April 18, 2026
Advertisement
ހަނގުރާމައިގެ ހާލަތުން އަރައިގަތުމަށް ސަރުކާރުގެ ސާފު މިސްރާބެއް ނެތް: ފިރާގު
ހަނގުރާމައިގެ ހާލަތުން އަރައިގަތުމަށް ސަރުކާރުގެ ސާފު މިސްރާބެއް ނެތް: ފިރާގު / ކޯޕަރޭޓް މޯލްޑިވްސް

ހަނގުރާމައިގެ ހާލަތުން އަރައިގަތުމަށް ސަރުކާރުގެ ސާފު މިސްރާބެއް ނެތް: ފިރާގު

Mariyam Isaadha
މަރިޔަމް އިސާދާ
Apr 17, 2026, 07:12 PM
މާލެ ސިޓީ

މެދު އިރުމަތީގެ ހަނގުރާމައިގެ ހާލަތުން އަރައިގަތުމަށް ކުރަންޖެހޭ ކަންކަމުގައި ދިވެހި ރާއްޖޭގެ ސަރުކާރުގެ ސާފު މިސްރާބެއް ފެންނަން ނެތް ކަމަށް މަޝްހޫރު ވިޔަފާރި ވެރިޔާ މުހައްމަދު ފިރާގު ވިދާޅުވެއްޖެއެވެ.

Advertisement

ފިރާގު މިފަދައިން ވިދާޅުވެފައިވަނީ، ރާއްޖޭގެ ފަތުރުވެރިކަމުގެ ސިނާއަތަށް މެދުއިރުމަތީގެ ހަނގުރާމައާ ގުޅިގެން ކުރަމުްނދާ އަސަރުތަކާ ގުޅިގެން ކަންބޮޑުވުން ފާޅުކޮށް މީސްމީޑިޔާގައި ހިއްސާކުރެއްވި ޕޯސްޓެއްގައެވެ.

ފިރާގު ވިދާޅުވެފައިވާ ގޮތުގައި، ރާއްޖޭގެ ފަތުރުވެރިކަމުގެ ސިނާއަތުގައި ހިމެނޭ ރިސޯޓުތަކާއި، ގެސްޓްހައުސްތަކާއި، ހޮޓާތަކުގެ އިތުރުން ސަފާރީތަކުން ދުވާލަކު އެވްރެޖްކޮށް 30،000 އަށްވުރެ ގިނަ އެނދު ހުސްކޮށް ހުރުމަކީ މުޅި ސިނާއަތަށް އޮތް ވަރަށް ސީރިއަސް ކަންބޮޑުވުމެއް ކަމަށެވެ.

ފަތުރުވެރިކަމުގެ ދާއިރާގައި ޚާއްސަކޮށް ފާހަގަކޮށްލެވޭ މި ވިޔަފާރިވެރިޔާ ހާމަކުރައްވާފައިވާ ގޮތުގައި، ދުނިޔޭގެ މަސްރަހަށް އަންނަ ބަދަލުތަކުގެ ސަބަބުން، ރާއްޖެއަށް އެންމެ ގިނައިން ފަތުރުވެރިން އަންނަ ގައުމުތަކުގެ މާކެޓުތަކަށް އޮތް ކޮންޓްރޯލް ކުޑަވި ނަމަވެސް، މި ހާލަތުން އަރައިގަތުމަށް ކުރަންޖެހޭ ކަންކަމުގައި ސަރުކާރާއި ކަމާބެހޭ އިދާރާތަކުގެ ސާފު މިސްރާބެއް ފެންނަން ނެތް ކަމަށެވެ. އަދި މި ހާލަތު ދެމިއޮންނަތާ މަހަކަށްވުރެ ގިނަ ދުވަސް ވެފައިވާއިރު، އަޅަންޖެހޭ ފިޔަވަޅުތަކާމެދު އެއްވެސް އިރުޝާދެއް ލިބިފައި ނުވާކަން އޭނާ ފާހަގަކުރެއްވިއެވެ.

ހަމައެއާއެކު ފިރާގު ވިދާޅުވީ، މިއީ ކަމާބެހޭ ފަރާތްތަކުގެ މެދުގައި މިކަމާ ގުޅޭ ސާފު ތަސައްވުރެއް ނެތުމުން ދިމާވާ ކަމެއްތޯ ނުވަތަ މި ސިނާއަތުގައި ހިމެނޭ ފަރާތްތަކުން ގުޅިގެން ކުރަންޖެހޭ މަސައްކަތްތަކަށް އެއްބާރުލުން ނުލިބެނީތޯ ސުވާލު އުފެދޭ ކަމަށެވެ. އަދި މިއަދު ކުރިމަތިވެފައިވާ މި ގޮންޖެހުންތަކުގެ އިތުރުން، މާދަމާ މިއަށްވުރެ ބޮޑެތި މައްސަލަތަކެއް ކުރިމަތިވެދާނެ ކަމުގެ ބިރު އެބައޮތް ކަމަށްވެސް އޭނާ ވިދާޅުވިއެވެ.

ނާޒުކު ދަނޑިވަޅެއްގައި، ކުއްލި ހާލަތްތަކުގައި އަމަލުކުރާނެ ސާފު "ކޮންޓިންޖެންސީ ޕްލޭން" އެއް ނެތުމަކީ ފަތުރުވެރިކަމުގެ ސިނާއަތުގެ ކުރިމަގަށް އޮތް ވަރަށް ބޮޑު ނުރައްކަލެއްގެ ގޮތުގައި ފިރާގު ސިފަކުރައްވާފައިވެއެވެ.

ފިރާޤު މިހެން ވިދާޅުވެފައިވާއިރު، ފަތުރުވެރިކަމުގެ ދާއިރާގެ އެނދުތައް ހުސްކޮށް ހުންނަ ނިސްބަތް އިތުރުވުމަކީ ދައުލަތަށް ލިބޭ އާމްދަނީއަށާއި މުޅި ސިނާއަތަށް އޭގެ ނޭދެވޭ އަސަރު ވަރަށް ބޮޑަށް ކުރާނެ ކަމެކެވެ. ސަރުކާރުގެ ތަފާސް ހިސާބަށް ބަލާއިރު މިހާރު އެވްރެޖްކޮށް 4000 ބުކިންގ ދަނީ ކެންސަލް ވަމުންކަން ހިސާބުތަކުން ވެސް ހާމަވެއެވެ.

ކޮމެންޓު
Channel 13
Copyright © 2013-2026 Media Ring Pvt Ltd.
All rights reserved