ޚުރީގެ ނައިބު ރައީސް އަދީބު / ސޯޝަލް މީޑިއާ
ހަބަރު
އެއް މިލިއަން ރުފިޔާ ދައްކަން އަދީބަށް ހުކުމެއް
Qudhrathullah Ameen
ގުދުރަތުﷲ އަމީން
01 ޖެނުއަރީ 2025
މާލެ ސިޓީ

ކުރީގެ ނައިބު ރައީސް އަހުމަދު އަދީބު ދައުލަތައް ދައްކަން ޖެހިވަޑައިގަންނަވާ އެއް މިލިއަން ރުފިޔާ އެއް މަސްދުވަހުގެ ތެރޭގައި ދައްކަން ސިވިލް ކޯޓުން އިއްޔެ ހުކުމް ކޮށްފި އެވެ.

2 ބިލިއަން ރުފިޔާއަށް ވުރެ ބޮޑު ހިޔާނާތާ ގުޅިގެން އަދީބުގެ މައްޗަށް އޭރު ކުރި ހަތް ދައުވާއަށް އޭނާ އިއުތިރާފުވެވަޑައިގަތުމުން ކްރިމިނަލް ކޯޓުން 5 އޮކްޓޯބަރު 2020ގައި ހުކުމްކޮށްފައި ވަނީ، 20 އަހަރަށް ޖަލަށްލުމާ އެކު ޖޫރިމަނާއެއްގެ ގޮތުގައި އެއް މަސްދުވަސް ތެރޭ 2 މިލިން ރުފިޔާ ދެއްކުމަށެވެ. ނަމަވެސް އަދީބު ކޯޓަށް ދެއްކީ އެއް މިލިއަން ރުފިޔާ އެވެ. ހުކުމުގައިވާ ބާކީ ފައިސާ ނުދައްކަ އެވެ.

މި މައްސަލައަކީ އެ ފައިސާ މިއަދާ ހަމައަށް ވެސް ދައްކާފައިނުވާތީ، މައްސަލައިގެ ހުކުމްކުރާ ތާރީހުން ފެށިގެން ކުރިޔަށް އޮތް މަސްދުވަހުގެ ތެރޭގައި އެ ފައިސާ ދައްކައި ޚަލާސްކުރުމަށް އަދީބުގެ މައްޗަށް ހުކުމްކޮށްދިނުމަށް އެދި ދައުލަތުން ހުށަހެޅި މައްސަލައެކެވެ.

މި މައްސަލައިގައި އަދީބުގެ ފަރާތުން ބުނެފައިވަނީ، އެކީ އެއްފަހަރާ އެ ފައިސާ ދެއްކުމަކީ ދަތިކަމެއް ކަމަށެވެ. އެ ގޮތުން ފައިސާ ދެއްކުމަށް ބޭނުންވާ ގޮތް ލިޔުމުން އެޓާނީ ޖެނެރަލްގެ އޮފީހަށް ހުށަހެޅުމަށް ޓަކައި ހަތް ދުވަހުގެ ފުރުސަތެއް ދިނުމަށެވެ. އެހެން ނަމަވެސް ދައުލަތުން އެ ކަމަށް އެއްބަސްވެފައިނުވާތީ، މައްސަލަ ނިންމަވާއިރު، ޝަރީއަތުގެ އަޑުއެހުމަކާ ނުލައި ހުކުމްކޮށްދިނުމަށް އެދިފައިވެ އެވެ.

މި މައްސަލައިގައި މައްސަލަ ބެއްލެވި ސިވިލް ކޯޓުގެ ކޯޓުގެ ގާޒީ އަހްމަދު ރަޝީދު ހުކުމް ކުރީ ދައުލަތުން އެދުނު ގޮތަށް، މަސްދުވަހުގެ ތެރޭގައި އަދީބު ދައުލަތަށް އެއް މިލިއަން ރުފިޔާ ދައްކައި ޚަލާސް ކުރުމަށެވެ.

އެހެން ނަމަވެސް މި މައްސަލައިގެ ހުކުމާމެދު ހިތްހަމަނުޖެހޭނަމަ، ހުކުމް ކުރާ ދުވަހުން ފެށިގެން މަސްދުވަހުގެ ތެރޭގައި އެ ހުކުމެއް ހައިކޯޓުގައި އިސްތިއުނާފު ކުރުމުގެ އިހުތިޔާރު ލިބިދީފައި އޮވެ އެވެ.

އަދީބަށް 20 އަހަރާއި 2 މިލިއަން ރުފިޔާގެ ލުއި ހުކުމެއް އައިސްފައި ވަނީ، އޭރު ޕްރޮސެކިއުޓާ ޖެނެރަލްގެ އޮފީހުން އޭނާއާ އެކު ހެދި އިއުތިރާފުގެ އެއްބަސްވުމުގެ ދަށުންނެވެ. މިދިޔަ ސަރުކާރުގައި އެ ހުކުމްގެ ބޮޑު ބައެއް "ސިއްހީ ހާލަތު ހުރި ގޮތުން" އަދީބު ހުންނެވީ ގޭބަންދަށް ބަދަލުކޮށްފަ އެވެ.

އަދީބު މިނިވަންވެވަޑައިގެންނެވީ، ކުރީގެ ރައީސް އިބްރާހިިމް މުހައްމަދު ސޯލިހުގެ އެންމެ ފަހު ދުވަސްކޮޅު ހުކުމަށް ދެއްވި ލުއާ އެކު އެވެ. އެއީ 20 އަހަރުގެ ހުކުމް ހަތަރު ދުވަހަށް ކުޑަކޮށްލައިގެންނެވެ.

އަދީބުގެ އަދަބު އޭރު ލުއިކޮށްދީ، މިނިވަން ކުރުމުން ގިނަ ފާޑުކިޔުންތަކެއް އޭރުގެ ރައީސް އިބްރާހިމް މުހައްމަދު ސޯލިހަށް އަމާޒުވި އެވެ. އަދީބު މިނިވަންވުމާ އެކު، މިހާރު ދިރިއުޅުއްވަނީ ރާއްޖެ އިން ބޭރުގަ އެވެ.

ކޮމެންޓު
Copyright © 2013-2025 Media Ring Pvt Ltd.
All rights reserved