May 24, 2026
Advertisement
އަމިއްލަ އިސްނެގުމުގެ މަތިން ހާމަކުރަން ލާޒިމުކުރާ މައުލޫމާތުގެ ތެރެއިން ރައީސް އޮފީހުން ހާމަކުރީ 38 އިން ސައްތަ!
އަމިއްލަ އިސްނެގުމުގެ މަތިން ހާމަކުރަން ލާޒިމުކުރާ މައުލޫމާތުގެ ތެރެއިން ރައީސް އޮފީހުން ހާމަކުރީ 38 އިން ސައްތަ! / ރައީސް އޮފީސް

އަމިއްލަ އިސްނެގުމުގެ މަތިން ހާމަކުރަން ލާޒިމުކުރާ މައުލޫމާތުގެ ތެރެއިން ރައީސް އޮފީހުން ހާމަކުރީ 38 އިން ސައްތަ!

May 20, 2026, 04:45 PM
މާލެ ސިޓީ

މައުލޫމާތު ހޯދައި ލިބިގަތުމުގެ ޙައްޤުގެ ޤާނޫނުގެ ދަށުން ދައުލަތުގެ އިދާރާތަކުން އަމިއްލަ އިސްނެގުމުގެ މަތިން ހާމަކުރަން ލާޒިމުކުރާ މައުލޫމާތުގެ ތެރެއިން ރައީސުލްޖުމްހޫރިއްޔާގެ އޮފީހުން ހާމަކޮށްފައިވަނީ އެންމެ 38 އިންސައްތަ މައުލޫމާތުކަން ހާމަވެއްޖެއެވެ.

Advertisement

ގާނޫނުގެ ދަށުން ހާމަކުރުން މަޖުބޫރު މައުލޫމާތުތައް ސަރުކާރުގެ މިނިސްޓްރީތަކުން ހާމަނުކުރާތީ މި މަހުގެ ހަތް ވަނަ ދުވަހު، އިންފޮމޭޝަން ކޮމިޝަނަރު އާހިދު ރަޝީދު ވަނީ ކަންބޮޑުވުން ފާޅުކުރައްވާފައެވެ. އޭގެ ފަހުން ސަރުކާރުގެ އިދާރަތަކުން އާރުޓިއައިގެ މައުލުމާތު ވެބްސައިޓުތަކުގައި ހާމަކުރަން ފަށަފައިވަނިކޮށް، އާހިދު ވަނީ ތަފާސްހިސާބުތަކާ އެކު އެކްސްގައި ޕޯސްޓެއް ކުރައްވާފައެވެ.

އެ ޕޯސްޓެއްގައި ހިއްސާކޮށްފައިވާ ތަފާސްހިސާބުން އެނގޭ ގޮތުގައި އިދާރާތަކުން ވަނީ އެވްރެޖުކޮށް 34 ޕަސެންޓު މައުލޫމާތު ހާމަކޮށްފައެވެ. އެ އިދާރާތަކުގެ ތެރެއިން ރައީސް އޮފީހަށް ހާމަކުރެވިފައިވަނީ ގާނޫނުގައި ބަޔާންކުރާ މިންގަނޑުގެ އެންމެ 38 ޕަސެންޓު މައުލޫމާތެވެ. 

މައުލޫމާތު ހާމަކުރުމުގައި އެންމެ ކުރީގައި އުޅެނީ ފިނޭންސް މިނިސްޓްރީ، އިސްލާމިކް މިނިސްޓްރީ އަދި ޑިފެންސް މިނިސްޓްރީ އެވެ. 50 ޕަސެންޓަށް ވުރެ މަތިން ލިބުނީ އެ ތިން މިނިސްޓްރީއަށެވެ.  ވަކިވަކި މިނިސްޓްރީތަކަށް ބަލާއިރުވެސް މި އަދަދު އިންތިހާއަށް ދަށްކަން ފާހަގަ ކުރެވެއެވެ. އެގޮތުން ބައެއް މިނިސްޓްރީތައް 15 އިންސައްތައަށްވުރެވެސް ދަށެވެ.

އެގޮތުން އެންމެ ދަށުގައި އުޅެނީ ފިޝަރީޒް މިނިސްޓްރީ، ޔޫތު މިނިސްޓްރީ އަދި އާޓްސް މިނިސްޓްރީ އެވެ. އާޓްސް މިނިސްޓްރީން ހާމަކުރަން ޖެހޭ އެއްވެސް މައުލޫމާތެއް ހާމަކޮށްފައި ނުވެއެވެ.

އެކިއެކި އިދާރާތަކަށް ހުށަހަޅާ އާރްޓީއައިއަކަށް ޖަވާބު ނުދީ ބެހެއްޓުމަށްފަހު، ވަރަށް ގިނަ އިދާރާތަކުން ވަގުތު އިތުރުކޮށްދިނުމަށް އެދި ހުށަހަޅަމުންދާކަމަށްވެސް ދާދި ފަހުން އާހިދު ވަނީ ވިދާޅުވެފައެވެ. އެގޮތުން އާހިދު ވިދާޅުވީ، ވަރަށް ގިނަ އިދާރާތަކުން މުއްދަތު އިތުރުކޮށްދިނުމަށް އެދި ހުށަހަޅަމުންދާ ކަމަށާއި، އެކަން ކުރަމުންދަނީވެސް ޤާނޫނުގައި ބުނާ ގޮތަކަށް ނޫން ކަމަށެވެ. އާހިދު ވިދާޅުވި ގޮތުގައި މުއްދަތު އިތުރު ކުރުމަށްފަހު ދެން ލިބޭ ޖަވާބަކީ އެ މައުލޫމާތަކީ ދެވެން ނެތް މައުލޫމާތެއްކަމަށެވެ. އަދި އެއީ ޤާނޫނުގައި އޮތް މުއްދަތުގެ ތެރޭގައިވެސް ބުނެވެން އޮތް އެއްޗެއްކަން އާހިދު ފާހަގަ ކުރެއްވިއެވެ.

އިންފޮމޭޝަން ކޮމިޝަނަރުގެ އޮފީހުން އާންމުކޮށްފައިވާ މިދިޔަ އަހަރުގެ ތަފާސްހިސާބުތަކުން ދައްކާ ގޮތުގައި އެ އޮފީހަށް ހުށަހެޅި 712 ޝަކުވާގެ ތެރޭގައި ގިނައީ އެއްވެސް ޖަވާބެއް ނުލިބިގެން ހުށަހަޅާފައިވާ ޝަކުވާ (487) އެވެ. 

އެންމެ ގިނަ މައްސަލަތައް ރައްދުވާ އެއް އިދާރާއަކީ ރައީސް އޮފީހެވެ. އެ އޮފީހަށް ހުށަހެޅި ގިނަ ހުށަހެޅުންތަކަށް އެއްވެސް ޖަވާބެއް ނުލިބޭ ތަނުގައި، ބައެއް މައްސަލަތަކުގައި އައިކޮމް އިން އެންގުމުން ވެސް އެ މައުލޫމާތު ނުދީ ގިނަ ދުވަސްތަކެއް ކޮށްފައިވެއެވެ.

ނަމަވެސް މި ސަރުކާރުގެ މައުލޫމާތުތައް ނުލިބިގެން، މައުލޫމާތު ހޯދުމާއި ލިބިގަތުމުގެ ހައްގުގެ ގާނޫނުގެ ދަށުން، ރައިޓް ޓު އިންފޮމޭޝަން (އާރްޓީއައި) ފޯމު ހުށަހަޅަން ޖެހޭ ހިސާބަށް ނުދާނެ ކަމަށް ރައީސް ޑރ މުޙައްމަދު މުއިއްޒު ވިދާޅުވެފައިވެއެވެ.

ކޮމެންޓު
Channel 13
Copyright © 2013-2026 Media Ring Pvt Ltd.
All rights reserved