May 10, 2026
Advertisement
މުންދުއަށް، އައިކޮމްގެ ރައްދު: ހާމަކުރަން މަޖުބޫރު މައުލޫމާތު ވެސް ހާމަނުކުރޭ!
މުންދުއަށް، އައިކޮމްގެ ރައްދު: ހާމަކުރަން މަޖުބޫރު މައުލޫމާތު ވެސް ހާމަނުކުރޭ! / އިންފޮމޭޝަން ކޮމިޝަނަރުގެ އޮފީސް

މުންދުއަށް، އައިކޮމްގެ ރައްދު: ހާމަކުރަން މަޖުބޫރު މައުލޫމާތު ވެސް ހާމަނުކުރޭ!

May 9, 2026, 03:16 PM
މާލެ ސިޓީ

މައުލޫމާތު ހޯދުމާއި ލިބިގަތުމުގެ ގާނޫނަށް ސަރުކާރުން ތަބާނުވާ މައްސަލަ ފެންމަތިވެފައި މި ވަނީ ގާނޫނުގެ ނާޖާއިޒު ފައިދާ ހޯދަން ގިނަ ބަޔަކު މަސައްކަތް ކުރަމުންދާ ކަމަށް ސަރުކާރުގެ އިސް ތަރުޖަމާނު މުހައްމަދު ހުސެއިން ޝަރީފު (މުންދު)  ވިދާޅުވާވުމަށް އިންފޯމޭޝަން ކޮމިޝަނަރު އާހިދު ރަޝީދުގެ ވަރުގަދަ ރައްދެއް އަމާޒުކުރައްވައިފިއެވެ.

Advertisement

އާހިދު މުންދުއަށް ރައްދު ދެއްވާފައިވަނީ އެކްސްގައި ކުރެއްވި ޕޯސްޓެއްގައެވެ. އެ ޕޯސްޓުގައި އާހިދު ވަނީ، މައުލޫމާތު ހޯދައި ލިބިގަތުމުގެ ހައްގުގެ ގާނޫނުގެ ނާޖާއިޒު ފައިދާ ބައެއް ފަރާތްތަކުން ނަގަމުންދާ ކަމަށް ސަރުކާރުން ބުނި ނަމަވެސް، އެފަދަ އެއްވެސް ހެއްކެއް ނެތް ކަމަށް ވިދާޅުވެފައެވެ.

އާހިދު ފާހަގަކުރެއްވި ގޮތުގައި މައުލޫމާތު ދިނުމަށް އިންކާރުކުރުމުގެ ބަދަލުގައި، ގާނޫނުގައިވާ ގޮތަށް ލިޔުމުން ޖަވާބުދާރީވުމަކީ ދައުލަތުގެ އިދާރާތަކުގެ ޒިންމާއެއް ނަމަވެސް، ސަރުކާރުގެ ތަރުޖަމާނު ވިދާޅުވީ ގައުމީ ސަލާމަތާއި ޚާރިޖީ ގުޅުންތަކާ ގުޅުންހުރި ބައެއް ނާޒުކު މައުލޫމާތުތައް ހާމަކުރެވެން ނެތް ކަމަށް ކަމަށެވެ.

އާރުޓީއައިތަކާއި ގުޅޭގޮތުން ދެއްކެވި ވާހަކައާއި ގުޅިގެން، މައުލޫމާތު ހޯދައި ލިބިގަތުމުގެ ހައްގުގެ ގާނޫނުގެ ދަށުން ހުށަހަޅާ ހުށަހެޅުންތަކުގެ ތަފާސްހިސާބުތަކުން ހަގީގަތުގައި ފެންނަން ހުރި ކަންކަން ސާފުކޮށްދެއްވަމުން، އާހިދު ވިދާޅުވީ، 2025 ވަނަ އަހަރުގެ މިހާތަނަށް އެ ކޮމިޝަނަށް 712 މައްސަލައެއް ހުށަހަޅާފައިވާ ކަމަށެވެ. އަދި އޭގެ ތެރެއިން 541 މައްސަލައަކީ ނުވަތަ 76 އިންސައްތަ މައްސަލައަކީ، ދައުލަތުގެ އިދާރާތަކުން (މައުލޫމާތު އޮފިސަރު ނުވަތަ މުރާޖައާ ކޮމިޓީން) އެއްވެސް ޖަވާބެއް ދީފައި ނުވުމުގެ ސަބަބުން ހުށަހަޅާފައިވާ މައްސަލަތަކެވެ. މިއީ މައުލޫމާތު ދޭން އިންކާރުކުރުމެއް ނުވަތަ ލަސްވުމެއް ނޫނެވެ. މިއީ މުޅިން ހަނގީގަތެވެ. މިއީ ގާނޫނަށް އަމަލުކުރުމުގައި އޮތް ބޮޑު ގޮންޖެހުމެއްގެ ގޮތުގައި އާހިދު ފާހަގަކުރައްވާފައިވެއެވެ.

ހަމަ އެހެންމެ މައުލޫމާތު ހޯދައި ލިބިގަތުމުގެ ހައްގުގެ ގާނޫނު އޮންނަ ގޮތުން، ދައުލަތުގެ އިދާރާތަކުން މައުލޫމާތު ދޭންޖެހެނީ ހަމައެކަނި މީހަކު އެދުމުންނެއް ނޫނެވެ. އެ ގާނޫނު ލާޒިމުކުރާ ގޮތުގައި، ވަކި މައުލޫމާތުތަކެއް އިސްވެ އަމިއްލައަށް އާންމުކުރަން ޖެހެ އެވެ. ނަމަވެސް، މިއަދާ ހަމައަށް އައިއިރު ސަރުކާރުގެ އެންމެ ވުޒާރާއަކުން ވެސް، އިސްވެ މައުލޫމާތު ހާމަކުރުމަށް ގާނޫނުގައި ކަނޑައަޅާފައިވާ އެންމެ ދަށް މިންގަނޑަށް ވެސް އަމަލުކޮށްފައެއް ނުވެއެވެ. ހުރިހާ ވުޒާރާތަކެއްގެ ތެރެއިން މި މިންގަނޑަށް ފެތެނީ ސުމެއް އިންސައްތަކަން ވެސް އާހިދު ވިދާޅުުވެ ދެއްވާފައިވެއެވެ.

މައުލޫމާތަށް އެދޭ ބައެއް ފަރާތްތަކަކީ "އަސްލު މީހުން" ނޫން ކަމަށް ބުނެ އުޝާމް އަމާޒުކުރެއްވި ތުހުމަތަށް ރައްދު ދެއްވާ އާހިދު ވިދާޅުވެފައިވަނީ، މައުލޫމާތު ހޯދައި ލިބިގަތުމުގެ ހައްގުގެ ގާނޫނުގައި، މައުލޫމާތު ދޭން އިންކާރު ކުރެވޭނެ ވަކި ހާލަތްތަކެއް ސާފުކޮށް ބަޔާންކޮށްފައިވެ އެވެ. އަދި އެފަދަ ހާލަތެއް މެދުވެރިވެއްޖެ ނަމަ، ގާނޫނުގައި ކަނޑައަޅާފައިވާ މުއްދަތުގެ ތެރޭގައި އެކަން އެ ފަރާތަކަށް އަންގަން ޖެހެ އެވެ. މައުލޫމާތަށް އެދޭ ފަރާތާމެދު ސުވާލު އުފެދުނު ކަމުގައި ވިޔަސް، އެއްވެސް ޖަވާބެއް ނުދީ ހަނުހުރުމަކީ ގާނޫނީ ގޮތުން ކުރެވޭނެ ކަމެއް ނޫން ކަމަށެވެ.

ފުރަތަމަ ކަމަށް ނުބައި އިދާރާއަކަށް މައުލޫމާތަށް އެދި ހުށަހެޅުމުގެ ކަންތަކުގައި އޭނާ ވިދާޅުވީ މިކަމުގައި ގާނޫނު ވަރަށް ސާފެވެ. އެފަދަ ހާލަތެއްގައި، އެ މައުލޫމާތެއް ހުރި ރަނގަޅު އިދާރާއަކަށް އެ ހުށަހެޅުން ބަދަލުކޮށްދިނުމަކީ އެ އިދާރާއެއްގެ ޒިންމާއެކެވެ. އެއީ ޖަވާބު ނުދީ ހުރުމަށް އޮތް އުޒުރެއް ނޫންކަމަށް ވެސް އާހިދުގެ ތަފްސީލުގައި ހިމަނުއްވާފައިވެއެވެ.

ބުދަ ދުވަހު އެޓާނީ ޖެނެރަލް އަހުމަދު އުޝާމް ވެސް ވަނީ އާރްޓީއައި ގާނޫނުގެ ނާޖާއިޒު ފައިދާ ނަގަމުންދާ ކަމަށް ތުހުމަތު ކުރައްވާފަ އެވެ. އޭނާ ވިދާޅުވީ ގިނަ އަދަދެއްގެ ހުށަހެޅުންތައް އައުމުގެ ސަބަބުން ދައުލަތުގެ މުއައްސަސާތަކަށް ބާރު ބޮޑުވަމުންދާ ކަމަށެވެ. އެ ވާހަކަތަކަށް ވެސް އާހިދު ޖަވާބު ދެއްވާފައިވެއެވެ.  އެގޮތުން އާހިދު ވިދާޅުވެފައިވަނީ، ގާނޫނުގެ ނާޖާއިޒު ފައިދާ ނިޒާމީ ގޮތެއްގައި ނަގަމުންދާ ކަމުގެ އެއްވެސް ހެއްކެއް ނެތް ކަމަށެވެ. އަދި އެއަށްވުރެ ބޮޑު މައްސަލައަކީ މައުލޫމާތު ހާމަކުރުމަށް ދައުލަތުގެ އިދާރާތަކުން އަދާކުރަންޖެހޭ ގާނޫނީ ޒިންމާތައް އަދާނުކުރުން ކަމަށް އޭނާ ވިދާޅުވިއެވެ.

ކޮމެންޓު
Channel 13
Copyright © 2013-2026 Media Ring Pvt Ltd.
All rights reserved