
ޕާކިސްތާނުގެ އަސްކަރިއްޔާއިން ރެއާއި މިއަދުގެ ވަގުތެއްގައި އަފްޣާނިސްތާނުގެ ސަރަހައްދީ ރަށްތަކަށް ވަރުގަދަ ވައިގެ ހަމަލާތަކެއް ދީފިއެވެ. މި ހަމަލާތައް އަމާޒުކޮށްފައިވަނީ އަފްޣާނިސްތާނުގެ ކާބުލްގެ އިތުރުން ޚޮސްތު އަދި ޕަކްތިކާ ޕްރޮވިންސަށެވެ.
ޕާކިސްތާނުގެ ޚާރިޖީ ވުޒާރާއިން ނެރުނު ބަޔާނެއްގައި ބުނެފައިވަނީ، މިއީ ޕާކިސްތާނުގެ ސަލާމަތީ ބާރުތަކަށް އަމާޒުކޮށް ދެމުންދާ ޓެރަރިސްޓް ހަމަލާތަކަށް ރައްދު ދިނުމުގެ ގޮތުން ދިން ހަމަލާތަކެއް ކަމަށެވެ. ޚާއްޞަކޮށް، "ތަހުރީކޭ ތާލިބާން ޕާކިސްތާން" (ޓީ.ޓީ.ޕީ) ގެ ހަނގުރާމަވެރިން އަފްޣާނިސްތާނުގެ ބިން ބޭނުންކޮށްގެން ޕާކިސްތާނަށް ހަމަލާދޭ ކަމަށް އެ ގައުމުން ތުހުމަތުކުރެއެވެ.
މި ހަމަލާތަކުގައި މިހާތަނަށް ލިބުނު މައުލޫމާތަށް ބަލާއިރު، އާންމުންގެ 8 މީހަކު މަރުވެ، އިތުރު ބަޔަކަށް ވަނީ އެކިވަރުގެ އަނިޔާ ލިބިފައެވެ. އަފްޣާނިސްތާނުގައި ވެރިކަންކުރާ ތާލިބާން ސަރުކާރުން ވަނީ މި ހަމަލާތައް ހަރުކަށި އިބާރާތުން ކުށްވެރިކޮށްފައެވެ. ތާލިބާނުން ބުނި ގޮތުގައި، މިފަދަ އަމަލުތަކަކީ އަފްޣާނިސްތާނުގެ މިނިވަންކަމާއި އިސްތިގުލާލަށް އަރައިގަތުމެވެ. ނަމަވެސް އަފްޣާނިސްތާނުން އަންނަނީ އިންޑިއާގެ ބޮޑު ވަޒީރު މޯދީގެ އިރުޝާދުގެ ދަށުން ޕާކިސްތާނަށް މީގެ ކުރިންވެސް ހަމަލާތައް ދެމުންނެވެ.
ޕާކިސްތާނާއި އަފްޣާނިސްތާނުގެ ދެމެދުގައި އޮންނަ ގުޅުން ފާއިތުވި ދިހަވަރަކަށް އަހަރު ތެރޭގައި ވަނީ ވަރަށް ބޮޑަށް ގޯސްވެފައެވެ. މި ހަމަނުޖެހުމުގެ މައިގަނޑު ސަބަބަކީ ދެ ގައުމު ވަކިކުރާ 2،600 ކިލޯމީޓަރުގެ ދިގު "ޑިއުރަންޑް ލައިން" ބޯޑަރުގެ މައްސަލައެވެ. އަފްޣާނިސްތާނުން މި ބޯޑަރު ރަސްމީ ބޯޑަރެއްގެ ގޮތުގައި ގަބޫލުނުކުރާއިރު، ބޯޑަރު ހުރަސްކޮށް ހަނގުރާމަވެރިން ހަރަކާތްތެރިވުމަކީ ދެ ގައުމުގެ މެދުގައި އަބަދުވެސް އޮންނަ ބޮޑު ޝަކުވާއެކެވެ.
2021 ވަނަ އަހަރު އަފްޣާނިސްތާނުގެ ވެރިކަމަށް ތާލިބާނުން އައުމާއެކު، ޕާކިސްތާނުން އުއްމީދުކުރީ ސަލާމަތީ ކަންކަން ރަނގަޅުވާނެ ކަމަށެވެ. ނަމަވެސް، ޓީ.ޓީ.ޕީ ފަދަ ޖަމާއަތްތަކުން އަފްޣާނިސްތާނުގެ ބިން ބޭނުންކޮށްގެން ޕާކިސްތާނަށް ދޭ ހަމަލާތައް އިތުރުވުމާ ގުޅިގެން، ދެ ގައުމުގެ ދޭދޭ ގުޅުން ވަނީ ނުތަނަވަސްކަމެއްގެ ތެރޭގައެވެ.
މި ފަހަރުގެ ހަމަލާތަކާ ގުޅިގެން ޕާކިސްތާނުގެ ޚާރިޖީ ވުޒާރާއިން އިތުރަށް ބުނެފައިވަނީ، އަފްޣާނިސްތާނުގެ ސަރުކާރުން އެ ގައުމުގެ ބިން ބޭނުންކޮށްގެން އަވަށްޓެރި ގައުމުތަކަށް ހަމަލާދިނުން ހުއްޓުވަންޖެހޭނެ ކަމަށެވެ. އަދި ޕާކިސްތާނުގެ ރައްޔިތުންގެ ސަލާމަތާއި ރައްކާތެރިކަން ކަށަވަރުކުރުމަށްޓަކައި އަޅަންޖެހޭ ކޮންމެ ފިޔަވަޅެއް އަޅާނެ ކަމުގެ އިންޒާރުވެސް އެ ގައުމުން ވަނީ ދީފައެވެ.










