
45 މޭލަށް ވައިގަދަވާނެ ކަމަށް ލަފާކޮށް ރާއްޖޭގެ ދެކުނަށް ހުދު ސަމާލު ނެރެފިއެވެ.
މޫސުމާ ބެހޭ ގައުމީ އިދާރާ (މެޓް އޮފީސް) އިން މައުލޫމާތު ދޭ ގޮތުގައި، ތ. އަތޮޅުން ފެށިގެން އައްޑޫ ސިޓީއާ ހަމައަށް މިއަދު ހެނދުނު 10:00 އިން ފެށިގެން ހަވީރު 16:00 އާ ހަމައަށް ހުދު ސަމާލު ވަނީ ނެރެފައެވެ.
މި ވަގުތުތަކުގައި އެ ސަރަހައްދަށް ގަޑިއަކު 19 މޭލާއި 24 މޭލާ ދެމެދުގެ ބާރުމިނުގައި ވައިޖެހޭނެ ކަމަށް ލަފާކުރެވޭއިރު، ވިލާގަނޑުގައި ގަޑިއަކު 45 މޭލަށް ވައިގަދަވާނެ ކަމަށް މެޓް އޮފީހުން ލަފާކުރެއެވެ. އަދި މި ދުވަސްވަރަކީ ރާއްޖޭގެ ހުރިހާ ސަރަހައްދަކަށްވެސް މޫސުން ގޯސް ދުވަސްވަރަކަށް ވާތީ، ކަނޑުދަތުރުފަތުރު ކުރާ ފަރާތްތަކުން މޫސުމަށް ހާއްސަ ސަމާލުކަމެއް ދިނުމަށް ވަނީ އިލްތިމާސްކޮށްފައެވެ.
މޫސުން ގޯސްވުމުގެ އިތުރުން، މި ދުވަސްވަރު ރާއްޖޭގެ ވައި ނުސާފުވުމުގެ މައްސަލަވެސް ވަނީ ކުރިމަތިވެފައެވެ. މެޓް އޮފީހުން ފާހަގަކުރާ ގޮތުގައި، ރާއްޖޭގެ މަތީގެ ވައިގެ ދައުރުވުން ހުރިގޮތުން އަވަށްޓެރި ގައުމުތަކުން އަންނަ ހިރަފުހާއި ދުމުގެ އަސަރު ރާއްޖޭގެ ސަރަހައްދަށް ދަނީ ކުރަމުންނެވެ. މީގެ ސަބަބުން ދުރު ފެންނަ މިންވަރު ދަށްވެ، ވައިގެ ފެންވަރު ވަނީ ނުސާފުވެފައެވެ.
އެހެންކަމުން، ވައި ނުސާފުވުމުގެ ސަބަބުން ދިމާވެދާނެ ސިއްހީ މައްސަލަތަކުން ރައްކާތެރިވުމަށް ސަމާލުކަން ދިނުމަށާއި، ކަނޑުދަތުރު ކުރާ ފަރާތްތަކުން އެންމެ ފަހުގެ މޫސުމީ މައުލޫމާތު ހޯދުމަށްފަހު ދަތުރުތައް ރޭވުމަށް ކަމާބެހޭ އިދާރާތަކުން ވަނީ ނަސޭހަތްތެރިވެފައެވެ.










