February 28, 2026
Advertisement
Pakistan-Afghan War
Pakistan-Afghan War / އަލްޖަޒީރާ

ޕާކިސްތާން - އަފްޣާން ހަނގުރާމަ: 22 އަމާޒަކަށް ހަމަލާދީ 270 އަށްވުރެ ގިނަ މީހުން ޕާކިސްތާނުން މަރާލައިފި

Aiminath Zawjah
އައިމިނަތް ޒަޢުޖާ
Feb 28, 2026, 12:07 AM
މާލެ ސިޓީ

ޕާކިސްތާނާއި އަފްޣާނިސްތާނުގެ ބޯޑަރު ސަރަހައްދުގައި އިއްޔެ ފެށުނު އަސްކަރީ ކުރިމަތިލުންތަކުގައި، ޕާކިސްތާނުގެ ސަލާމަތާއި ރައްކާތެރިކަން ދިފާއުކުރުމަށް އެ ގައުމުގެ ފައުޖުތަކުން ވަރުގަދަ އޮޕަރޭޝަނެއް ފަށައިފިއެވެ. މި ކުރިމަތިލުންތައް ފެށިފައިވަނީ ބޯޑަރު ސަރަހައްދުގައި ހަރަކާތްތެރިވާ ޓެރަރިސްޓް ގްރޫޕްތަކުން ޕާކިސްތާނުގެ ސަރަހައްދަށް ވަދެގަންނަން ކުރި މަސައްކަތްތަކާ ގުޅިގެންނެވެ.

Advertisement

ޚަބަރުތައް ލިބޭގޮތުގައި، ޕާކިސްތާނު ސިފައިން އިއްޔެ ފުރަތަމަ ހަމަލާ ދޭން މަޖުބޫރުވީ، އަފްޣާނިސްތާނުގައި ތިބި ތާލިބާނުންގެ ހަނގުރާމަވެރިން ބޯޑަރު ހުރަސްކޮށް ޕާކިސްތާނުގެ އާންމުންނަށާއި ސަލާމަތީ ބާރުތަކަށް އަމާޒުކޮށް ތަކުރާރުކޮށް ދެމުންދިޔަ ހަމަލާތައް ހުއްޓުވުމަށެވެ. އަދި މި ހަނގުރާމަވެރިންނަކީ ޕާކިސްތާނުގެ ހަމަޖެހުން ނަގާލުމަށްޓަކައި އިންޑިއާއާ ގުޅިގެން މަސައްކަތްކުރާ ބައެއް ކަމަށް ޕާކިސްތާނުގެ ދިފާއީ ބާރުތަކުން ތުހުމަތުކުރެއެވެ.

ޕާކިސްތާނުގެ އަސްކަރިއްޔާއިން މިއަދު އާންމުކުރި އެންމެ ފަހުގެ މައުލޫމާތުތަކަށް ބަލާއިރު، ޕާކިސްތާނުގެ ވައިގެ ސަފުތަކުން ވަނީ އަފްޣާނިސްތާނުގެ ސަރަހައްދުގައި ހުރި އަސްކަރީ 22 އަމާޒަކަށް ވަރުގަދަ ހަމަލާތަކެއް ދީފައެވެ. މި ހަމަލާތަކުގައި މިހާތަނަށް 274 މީހުން މަރުވެފައިވާ ކަމަށް ޕާކިސްތާނުގެ ރަސްމީ މަސްދަރުތަކުން ކަށަވަރުކޮށްދެއެވެ. މީގެ ތެރޭގައި ގިނައީ ޕާކިސްތާނުގެ އިސްތިގުލާލަށް ނުރައްކާ ކުރަމުންދިޔަ ހަނގުރާމަވެރިންނެވެ.

ޕާކިސްތާނުގެ އަސްކަރިއްޔާއިން ހާމަކުރި ގޮތުގައި، މި ހަމަލާތަކަކީ ގައުމުގެ އިސްތިގުލާލު ދިފާއުކުރުމަށްޓަކައި އެޅި ކޮންމެހެން ބޭނުންތެރި ފިޔަވަޅެކެވެ. އަފްޣާން ފަރާތުން ހަނގުރާމަވެރިން ބޯޑަރު ހުރަސްކޮށް ހިންގާ އުދުވާނީ އަމަލުތަކަށް އިންޑިއާގެ މަދަދު ލިބެމުންދާ ކަމުގެ ހެކިތައް ލިބިފައިވާ ކަމަށްވެސް އެ ގައުމުން ބުނެއެވެ.

މި ކުރިމަތިލުންތަކުގައި ޕާކިސްތާނުގެ ވައިގެ ސަފުތަކާއި އެއްގަމު ފައުޖުތަކުން ގުޅިގެން ދިން ހަމަލާތަކުގައި، އަފްޣާނިސްތާނުގެ ބޯޑަރު ކައިރީގައި ހުރި ހަނގުރާމަވެރިންގެ މަރުކަޒުތަކަށް ބޮޑެތި ގެއްލުންތަކެއް ދީ، އެ ސަރަހައްދު މިހާރު ވަނީ ޕާކިސްތާނުގެ ބާރުގެ ދަށަށް ގެނެސްފައެވެ. ޕާކިސްތާނު ސަރުކާރުން ބުނެފައިވަނީ، ގައުމުގެ އެންމެ އިންޗިއަކަށްވެސް ގެއްލުން ދިނުމުގެ ފުރުސަތު އެއްވެސް ބަޔަކަށް ނުދޭނެ ކަމަށާއި، ދުޝްމަނުންގެ ރޭވުންތައް ނާކާމިޔާބު ކޮށްލާނެ ކަމަށެވެ.

މި ހާދިސާއާ ގުޅިގެން ބޯޑަރުގެ ހުރިހާ ސަރަހައްދެއްގައި ޕާކިސްތާނުން ވަނީ ސަލާމަތީ ފިޔަވަޅުތައް އިންތިހާއަށް ވަރުގަދަކޮށް، ކޮންމެ ފަދަ ހަމަލާއަކަށްވެސް ރައްދުދިނުމަށް ތައްޔާރީ ހާލަތަކަށް ގެނެސްފައެވެ.

ކޮމެންޓު
Channel 13
Copyright © 2013-2026 Media Ring Pvt Ltd.
All rights reserved