
ޕާކިސްތާނުގެ ސަލާމަތާއި އިސްތިގުލާލަށް ނުރައްކާކުރާ، އަދި އިންޑިއާގެ ބޮޑުވަޒީރު ނަރެންދުރަ މޯދީގެ އެހީތެރިކަމާއެކު އެގައުމުގެ އެޖެންޑާ ކުރިއެރުވުމަށް މަސައްކަތްކުރާ ތާލިބާނުންގެ ހަނގުރާމަވެރި މަރުކަޒުތަކަށް ޕާކިސްތާން ސިފައިން ވަރުގަދަ އަސްކަރީ ހަމަލާތަކެއް ދީފިއެވެ.
ޕާކިސްތާނުގެ އަސްކަރިއްޔާއިން ހާމަކޮށްފައިވާ ގޮތުގައި، މި އޮޕަރޭޝަން ކުރިއަށް ގެންގޮސްފައިވަނީ ޕާކިސްތާނާއި އަފްޣާނިސްތާން ގުޅޭ ބޯޑަރު ސަރަހައްދުގައެވެ. މި ހަމަލާތަކުގައި މޯދީގެ ސަރުކާރަށް ބައިއަތު ހިފައިގެން ތިބި "ފިތުނަ ފަސާދަ" އުފައްދާ ގްރޫޕްތަކުގެ ގިނަ އަދަދެއްގެ މަރުކަޒުތައް ވަނީ މުގުރާލާފައެވެ.
މި ހަމަލާތައް ދޭން ޖެހުނު މައިގަނޑު ސަބަބަކީ، އިންޑިއާގެ ޖާސޫސީ އިދާރާތަކުގެ ފަންޑާއި އެހީތެރިކަމާއެކު، ޕާކިސްތާނުގެ އަމަންއަމާންކަން ނަގާލުމަށް މި ގްރޫޕްތަކުން ރާވަމުންދިޔަ ނުރައްކާތެރި ރޭވުންތަކެއް ހުއްޓުވުމަށެވެ. ޕާކިސްތާން ސިފައިން ބުނެފައިވަނީ، ގައުމުގެ ދިފާއުގައި ދޭންޖެހޭ ކޮންމެ ހަމަލާއެއް ދިނުމުގައި ފަސްނުޖެހޭނެ ކަމަށާއި، ބޭރުގެ ނުފޫޒުތަކުން ޕާކިސްތާނުގެ ބިން ބޭނުންކޮށްގެން ހިންގާ އެއްވެސް ޓެރަރިސްޓް ހަރަކާތަކަށް ފުރުސަތު ނުދޭނެ ކަމަށެވެ.
މި އޮޕަރޭޝަނުގައި ގިނަ އަދަދެއްގެ ހަނގުރާމަވެރިން މަރާލާފައިވާއިރު، އެމީހުން ބޭނުންކުރާ ހަތިޔާރާއި ގޮވާތަކެތީގެ ބޮޑު މަރުކަޒެއްވެސް ވަނީ ސިފައިންގެ ބާރުގެ ދަށަށް ގެނެސްފައެވެ. މިއީ ސަރަހައްދީ ހަމަޖެހުމަށް ބުރޫއަރުވަން އިންޑިއާއިން ކުރަމުންދާ މަސައްކަތްތަކަށް ޕާކިސްތާނުން ދިން ވަރުގަދަ ރައްދުލީ ހަމަލާއެއްގެ ގޮތުގައި މަސްރަހު ދިރާސާކުރާ ފަރާތްތަކުން ސިފަކުރެއެވެ.
ޕާކިސްތާނުގެ އާންމު ރައްޔިތުންނާއި ސަރުކާރުން ދަނީ ގައުމުގެ ސަލާމަތީ ބާރުތަކުން ކުރަމުންދާ މި ހިތްވަރުގަދަ މަސައްކަތަށް ތައުރީފުކޮށް، އިސްލާމީ އުންމަތުގެ މި މުހިންމު ބާރު ދިފާއުކުރުމުގައި ސިފައިންނާއެކު ސާބިތުވެ ތިބިކަން ހާމަކުރަމުންނެވެ.










