May 11, 2026
Advertisement
އަތޮޅުތަކަށް މުދާ އުފުލުމުގައި ހަރުދަނާ ސިސްޓަމެއް އޮތުން މިހާރުން މިހާރަށްވެސް މުހިއްމު: ފިރާގު
އަތޮޅުތަކަށް މުދާ އުފުލުމުގައި ހަރުދަނާ ސިސްޓަމެއް އޮތުން މިހާރުން މިހާރަށްވެސް މުހިއްމު: ފިރާގު / ކޯޕަރޭޓް މޯލްޑިވްސް

އަތޮޅުތަކަށް މުދާ އުފުލުމުގައި ހަރުދަނާ ސިސްޓަމެއް އޮތުން މިހާރުން މިހާރަށްވެސް މުހިއްމު: ފިރާގު

May 9, 2026, 02:54 PM
މާލެ ސިޓީ

އަތޮޅުތަކަށް މުދާ އުފުލުމުގައި ހަރުދަނާ އަދި އިންތިޒާމުކުރެވިފައިވާ (ސްޓްރަކްޗަރޑް) ސިސްޓަމެއް އޮތުމަކީ މިހާރުން މިހާރަށް ބޭނުންތެރި ކަމެއް މަޥްހުރު ވިޔަފާރިވެރިޔާ މުހައްމަދު ފިރާގު ވިދާޅުވެއްޖެއެވެ.

Advertisement

އެކްސްގައި ހިއްސާކުރެއްވި ޕޯސްޓެއްގައި، ރާއްޖޭގައި ފްލައިޓުތަކުގެ ގިނަ ޚިދުމަތްތަކެއް ވެސް ދެމުން ގެންދާ އިނަރ މޯލްޑިވަސްގެ ސީއީއޯ ފިރާގު ވިދާޅުވެފައިވަނީ، ރާއްޖޭގެ އެކި ދާއިރާތަކުން ގައުމު ހަލުވިކަމާއެކު ތަރައްގީވަމުންދާއިރު ރާއްޖޭގެ ފެރީ އަދި އޮޑިދޯނިފަހަރު މެދުވެރިކޮށް މުދާ ފޮނުވުމުގައި މިހާރު އޮތް ނިޒާމާމެދު ކަންބޮޑުވާ ކަމަށެވެ.

އެގޮތުން މިހާރު އޮތް ނިޒާމާމެދު ޚިދުމަތް ހޯދާ ފަރާތްތަކުން ސުވާލު އުފައްދަނީ، އެކަމަށް ކަނޑައެޅިފައިވާ ހަރުދަނާ ސިޔާސަތެއް ނެތުމާއި، ސާފު ގަވާއިދުތަކެއް އަދި އެއްހަމައެއްގައި ހިފެހެއްޓިފައިވާ އަގުތަކެއް (ސްޓޭންޑަރޑައިޒްޑް ރޭޓް ސްޓްރަކްޗަރ) ނެތުމުގެ ސަބަބުން ކަމަށް ފިރާގު ހާމަކުރައްވާފައިވެއެވެ.

މީގެ އިތުރުން މުދަލުގެ އިންޝުއަރެންސް ކަވަރޭޖާއި، ޚިދުމަތުގެ މިންގަނޑުތައް ހިމެނޭ ގޮތަށް، ކާގޯ ދަތުރުފަތުރަށް ރަނގަޅު ޤައުމީ ސިޔާސަތެއް ޤާއިމުކުރުން މުހިއްމުކަން ފާހަގަކުރައްވާ ފިރާގު ވަނީ، ގިނަ ދާއިރާތަކުން ގައުމު ތަރައްގީވަމުންދާއިރު، ސްޓްރަކްޗަރޑް ކޮށް މުދާ އުފުލުމަށް ސިސްޓަމެއް އޮތުމަކީ ކޮންމެހެން ބޭނުންތެރި ކަމެއްކަމަށް ވެސް ވިދާޅުވެފައެވެ.

މުދާ އުފުލާ އޮޕަރޭޓަރުންނާއި ކަސްޓަމަރުންނަށް ވެސް ހާމަކަން ބޮޑު ގޮތެއްގައި ކަންކަން ކަށަވަރު ކުރުމަށްޓަކައި، މުދަލުގެ ބަރުދަނާއި، ވޮލިއުމް އަދި ޑެލިވަރީ ކުރަންޖެހޭ ސަރަޙައްދުތަކަށް ބަލައި އަގުތައް އެއް މިންގަނޑަކަށް ފެއްތުން (ސްޓޭންޑަރޑައިޒް ކުރުން) ވަރަށް މުހިއްމުކަން ވެސް ފިރާގު ފާހަގަކުރައްވާފައިވެއެވެ.

މުޅި ސިނާޢަތަށާއި ޤައުމަށް އެންމެ ފައިދާހުރި ގޮތެއްގައި، ހަރުދަނާ އަދި ޢަމަލީ ގޮތުން ތަންފީޒުކުރެވޭނެ ސިޔާސަތުގެ އޮނިގަނޑެއް އެކުލަވާލުމަށް ކަމާބެހޭ ހުރިހާ ފަރާތްތަކުން ގުޅިގެން މަސައްކަތް ކުރާނެކަމަށް އުއްމީދު ކުރައްވާ ޕޯސްޓު ނިންމަވާލައްވަމުން ފިރާގު ވަނީ، ސިނާޢަތާއި ޤައުމުގެ ފައިދާއަށްޓަކައި، ރަނގަޅަށް އިންތިޒާމުކުރެވިފައިވާ، ޢަމަލީ ސިޔާސަތުގެ އޮނިގަނޑެއް ވަރަށް އަވަހަށް ހުރިހާ ފަރާތެއް ގުޅިގެން ތަޢާރަފްކުރަމަށް މަސައްކަތް ކުރުމަށް އެދެމުންނެވެ. 

ކޮމެންޓު
Channel 13
Copyright © 2013-2026 Media Ring Pvt Ltd.
All rights reserved