޓަނާ، އަރަބި ރަސްކަލުންގެ އެތައް ބަޔަކަށް މިފަދަ ތުހުމަތު އަމާޒުކުރެވިފައިވާއިރު ރައީސް ޑރ މުހައްމަދު މުއިއްޒަށް މިކަމުގައި ކުރެވޭ ތުހުމަތުން ބަރީއަވެ ސަލާމަތްވުމަކީ ޒާތީނުވެ މިކަމުގައި އޮތް އެމަނިކުފާނުގެ ދުޢާ ކަމަށްވެސް ޑރ ޖަމީލު ވިދާޅުވެފައިވެއެވެ.
ފިރުއައުނާ ނަމްރޫދާ ޝަައްދާދުވެސް ވެރިކަމުގެ ބާރުގައި އެންމެ ބޮޑަށް ދެއްކީ ބޮޑާކަން ކަމަށް ވިދާޅުވެ ޑރ. ޖަމީލު ވަނީ ޑރ. މުއިއްޒަށް ވެރިކަން ލިބުނު ގޮތް ވަންހަނާ ނުކުރެވޭނެ ކަމަށާ ނަމަވެސް އެމަނިކުފާނު ބޮޑާވެގަތީ އިންތިހާ ދަރަޖައަށް ކަމަށް ވިދާޅުވެފައެވެ.
އެގޮތުން ރައީސް މުއިއްޒަކީ، މަކަރުވެރި، އަމާނާތް ނަގާލި، ވައުދު ބޮލާލާ ޖެހި، ދޮގު ހެއްދެވުމުގައި ދެމިހުރި، ބޮޑާ، ކިބުރުވެރި ބޭފުޅެއްކަމަށް މިއަދު ބުނެވޭނެ ކަމަށާ ސަބަބަކީ، ވެރިކަމުގެ މަސްތުގައި ރައީސް މުއިއްޒު ދަތުރުކުރި ހިސާބު ކަމަށްވެސް ޑރ ޖަމީލު ވަނީ ވިދާޅުވެފައެވެ.
ރައީސް މުއިއްޒަކީ އާންމު އިންސާނެއް ކަމާ އެމަނިކުފާނަކީ ކުރިން ޓޭސްޓް ނުކުރެވޭ ބާރު ކުއްލިއަކަށް ޓޭސްޓްވުމުން ރައީސް އަބްދުﷲ ޔާމީނާ ރައްޔިތުންނަށް ޚިޔާނާތްތެރިވި ބޭފުޅެއްގެ ގޮތުގައި ވެސް ޑރ ޖަމީލު ވަނީ ސިފަކުރައްވާފައެވެ. އަދި ރައީސް މުއިއްޒަކީ ވައްކަމާ ކޮރަޕްޝަނަށް ބޮޑުކޮށް ތުހުމަތުކުރެވޭ ބޭފުޅެއް ކަމަށްވެސް ވަނީ ހާމަކުރައްވާފައެވެ.
ޑިމޮކްރަސީތަކުގައި ވެރިންނަށް އޮންނަ ބުރަ ނުވަތަ މަސްއޫލިއްޔަތު ބޮޑުވަނީ އެމީހުންގެ ފަސާދަ ބޮޑުވުމުން ކަމަށާ އެމީހުން ބަލަހަައްޓަނީ ރަައްޔިތުންކަމަށް ވާތީ، މިތަޙްގީގު ފުރިހަމަވާނީ ރައީސް މުއިއްޒަށް ފުރަސަތު ދެއްވައިގެން ކަމަށް ޑރ. ޖަމީލުގެ ޕޯސްޓުގައި ވަނީ ވިދާޅުވެފައެވެ.
އެހެންކަމުން ގައުމުގެ ނިޒާމު ސަމާސާއަކަށް ނުހައްދަވާ މިނިވަން ފުރިހަމަ ތަޙްގީގަކަށް މިކަމުގައި ޖާގަ ދޭން ވާނެކަމަށް ޑރ. ޖަމީލުގެ ޕޯސްޓު ނިންމަވާލައްވަމުން ވަނީ ވިދާޅުވެފައެވެ.










