May 7, 2026
Advertisement
-
- / ދަ އެޑިޝަން

ބަންކަރިން އާމްދަނީ ބިލިއަނަކާ ގާތްވާއިރުވެސް ރައްޔިތުންނަށް ތަކުލީފު

Aiminath Sarah
އައިމިނަތް ސާރާ
May 7, 2026, 11:13 AM
މާލެ ސިޓީ

އެސްޓީއޯއިން އަލަށް ފެށި ބަންކަރިންގެ ހިދުމަތުން މިހާތަނަށް ގާތްގަނޑަކަށް ބިލިއަނެއްހާ ރުފިޔާގެ އާމްދަނީއެއް ލިބިފައިވާ ކަމަށް އިކޮނޮމިކް މިނިސްޓަރު މުހައްމަދު ސައީދު މިއަދު ހާމަކުރައްވައިފިއެވެ. ރައީސް އޮފީހުގައި ބޭއްވި މީޑިއާ ބްރީފިންއެއްގައި ވާހަކަދައްކަވަމުން މިނިސްޓަރު ވިދާޅުވީ، މިދިޔަ އޭޕްރިލް މަހުގެ ނިޔަލަށް މި ހިދުމަތުން 923.46 މިލިއަން ރުފިޔާ ލިބިފައިވާ ކަމަށެވެ.

Advertisement

މިނިސްޓަރު ސައީދު ފާހަގަކުރެއްވި ގޮތުގައި، މިއީ ރާއްޖެއަށް ކުރިއްސުރެ ގެންނަ ތެލުން ލިބުނު އާމްދަނީއެއް ނޫނެވެ. ބަންކަރިންގެ ހިދުމަތަށް ބޭނުންކުރާ ތެލުގެ 85 އިންސައްތަ އާއި 90 އިންސައްތައާ ދެމެދުގެ މިންވަރަކީ ރާއްޖެއަށް މުޅިން އަލަށް ގެންނަ ތެޔޮ ކަމަށް ވިދާޅުވިއެވެ. 

"ދެއަހަރެއް ތެރޭގައި އަދި ބަނދަރު ނެތި މި ފެށުނު މަސައްކަތުން ގާތްގަނޑަކަށް އެއްބިލިއަން ރުފިޔާއާ ހިސާބަށް މިހާރު އާމްދަނީ އިތުރުވެގެން މި އައީ،"މިނިސްޓަރު ވިދާޅުވިއެވެ.

ނަމަވެސް، ދައުލަތަށް މިހާ ބޮޑު އާމްދަނީއެއް ލިބެމުންދާއިރުވެސް، ގައުމުގެ އިގްތިސާދީ ހާލަތު އޮތީ ނާޒުކު ފަށެއްގައެވެ. ދައުލަތުގެ ބަޖެޓު ފޫނުބެދި، މާލީ ދަތިތަކާ ކުރިމަތިލާން ޖެހިފައިވާއިރު، މި ފައިސާއިން ރައްޔިތުންނަށް ލިބޭ ހަގީގީ މަންފާއަކާ މެދު ވަނީ ސުވާލު އުފެދިފައެވެ. ބަންކަރިން ފަދަ ބޮޑެތި މަޝްރޫއުތަކުން ބިލިއަނުން އާމްދަނީ ލިބޭ ކަމަށް ސަރުކާރުން ބުނާއިރު، އާންމު ރައްޔިތުން އުފުލަންޖެހިފައިވާ ތަކުލީފުތަކަށް އެދެވޭ ހައްލެއް ނުލިބެއެވެ.

މިވަގުތު ރާއްޖޭގެ ބާޒާރުގައި ތަކެތީގެ އަގުތައް އިންތިހާއަށް އުފުލިފައިވާއިރު، ހުރިހާ ދިމާލަކުންވެސް ރައްޔިތުންނަށް ދަނީ ދަތިތަކާ ކުރިމަތިވަމުންނެވެ. ދައުލަތަށް ވަންނަ މިފަދަ ބޮޑެތި އާމްދަނީތަކަށް ވާނުވާ އެނގެން ނެތްއިރު، އިގްތިސާދީ ނަތީޖާ އާންމު މީހާގެ ޖީބަށް ފޯރާފައި ނުވާކަން ގިނަ ބަޔަކު ފާހަގަކުރެއެވެ. އެހެންކަމުން، މި ބޮޑު އާމްދަނީ ހަރަދުވަމުންދާ ގޮތާއި، ބަޖެޓުގެ ތާށިކަން ހައްލުނުވާ ސަބަބުތަކާ މެދު އާންމުންގެ މެދުގައި ވަނީ ކަންބޮޑުވުން އުފެދިފައެވެ

ކޮމެންޓު
Channel 13
Copyright © 2013-2026 Media Ring Pvt Ltd.
All rights reserved