
"އަދަދު" ނޫހުން ގެނެސްދިންް "އައިޝާ" ޑޮކިއުމަންޓްރީގެ މައްސަލަ ބަލަނީ ޕްރޮސެކިއުޓާރ ޖެނެރަލްގެ އެންގުމަކަށް ކަމަށް ހާމަކޮށްފިއެވެ.
މިފަދައިން ހާމަކޮށްފައިވަނީ، ރައީސް އޮފީހުގެ އިސް ތަރުޖަމާނު މުޙައްމަދު ޙުސައިން ޝަރީފް (މުންދު) ނޫސްވެރިންނާ އެކު ބޭއްވި ބައްދަލުވުމެއްގައެވެ.
މި ބައްދަލުވުމުގައި މުންދު ވިދާޅުވެފައިވާ ގޮތުގައި، ފުލުހުން ހޯމަ ދުވަހުގެ ރޭ "އަދަދު" ނޫސް ހިންގާ އޮފީހަށް ވަދެ ބަލައި ފާސްކޮށްފައިވަނީ ރައީސް އޮފީހުން އެދިގެން ނޫން ކަމަށެވެ. އަދި އެކަން ކުރީ އެ ދުވަހު އޮތް ނޫސްވެރިންގެ ބައްދަލުވުމުގައި ރައީސް ދެއްވި ޖަވާބަކާ ގުޅިގެން ކަމަށް ބައެއް ފަރާތްތަކުން ބުނި ނަމަވެސް، ފުލުހުން އެކަން އަންގާފައިވަނީ އޭގެ މާ ކުރިން ކަމުގެ ޔަޤީންކަން ދީފައިވާ ކަމަށް އޭނާ ވިދާޅުވިއެވެ.
ޕީޖީ އޮފީހުން ފުލުހުންނަށް އަންގާފައިވަނީ އެ ޑޮކިއުމަންޓްރީގައި ހިމެނޭ ސީރިއަސް ތުހުމަތުތަކަކީ ޖިނާއީ ކުށެއް ހިމެނޭ ކަމެއްތޯ ބެލުމަށް ކަމަށާ އަދި އެފަދަ ސީރިއަސް ތުހުމަތުތަކެއް ކުރާއިރު، އެކަންކަން ސާބިތުކޮށް ނުދެވޭނަމަ އެއީ ކުށެއް ކަމަށްވެސް މުންދު ފާހަގަކުރައްވާފައިވެއެވެ.
ބްރޯޑްކާސްޓް ކޮމިޝަނުންވެސް އެ މައްސަލަ ބަލަން ފަށާފައިވަނީ އެ ކޮންޓެންޓް ޢާންމުކުރިތާ މާ ގިނަ އިރުތަކެއް ނުވަނީސް، އެ ކޮމިޝަނުގެ ބޯޑު ބައްދަލުވުމެއް ބާއްވައި ނިންމި ނިންމުމެއްގެ ދަށުން ކަމަށްވެސް މުންދު ވިދާޅުވެފައިވެއެވެ.
މުންދު މިފަދައިން ވިދާޅުވި ނަމަވެސް، ހޯމަ ދުވަހުގެ ނޫސްވެރިންގެ ބައްދަލުވުމުގައި "އަދަދު" ނޫހުގެ ނޫހުގެ ނޫސްވެރިޔާ އެ ޑޮކިއުމަންޓްރީއާ ގުޅުވާ ސުވާލުކުރުމުން އެކަން ދޮގުކުރައްވާ ރައީސް މުހައްމަދު މުއިއްޒު ވަނީ ކަމާ ގުޅުން ހުރި މުއައްސަސާތަކަށް އެކަން ތަހުގީގުކުރުމަށް އަންގާފައިކަން ފާހަގަކޮށްލެވެއެވެ. ލައިވް ޓީވީގައި ރައީސް މުއިއްޒު އެހެން ވިދާޅުވުމާ ހަމައަށް އެ ޑޮކިއުމަންޓްރީ ދެއްކިތާ މަހެއް ފާއިތުވީއިރުވެސް ފުލުހުން އެކަން ތަހުގީގުކުރަމުންދާ ކަމެއް ހާމަކޮށްފައިނުވެއެވެ.










