May 9, 2026
Advertisement
-
- / ދައުރު

ވައިގަދަވެ ކަނޑުތައް ގަދަވާނެ ކަމަށް ލަފާކޮށް ރާއްޖޭގެ އެންމެ ދެކުނަށް ހުދު ސަމާލު ނެރެފި

Aiminath Sarah
އައިމިނަތް ސާރާ
May 8, 2026, 02:10 PM
މާލެ ސިޓީ

ރާއްޖޭގެ ދެކުނުގެ އަތޮޅުތަކަށް މޫސުން ގޯސްވެ، ވައިގަދަވާނެ ކަމަށް ލަފާކޮށް މޫސުމާ ބެހޭ ގައުމީ އިދާރާ (މެޓް) އިން ހުދު ސަމާލު ނެރެފިއެވެ. މެޓް އޮފީހުން މި ސަމާލު ނެރެފައިވަނީ ފުވައްމުލަކު ސިޓީ އާއި އައްޑޫ ސިޓީ ހިމެނޭ ސަރަހައްދަށެވެ.

Advertisement

މޫސުމާ ބެހޭ އިދާރާއިން ހާމަކޮށްފައިވާ ގޮތުގައި، މިއަދު ހެނދުނު 07:30 އިން ފެށިގެން މެންދުރު 13:00 އާ ހަމައަށް އެ ސަރަހައްދަށް މޫސުން ގޯސްވާނެއެވެ. މި ވަގުތުތަކުގައި އާންމު ގޮތެއްގައި ގަޑިއަކު 19 މޭލާއި 24 މޭލާ ދެމެދުގެ ބާރުމިނުގައި ވައިޖެހޭނެ ކަމަށް ލަފާކުރެވެއެވެ.

މީގެ އިތުރުން، ވިލާގަނޑުގައި ގަޑިއަކު 40 މޭލަށް ވައިގަދަވެ، ކަނޑުތައް ގަދަވާނެ ކަމަށް ލަފާކުރެވޭތީ ދަތުރުފަތުރު ކުރާ ފަރާތްތަކުން ސަމާލުވުމަށް މެޓް އޮފީހުން ވަނީ އިލްތިމާސްކޮށްފައެވެ. މި ހަފްތާ ބަންދަކީ ވެސް ރާއްޖޭގެ ބޮޑު ބަޔަކަށް މޫސުން ގޯސް ދުވަސްތަކެއްގެ ގޮތުގައި އެ އިދާރާއިން ވަނީ ފާހަގަކޮށްފައެވެ.

މެޓް އޮފީހުގެ އޮފިޝަލަކު ވިދާޅުވި ގޮތުގައި، ހުކުރު އަދި ހޮނިހިރު ދުވަހު ވެސް ރާއްޖޭގެ އެކި ހިސާބުތަކަށް ވިއްސާރަ ކުރާނެއެވެ. އެގޮތުން ހުކުރު ދުވަހު ބައެއް ރަށްތަކަށް ވާރޭ ވެހޭނެ ކަމަށް ލަފާކުރެވޭއިރު، ހޮނިހިރު ދުވަހު މޫސުން އިތުރަށް ގޯސްވެ، ގިނަ ހިސާބުތަކަށް ވިއްސާރަ ކުރާނެ ކަމަށް ބެލެވެއެވެ.

މި ދުވަސްވަރަކީ މޫސުން ގޯސް ދުވަސްވަރަކަށް ވާތީ، ހާއްސަކޮށް ކަނޑުދަތުރު ކުރާ ފަރާތްތަކުން މޫސުމަށް ބަލައިގެން ދަތުރުތައް ރޭވުމަށާއި، ރައްކާތެރިކަމުގެ ފިޔަވަޅުތައް އެޅުމަށް ކަމާބެހޭ އިދާރާތަކުން އިރުޝާދު ދެއެވެ.

ކޮމެންޓު
Channel 13
Copyright © 2013-2026 Media Ring Pvt Ltd.
All rights reserved