

މޯލްޑިވްސް މާކެޓިން އެންޑް ޕަބްލިކް ރިލޭޝަންސް ކޯޕަރޭޝަން (އެމްއެމްޕީއާރުސީ)އިން ރާއްޖޭގެ ފަތުރުވެރިކަން އިޝްތިހާރުކުރުމަށް ސަނީސައިޑް އޮފް ލައިފްގެ ގްލޯބަލް ބްރޭންޑް އެމްބެސަޑަރަކަށް ބޮލީވުޑްގެ ތަރި ކެޓްރީނާ ކައިފް ހަމަޖައްސައިފި އެވެ.
އެމްއެމްޕީއާރުސީން ބުނީ އެ ޕާޓްނާޝިޕްގެ ބޭނުމަކީ ރާއްޖޭގެ ގުދުރަތީ ރީތިކަމާއި ކަނޑުގެ ހިތްގައިމު ދިރުންތަކާއި ހާއްސަ ލަގްޒަރީ ތަޖުރިބާތައް ކުރަން ދުނިޔޭގެ ގިނަ ޓޫރިސްޓުންނަށް ހިތްވަރު ދިނުން ކަމަށެވެ.
ވިޒިޓް މޯލްޑިވްސްގެ ސީއީއޯ އަދި މެނޭޖިން ޑިރެކްޓަރު އިބްރާހިމް ޝިއުރީ ވަނީ އެ މަގާމަށް ކެޓްރީނާ ކަހަލަ ނުފޫޒުގަދަ ތަރިއަކު ހަމަޖެއްސުމާ މެދު އުފާކުރައްވާ ކަމަށް ވިދާޅުވެ، ގްލޯބަަލް ބްރޭންޑް އެމްބެސެޑަ ކެޓްރީނާއަށް މަރުހަބާ ވިދާޅުވެފަ އެވެ.
ކެޓްރީނާއަކީ ބޮލީވުޑްގެ ބޮލްކްބަސްތާ ފިލްމުތަކުގައި މަސައްކަތްކޮށްފައިވާ ފަންނާނެއް ކަމަށްވާއިރު، ވިޔަފާރީގައި ވެސް އޭނާ ވަނީ ގިނަ ކާމިޔާބީތަކެއް ހޯދާފައެވެ. މިގޮތުން، ކެޓްރީނާއަށް ވަނީ އައިކަން އޮފް އެކްސެލެންސްގެ ޝަރަފު ވެސް ލިބިފަ އެވެ.
ސަނީ ސައިޑް އޮފް ލައިފްގެ އެމްބެސަޑަރަކަށް ހަމަޖެއްސުމަށް ގުޅިގެން ކެޓްރީނާ ބުނީ، ރާއްޖެއަކީ ގުދުރަތީ ރީތިކަމާއި ލަގްޒަރީގެ ރަމްޒެއް ކަމަށާއި އެ މަގާމަށް އޭނާ ހަމަޖެއްސުމަކީ ލިބުނު ބޮޑު ޝަރަފެއް ކަމަށެވެ.
މި ކެމްޕެއިންގެ މަގުސަދަކީ ދުނިޔޭގެ އެކި ކަންކޮޅުތަކުގައި ރާއްޖޭގެ ފަތުރުވެރިކަން އިޝްތިހާރު ކުރުން ހަރުދަނާކޮށް، މި އަހަރުގެ ހޫނު މޫސުމުގައި އަދި އޭގެ ފަހުން ވެސް ބުކިންތައް އިތުރުކުރުން ކަމަށެވެ.
ރާއްޖޭގެ ފަތުރުވެރިކަން އިޝްތިހާރުކުރުމަށް ސަނީސައިޑް އޮފް ލައިފްގެ ގްލޯބަލް ބްރޭންޑް އެމްބެސަޑަރަކަށް ބޮލީވުޑްގެ ތަރި ކެޓްރީނާ ކައިފް އާއި ހަވާލުކުރުމުން ޝީސަލް މީޑިއާގައި މީހަކު ވަނީ ތިކަން ކެޓްރީނާ އަށް އިނގޭތޯ ސުވާލުކޮށްފައި އެވެ. އެ ސުވާލު ކުރި ސަބަަބެއް ކަމަށް އޭނާ ބުނީ ކެޓްރީނާގެ ޝޯޝަލް މީޑިއާއިން އެކަން ހާމަ ނުކުރާތީ ކަމަށެވެ.
ފަތުރުވެރި ކަމުގައި ވެސް ރާއްޖެއާއި ވާދަ ކުރަމުން އަންނަ އިންޑިއާ މީހަކަށް ރާއްޖޭގެ ފަތުރުވެރިކަން އިސްތިހާރު ކުރަން ހަވާލުކުރުމުން އެކަމާއި ނުރުހުންފާޅުކުރި މީހަކު "ތޭރަ އޮންލައިން" އަށް މިއަދު ބުނީ އިންޑިއާގެ އެކި ސަރަހައްދުތަކުގައި ޓޫރިޒަމް ފުޅާ ކުރުމަށް މޯދީ ސަރުކާރުން އެގަމުގެ ބަތަލުންނާއި މަޝްހޫރު މީހުންގާތުގައި ބުނަމުންދާ ދަނޑިވަޅެއްގައި ރާއްޖެ އަށް ހެވެއް އެދިގެން އިންޑިއާ މީހަކު ކަމެއް ކޮށްދީފާނެ ކަަމަށް ނުބެލެވޭ ކަމަށާއި ރާއްޖޭގެ ފަތުރުވެރިކަމަށް އިންޑިއާއިން ވާ ފައިދާ އަށްވުރެ ލިބޭ ގެއްލުން ބޮޑު ކަމަށެވެ.
ރާއްޖޭގެ ފަތުރުވެރިކަން އިޝްތިހާރު ކުރުމަށް ގްލޯބަލް އެމްބެސެޑަރަކަށް ބޮލީވުޑްގެ ތަރި ކެޓްރީނާ ކެއިފް މި ހަމަޖެއްސީ އިންޑިއާގެ ބޮޑު ވަޒީރު ނަރަންދެރަ މޯދީ އަންނަ މަހު ރާއްޖެ ވަޑައިގަންނަވާނެ ކަމަށް އިންޑިއާގެ ނޫސްތަކުން ރިޕޯޓްކޮށްފައިވާ ދަނޑިވަޅެއްގައި އެވެ.
"އިންޑިއާ އައުޓް" ހާރިޖީ ސިޔާސަތު ވިއްކައިގެން ވެރިކަމަށް އައުމަށްފަހު މުއިއްޒު ސަރުކާރުން އަންނަނީ އިންޑިއާ އާއި ގާތް "އަދިރި" ގުޅުމެއް ބާއްވަމުން ނެވެ.
މި ގުޅުން މުއިއްޒު ސަރުކާރުން ވަނީ ދިވެހި ރައްޔިތުންނަށް ވެސް ސިއްރުކޮށްފައި އެވެ