
ކުރީގެ އިމިގްރޭޝަން ކޮންޓްރޯލަރ މުހައްމަދު ޝަމްއާން ވަހީދުގެ ބޮޑެތި ތުހުމަތުތަކެއް ދާޚިލީ ވަޒީރު އަލީ އިހުސާނަށާ ބަންޑަރަ ނައިބު އަހުމަދު އުޝާމަށް އަމާޒުކުރެއްވުމުން މައްސަލަ ބެުމުގެ ބަދަލުގައި މައްސަލަ އޮއްބާލަން ފުލުހުން މަސައްކަތްކުރާ ކަމަށް، ޕީއެންއެފްގެ ރައީސް، ރައީސް އަބްދުﷲ ޔާމީން ތުހުމަތުކުރައްވައިފިއެވެ.
ބުރާސްފަތި ދުވަހުގެރޭ ޕީއެންއެފުން ބޭއްވި ޖަލްސާގައި، ޝަމްއާންއަށް ޖަަލަށް ހުކުމްކުރުމުގެ ކުރިން އެނާ ނޫސްވެރިންނާ ބައްދަލުކޮށް ދެއްކެވި ވާހަކަތަަކުގައި އަސާސެއް ނެތް ކަމަށް ފުލުހުން ބުނެ ބަޔާނެއް ނެރެފައިވާ ވުމަށް ރައީސް ޔާމީން ވަރަށް ބޮޑަށް ފާޑުވިދާޅުވެފައެވެ.
އެގޮތުން އެމަނިކުފާނު ވަނީ، ތުހުމަތުތަކުގައި އަސާސެއް ނެތްކަން ފުލުހުންނަށް އެނގެނީ ކިހިނަކުން ކަމާ މެދު ސުވާލު އުފައްދަވާފައެވެ. ރައީސް ޔާމީން ވިދާޅުވީ ޝަމްއާން ތުހުމަތު އަމާޒުކުރީ އާދައިގެ ބަޔަކަށް ނޫން ކަމަށާ އެހެންކަމުން އެ ތުހުމަތުތަކަކީ އަސާސެއް ނެތް ކަމެއްގެ ގޮތުގައި ފުލުހުންނަށް ބުނަން އެނގެންވާނީ ފުރިހަމަ ތަހުގީގަކަށް ފަހު ކަމަށެވެ.
ޝަމްއާންގެ ފޯނުވެސް ފުލުހުން އަތުގައި އޮވެ، ޝަމްއާން ދައުލަތުގެ އިސް ބަޔަކަށް އަމާޒުކުރި އެވަރުގެ ބޮޑު ތުހުމަތެއް ތަހުގީގުނުކޮށް ދޫކޮށްލައިގެން ނުވާނެކަން ފާހަގަކުރައްވާ ރައީސް ޔާމީން ވިދާޅުވީ، ނަމަވެސް ފެންނަމުން ދަނީ އެ ތުމަތުތަކުގެ ހަގީގަތާ ހަމައަށް ވާސިލްވުމުގެ ބަދަލުގައި ފުލުހުން އެ ތުހުމަތުތަކުގެ މަތި އަޅާ ފިޔަން ޖަހާ އަވަހަށް ފޮރުވަން މަސައްކަތްކުރާ މަންޒަރު ކަމަށް ވެސް ރައީސް ޔާމީން ވަނީ ވިދާޅުވެފައެވެ.
ރައީސް ޔާމީން އިތުރަށް ވިދާޅުވީ، ޝަމްއާންގެ މައްސަަލައަކީ ސިޔާސީ މައްސަލައެއް ނޫން ކަމަށް ސަރުކާރުން ބުނި ނަމަވެސް ޝަމްއާން ޖަލަށްލީ ސިޔާސީ ބަދަލު ހިފުމެއްގެ ތެރެއިން ކަމަށެވެ.










