
މޯލްޑިވްސް މާކެޓިންގ އެންޑް ޕަބްލިކް ރިލޭޝަންސް ކޯޕަރޭޝަން ލިމިޓެޑް (އެމްއެމްޕީއާރުސީ)ގެ ފައިސާ ލޯންޑާކުރި މައްސަލައިގައި ޕޮޕިއުލާ މޯލްޑިވްސްގެ މައްޗަށް ދައުވާކުރަން ފޮނުވައިފިއެވެ.
އޭސީސީން މިއަދު ބުނީ އެ މައްސަލަ އެ ކޮމިޝަންއިން ތަހުގީގުކޮށް ދައުވާކުރަން ޕްރޮސިކިއުޓާ ޖެނެރަލް އޮފީހަށް ހުށަހަޅާފައިވާ ކަމަށެވެ.
އޭސީސީން ބުނީ 2014ވަނަ އަހަރުގެ ފެބްރުވަރީ މަހުން ފެށިގެން 2015ވަނަ އަހަރުގެ އޮކްޓޫބަރު މަހުގެ ނިޔަލަށް ޓޫރިޒަމްގެ ބޭނުމަށް ރަށްތަކާއި ފަޅުތައް ކުއްޔަށް ދޫކޮށްގެން ދައުލަތަށް ލިބެންޖެހޭ ފައިސާގެ ތެރެއިން އެސްއޯއެފް ޕްރައިވެޓް ލިމިޓެޑުން ޕޮޕިއުލާ މޯލްޑިވްސް ޕްރައިވެޓް ލިމިޓެޑްގެ އެކައުންޓަށް ފައިސާ ޖަމާކޮށްފައިވާ ކަމަށެވެ.
އެގޮތުން 13 ޖުލައި 2015ގައި އެސް.އޯ.އެފްގެ ޗެކެއް މެދުވެރިކޮށް 150,000.00 (އެއްލައްކަ ފަންސާސްހާސް) އެމެރިކާ ޑޮލަރު ޕޮޕިއުލާ މޯލްޑިވްސްގެ ބޭންކް އެކައުންޓަކަށް ޖަމާކޮށްފައިވާކަން ތަހުގީގަށް ހޯދިފައިވާ ކަމަށާއި އަދި އެ ފައިސާއަކީ ޑޮލަރު ގަނެވިއްކުމުގެ މުއާމަލާތަކުން ލިބުނު ފައިސާކަމަށް ދެއްކުމަށް އެ ކުންފުނިން މަސައްކަތް ކޮށްފައިވާ ކަމަށެވެ.
ހަމަ އެހެންމެ އެ ފައިސާގެ އަސްލު އޮޅުވާލައި، ފައިސާއާ ގުޅޭ ހައްގުތައް ސިއްރުކުރުމަށާއި، ފައިސާ ލިބުނު ގޮތް އޮޅުވާލުމަށް ޕޮޕިއުލާ މޯލްޑިވްސް އިން މަސައްކަތްކޮށްފައިވާކަން ވެސް ހޯދިފައިވާކަމަށް ބުންޏެވެ.










