
"އަދަދު" ނޫހުގެ ދެ ނޫސްވެރިން ކަމަށްވާ ލީވާން އަލީ ނާސިރާއި މުހައްމަދު ޝަހުޒާން ޖަލަށްލުމަށް ކްރިމިނަލް ކޯޓުން މިއަދު ކުރި ޙުކުމަކީ ރައީސް މުޢިއްޒުގެ މަޞްލަޙަތު އޮތް އަނިޔާވެރި އަމަލެއް ކަމަށް ވިދާޅުވެ ޕީއެންއެފްގެ ނައިބު ރައީސް ޑރ. މުހައްމަދު ޖަމީލް އަހުމަދު ވަރަށް ބޮޑަށް ފާޑުވިދާޅުވެއްޖެއެވެ.
ޑރ.ޖަމީލް ކުރެއްވި އެކްސް ޕޯސްޓެއްގައި ވިދާޅުވީ، ކޯޓުގެ މި ނިންމުމުގެ ސަބަބުން އަދުލު އިންސާފުގެ ނިޒާމަށް ރައްޔިތުން ކުރާ އިތުބާރު އިތުރަށް ގެއްލިފައިވާ ކަމަށާއި، ފަނޑިޔާރުންނަކީ އަނިޔާވެރިކަމުން ދުރުހެލިވުމަށް އޮތް ނަބަވީ އިރުޝާދަށް ތަބާވާންޖެހޭ ބައެއް ކަމަށެވެ.
ޚަބަރެއް ލިޔެގެން ލީވާން 10 ދުވަހަށް އަދި ރައީސާ ސުވާލުކޮށްގެން ޝަހުޒާން 15 ދުވަހަށް ޖަލަށްލާން ކުރި ޙުކުމަށް އިޝާރާތް ކުރައްވައި ޑރ. ޖަމީލް އިތުރަށް ވިދާޅުވީ، ދިވެހިން އަނިޔާއަކަށް ބިރު ނުގަންނާނެ ކަމަށާއި މިއީ ނޫސްވެރިންނަށް އަނިޔާވެރި ސަރުކާރެއް ކަމަށެވެ.
ޝަހުޒާން ބަންދުގައި ބަހައްޓަން އަމުރުކުރީ "އަދަދު" ނޫހުން ނެރުނު ވީޑިއޯ ޑޮކިއުމެންޓްރީއާ ގުޅޭ އެއްވެސް ވާހަކައެއް ދެއްކުން ކޯޓުން މަނާކޮށް އަމުރެއް ނެރެފައި ވަނިކޮޮށް، ރައީސް އޮފީހުގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި އެކަމާ ސުވާލުކުރުމުންނެވެ.
ކްރިމިނަލް ކޯޓުން ކުރިން ނެރުނު އަމުރުގައި އަންގާފައި ވަނީ "އަދަދު" ނޫހުން އާންމުކުރި ވީޑިއޯ ޑޮކިއުމެންޓްރީ މުޖުތަމައުގެ ތެރޭގައި ދައުރު ނުކުރުމަށާއި ޑޮކިއުމެންޓްރީގައިވާ އެއްވެސް ވާހަކައެއް ސީދާ ގޮތުންނާއި ނުސީދާ ގޮތުން ވެސް ނުދެއްކުމަށެވެ.
އެގޮތަށް އަމުރު ނެރެފައި ވަނީ "އަދަދު"ގެ ސީއީއޯ ހުސައިން ފިޔާޒު މޫސާ އަދި އެޑިޓަރު ހަސަން މުހައްމަދުގެ މައްޗަށް ގަޒުފު ކުރުމުގެ ދައުވާ އުފުލައި، އެފަދަ އަމުރެއް ނެރެދޭން ދައުލަތުން އެދުމުންނެވެ. އެ މައްސަލައިގެ ޝަރީއަތް މާދަމާ ފަށަން ވަނީ ތާވަލުކޮށްފަ އެވެ.










