
ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުގެ ސަރުކާރުން ބޯހިޔާވަހިކަމަށް އެދި ފޯމު ހުށަހެޅުމަށް ހުޅުވާލި ޕޯޓަލް، ސުންގަޑި ހަމަވުމުގެ ކުރިން މައްސަލަޖެހި، ގިނަ ބަޔަކަށް ފޯމު ނުލެވި ޑައުންވެއްޖެއެވެ.
މި ސަރުކާރުގެ ބޯހިޔާވަހިކަމުގެ މަޝްރޫޢުތަކަށް ފޯމު ހުށަހެޅުމަށް ދީފައިވާ އެންމެ ފަހު ވަގުތަކީ މިރޭގެ 23:59 އެވެ. ނަމަވެސް، ވަގުތު ހަމަވާން ގަޑިއިރުތަކެއް ބާކީ އޮއްވައި ޕޯޓަލް ޑައުންވުމުގެ ސަބަބުން، އެންމެ ފަހު ވަގުތު ފޯމު ހުށަހަޅަން މަސައްކަތް ކުރި އެތައް ރައްޔިތުންނެއް ވަނީ ވަރަށް ބޮޑަށް ކަންބޮޑުވުން ފާޅުކޮށްފައެވެ.
ބެލެވޭ ގޮތުގައި ޕޯޓަލްއަށް މައްސަލަ ދިމާވީ އެއްފަހަރާ ގިނަ ބަޔަކު ސައިޓަށް ވަންނަން މަސައްކަތް ކުރުމުގެ ސަބަބުން ސާވަރަށް ބާރުބޮޑުވެގެންނެވެ. މީގެ ކުރިންވެސް އެކި ފަހަރު މަތިން ފޯމު ހުށަހެޅުމުގެ މުއްދަތު އިތުރުކޮށްދީފައިވީ ނަމަވެސް، މިފަދަ މުހިންމު ނިޒާމެއް ގާއިމުކުރާއިރު ދިމާވެދާނެ ޓެކްނިކަލް މައްސަލަތަކަށް ސަރުކާރުން އެކަށީގެންވާ ތައްޔާރުީއެއް ވެފައި ނުވާކަން މި ހާދިސާއިން ހާމަވެއެވެ.
މިކަމާ ގުޅިގެން އާންމުންގެ ފާޑުކިޔުން ސަރުކާރަށް ވަނީ އަމާޒުވެފައެވެ. ޚާއްޞަކޮށް، ބޯހިޔާވަހިކަމަކީ ރައްޔިތުންގެ އެންމެ ބޮޑު ކަންބޮޑުވުން ކަމަށްވާއިރު، ފޯމު ހުށަހަޅާ ފަހު ވަގުތު ޕޯޓަލް ހުއްޓުމަކަށް އައުމަކީ ސަރުކާރުގެ އިދާރީ ހިންގުންތެރިކަމުގެ ފެންވަރު ދަށްވުން ކަމަށް ގިނަ ބަޔަކު ދަނީ ބުނަމުންނެވެ. ބޯހިޔާވަހިކަން ކަށަވަރުކޮށްދޭނެ ކަމަށް ވިދާޅުވި ސަރުކާރަކުން، ފޯމު ހުށަހަޅާނެ އިންތިޒާމުވެސް ރަނގަޅަށް ހަމަނުޖެއްސުމަކީ ބަލައިގަނެވޭނެ ކަމެއް ނޫނެވެ.
މި ޕޯޓަލް ޑައުންވި މައްސަލައިގައި މިނިސްޓްރީ އޮފް ހައުސިންގ، ލޭންޑް އެންޑް އަރބަން ޑިވެލޮޕްމަންޓުން މިހާތަނަށް ރަސްމީ އެއްވެސް ބަހެއް ބުނެފައެއް ނުވެއެވެ. އަދި ޕޯޓަލްއަށް ދިމާވި މައްސަލައާ ގުޅިގެން ފޯމު ހުށަހެޅުމުގެ ވަގުތު އިތުރުކޮށްދޭނެ ކަމެއް ނުވަތަ ނޫންކަމެއްވެސް ސަރުކާރުން ހާމަކޮށްފައެއް ނުވެއެވެ.
ފޯމު ހުށަހެޅުމުގެ މަރުހަލާގައި މިފަދަ ދޯހަޅިކަމެއް ފެނިގެންދިއުމަކީ މަޝްރޫޢުގެ ދެފުށް ފެންނަ މިންވަރާ މެދުވެސް ސުވާލު އުފެދޭ ކަމެއް ކަމަށް ސިޔާސީ މަސްރަޙު ދިރާސާކުރާ ފަރާތްތަކުން ފާހަގަކުރެއެވެ.










