
އަރަބި ކަނޑުން ދަތުރުކުރަމުން ދަނިކޮށް ފަންނީ މައްސަލައެއް ދިމާވެ، ހާލުގައި ޖެހުނު އިންޑިއާގެ މުދާ އުފުލާ ބޯޓަކަށް ޕާކިސްތާނުގެ ކަނޑުގެ ސިފައިން އެހީތެރިކަން ފޯރުކޮށްދީފި ކަމަށް އެގައުމުގެ އަސްކަރިއްޔާއިން ހާމަކޮށްފިއެވެ.
ޕާކިސްތާނުގެ އަސްކަރިއްޔާއިން ނެރުނު ބަޔާނެއްގައި ބުނެފައިވަނީ "އެމްވީ ގައުޓަމް" ނަމަކަށް ކިޔާ މި އުޅަނދުގައި ހަތް ކްރޫ މެމްބަރުން ތިބި ކަމަށެވެ. އޭގެ ތެރޭގައި ހިމެނެނީ އިންޑިއާގެ ހަ ރައްޔިތުންނާއި އިންޑޮނޭޝިއާގެ ރައްޔިތެކެވެ. މި ބޯޓު ހާލުގައި ޖެހުނީ އޮމާނުން ފުރައިގެން އިންޑިއާއަށް ދަތުރުކުރަމުން ދަނިކޮށް ދިމާވި ޓެކްނިކަލް މައްސަލައެއްގެ ސަބަބުން ކަނޑުމަތީގައި ތާށިވެގެންނެވެ.
މި ހާދިސާގެ މައުލޫމާތު ލިބުމާއެކު ޕާކިސްތާނުގެ ނޭވީން ވަނީ "ކަޝްމީރު" ނަމަކަށް ކިޔާ އަސްކަރީ މަނަވަރު އެ ސަރަހައްދަށް ފޮނުވާފައެވެ. ޕާކިސްތާނުގެ ނޭވީން ވަނީ ހާލުގައި ޖެހުނު ބޯޓުގެ ފަޅުވެރިންނަށް ބޭނުންވާ ކާނާއާއި ބޭސްފަރުވާގެ އެހީތެރިކަން ފޯރުކޮށްދީފައެވެ. މީގެ އިތުރުން، އެ މަނަވަރުގައި ތިބި ފަންނީ މާހިރުން ވަނީ ބޯޓަށް ދިމާވި ޓެކްނިކަލް މައްސަލަ ހައްލުކޮށްދީ، އުޅަނދު އަލުން ދަތުރުކުރެވޭ ހާލަތަށް ގެނެސްދީފައެވެ.
މިއީ މިފަދަ ކުރު މުއްދަތެއްގެ ތެރޭގައި ޕާކިސްތާނު ނޭވީން ކަނޑުމަތީގައި ހިންގި މިފަދަ ދެވަނަ އޮޕަރޭޝަނެވެ. މިދިޔަ މަހުވެސް އުތުރު އަރަބި ކަނޑުގައި އޮޕަރޭޓް ކުރަމުން ދިޔަ ވިޔަފާރިވެރި ބޯޓަކުން ފޮނުވި ޑިސްޓްރެސް ކޯލަކަށް އިޖާބަދީ، އެ ބޯޓުގައި ތިބި 18 ފަޅުވެރިން ޕާކިސްތާނު ސިފައިން ވަނީ ސަލާމަތްކޮށްފައެވެ.
ޕާކިސްތާނު ނޭވީން ބުނެފައިވަނީ ބައިނަލްއަގުވާމީ ކަނޑުގެ ސަރަހައްދުގައި ދަތުރުކުރާ އުޅަނދުފަހަރަށް ދިމާވާ މިފަދަ ކުއްލި ހާލަތްތަކުގައި އެހީތެރިކަން ފޯރުކޮށްދިނުމަކީ އެ ގައުމުގެ އަސްކަރިއްޔާއިން އަބަދުވެސް އިސްކަންދޭ ކަމެއް ކަމަށެވެ. މި އެހީތެރިކަމާއެކު އިންޑިއާގެ ބޯޓު މިހާރު ވަނީ އަލުން ދަތުރު ފަށާފައެވެ.










