May 10, 2026
Advertisement

.
. / ސޯޝަލް މީޑިއާ
ކުއްލި ހަބަރު

އައިޝާ ޑޮކިއުމަންޓްރީގެ ވާހަކަ ނުދެއްކުމަށް ކްރިމިނަލް ކޯޓުން ދިވެހިރައްޔިތުންގެ މައްޗަށް އަމުރުކޮށްފި

May 10, 2026, 09:19 PM

އަދަދު ނޫހުން ގެނެސްދީފައިވާ "އައިޝާ" ޑޮކިއުމަންޓްރީއާ ގުޅިގެން ކްރިމިނަލް ކޯޓުން ބައްލަވަމުން ގެންދަވާ ކްރިމިނަލް ކޯޓުގެ ނަންބަރު 528/Cr-C/2026 ޤަޟިއްޔާގައި، 10 މެއި 2026 ގައި ނެރުއްވާފައިވާ ކޯޓު އަމުރުގައި "އައިޝާ"ގެ ވާހަކަ ނުދެއްކުމަށް ދިވެހި އެންމެހައި ރައްޔިތުންގެ މައްޗަށް ކްރިމިނަލް ކޯޓުން އަމުރުކޮށްފިއެވެ.

Advertisement

ކްރިމިނަލް ކޯޓުގެ އަމުރުގައި ބަޔާންކޮށްފައިވަނީ އިސްވެ ދެންނެވުނު ސަބަބުތައް އެގޮތުގެ މަތިން ހުރުމުން، މި މައްސަލައިގައި ކޯޓުން ވަކި ގޮތެއް ކަނޑައަޅަންދެން، ދެން އެއްވެސް ފަރާތަކުން؛

ދަޢުވާކުރެވިފައިވާ ހާދިސާއާ ގުޅުންހުރި ވީޑިއޯ ޑޮކިއުމަންޓަރީ މުޖުތަމަޢުގެ ތެރޭގައި ދައުރު ނުކުރުމަށާއި، މި ޑޮކިއުމަންޓްރީގައި ގެނެސްދީފައިވާ އެއްވެސް ވާހަކައެއް ސީދާ ގޮތުންނާއި ނުސީދާ ގޮތުންވިޔަސް ނުދެއްކުމަށާއި، ޝަރީޢަތަށް ހުށަހެޅިފައިމިވާ ޑޮކިއުމަންޓަރީ އާ ގުޅުވައި މައްސަލައިގެ ޙަސްމަކާއި ނުވަތަ ކުށުގެ ޝިކާރައަކަށްވީ މީހާ ގެ އެއްވެސް ވާހަކައެއް ނުދެއްކުމަށް އަމުރުކޮށް؛

މިބާވަތުގެ މައްސަލަތަކަކީ ޤާނޫނުއަސާސީގެ 42 ވަނަ މާއްދާގެ (ނ) ގެ (1) ވަނަ ނަންބަރުގައި ބަޔާންކުރާ މުޖުތަމަޢުގެ އަޚްލާޤީ އުޞޫލުތައް ހިފެހެއްޓުމުގެ ގޮތުން، އާންމުކޮށް ހުޅުވާނުލައި ސިއްރު ކޮށްގެން ކުރިއަށް ގެންދެވޭނެ ޝަރީޢަތްތަކެއް ކަމުގައިވާއިރު، މި މައްސަލާގައި ހުށަހަޅާފައިވާ ލިޔުންތަކާއި ޝަރީޢަތާއި ގުޅުންހުރި މަޢުލޫމާތުތައް ނުފެތުރުމަށް އަމުރުކޮށް؛

މިފަދަ ކޮންމެ ކަމަކީ ކޯޓުގެ ޙުރުމަތް ކެނޑުންކަމުގައި ބެލިދާނެ އަމަލެއްކަމުގައި އަންގަމެވެ.

ކްރިމިނަލް ކޯޓުން މިފަދައިން އަމުރުކުރައްވައި، މިއަމުރުގެ ވާހަކަ ނުދެއްކުމަށް އަންގަވާފައިވީނަމަވެސް، މި އަމުރުގެ ވާހަކަ ދިވެހި އެންމެހައި ރައްޔިތުންނަށް ގެނެސްދޭން މަޖުބޫރުވުމާއެކު، ސިއްރުން ކުރިއަށްދާ އައިޝާގެ ޝަރީއަތުގެ ވާހަކަ މި މިންވަރަށް ހާމަކުރުމަކީ، ޝަރީޢަތާއި ގުޅުންހުރި މައުލޫމާތު ފެތުރުންކަމަށް މާނަނުކުރެވޭނެކަމަށް މި ނޫހަށް ޤާނޫނީ ލަފާ ލިބިފައިވެއެވެ.

ކްރިމިނަލް ކޯޓުން މިއަމުރު ނެރުއްވާފައިވަނީ ދިވެހި އެންމެހައި ރައްޔިތުންގެ މައްޗަށް ކަމަށްވުމާއެކު، އަމުރުގައި އޮތްއެއްޗެއް އިތުރަށް ސާފުކުރައްވަން ބޭނުންފުޅުވެލައްވާ ހުރިހާ ދިވެހިރައްޔިތުން، އަމުރުގެ ކޮޕީއެއް ހޯދުމަށް ޝަރީޢަތަށް ލިޔުއްވުމަށް، މިނޫހުގެ ފަރާތުން އިލްތިމާސް ކުރަމެވެ.

މިނޫހަށް މަޢުލޫމާތު ލިބިފައިވާ ގޮތުގައި، ކްރިމިނަލް ކޯޓުން މި އަމުރު ނެރުއްވުމާއި ގުޅިގެން، މި އަމުރާ ޙަވާލާދީ، ދިވެހިރާއްޖޭގެ އެންމެހައި މީޑިއާތަކަށް، އައިޝާގެ ވާހަކަ ނުދެއްކުމަށް އަންގައި އަމުރުތައް ފޮނުވުމަށް، މޯލްޑިވްސް މީޑިއާ އެންޑް ބްރޯޑްކާސްޓިން ކޮމިޝަންގެ ފަރާތުން މިހާރުދަނީ މަސައްކަތްކުރަމުންނެވެ.

ކޮމެންޓު
Channel 13
Copyright © 2013-2026 Media Ring Pvt Ltd.
All rights reserved