
"އަދަދު" ނޫހުން ގެނެސްދިން "އައިޝާ" ޑޮކިއުމަންޓްރީ ތައްޔާރުކުރުމުގައި ބައިވެރިވުން އޮތް ކަމުގެ ތުހުމަތހުގައި ތަހުގީގުގައި ސުވާލު ކުރެބުނު، ރައީސް އަޮފީހުގެ ކުރީގެ މުވައްފަޒު އައިޝަތު އީޝާ އަޝްރަފުއާ މެދު ދައުވާ ކުރުމަށް އަދި ގޮތެއް ނުނިންމާ ކަމަށް ޕްރޮސެކިއުޓަރ ޖެނެރަލްގެ އޮފީހުން ހާމަކޮށްފިއެވެ.
އެ އޮފީހުން މިފަދައިން ހާމަކޮށްފައިވަނީ، އެ ޑޮކިއުމަންޓްރީއާ ގުޅިގެން، "އަދަދު"ގެ ސީއީއޯ ހުސައިން ފިޔާޒު މޫސާ އާއި އެ ނޫހުގެ މެނޭޖިން އެޑިޓަރު ހަސަން މުހައްމަދަށް ކުރި ދައުވާތަކުގެ ޝަރީއަތް ކްރިމިނަލް ކޯޓުން މިދިޔަ ބުދަ ދުވަހު ފަށާފައިވާއިރު، އީޝާއަށް އަދި ދައުވާ ނުކޮށް އޮތުމުން މީޑިޔާއިން ކުރި ސުވާލަށް ޖަވާބު ދެމުންނެވެ.
ޕީޖީ އޮފީހުގެ ތަރުޖަމާނު އަދި ޕަބްލިކް ޕްރޮސެކިއުޓަރު އަހްމަދު ޝަފީއު މިއަދު ވިދާޅުވީ، މި މައްސަލައިގައި އީޝާއަށް ދައުވާ ކުރުމާ މެދު އަދި ގޮތެއް ނުނިންމާ ކަމަށެވެ. އަދި މައްސަލައިގައި އީޝާގެ ތަހުގީގުގެ ބައި އަދިވެސް ދަނީ ކުރިއަށް ކަމަށް އޭނާ ވިދާޅުވިއެވެ. މިކަމާ ގުޅިގެން ފުލުހުންގެ ބަހެއް އަދި ލިބިފައި ނެތެވެ.
އީޝާއަށް ދައުވާ ކުރުމާ މެދު ގޮތެއް ނުނިންމާ ކަމަށް ޕީޖީ އޮފީހުން ބުނެފައިވާއިރު، އީޝާގެ ގާނޫނީ ވަކީލު، އަލްއުސްތާޛު ހުސެއިން ޝަމީމު ވަނީ މައްސަލަ އިތުރަށް ކުރިއަށް ދާނެހެން ހީނުވާ ކަމަށް ކުރިން ވިދާޅުވެފައެވެ.
ރައީސް މުހައްމަދު މުއިއްޒުގެ ތުހުމަތުތަކެއް ކޮށް 'އަދަދު' ނޫހުން މިދިޔަ މާޗު މަހުގެ ފަހުކޮޅު ގެނެސްދިން ޑޮކިއުމެންޓްރީގެ މައްސަލައިގެ ތަހުގީގަށް، މި މަހު ކުރީކޮޅު އީޝާ ދެ ފަހަރެއްގެ މަތިން ފުލުސް އިދާރާއަށް ހާޒިރު ކުރި އެވެ. އެގޮތުން:
އެންމެ ފުރަތަމަ އީޝާ ހާޒިރުކޮށްފައި ވަނީ، މި މަހުގެ 5 ވަނަ ދުވަހުގެ ރޭ އަދި ދެ ވަނަ ފަހަރަށް ޖެހިގެން އައި ދުވަހު ހަވީރު ހާޒިރު ކުރި
އެ މައްސަލައިގައި 'އަދަދު'ގެ އިސް ދެ ވެރިއަކަށް ޕީޖީ އޮފީހުން ވަނީ މި މަހުގެ 10 ވަނަ ދުވަހު ގަޒުފް ކުރުމުގެ ދައުވާ އުފުލާފައި؛ އެެ ދައުވާތަކުގެ ޝަރީއަތް މިހާރު ވަނީ ފަށާފައި އެވެ.
އެ ޝަރީއަތް ނިމެންދެން އެ މައްސަލައިގައި ހިމެނޭ ޑޮކިއުމަންޓްރީގެ ވާހަކ އަދި ޑޮކިއުމަންޓްރީއާ ގުޅުން އެއްވެސް ކަމެއްގެ ވާހަކަ ވެސް ނުދެއްކުމަށް އަންގާ، ކުރިމިނަލް ކޯޓުން ވަނީ "ގެގް" އޯޑަރެއް ނެރެފައެވެ.










