
ފެންނަ މަންޒަރު ތަކުން ރައްޔިތުން ގަބޫލް ކުރަނީ ޖިނާއީ އަދުލުގެ ނިޒާމު، "އައިޝާ" ޑޮކިއުމަންޓްރީ މައްސަލާގައި އޮތީ ރައީސުލްޖުމްހޫރިއްޔާ ބޭނުން ގޮތަކަށް، ޖަހާކޮންމެ ސަކަރާތަކަށް ނަށަން ތައްޔާރަށް ކަމަށް ކަން ކުރީގެ ނައިބު ރައީސް ޑރ މުހައްމަދު ޖަމީލު އަހުމަދު ވިދާޅުވެއްޖެއެވެ
ވަކި މައްސަލައެއް ނިމެންދެން ވަކި ވާހަކަތަކެއް ނުދެއްކުމަށް ކޯޓުން ދިވެހި ރައްޔިތުންގެ މައްޗަށް އަމުރެއް ނެރެފައިވަނިކޮށް އެކްސްގައި ޑރ ޖަމިލު ކުރެއްވި ޕޯސްޓެއްގައި ވިދާޅުވެފައިވަނީ ފަނޑިޔާރުން ގޮތް ނިންމަންވާނީ ގާނޫނާއި ގާނޫނު އަސާސީއާ އެއްގޮތަށް ކަމާ ވަކި ގޮތަކަށް ކަނޑައަޅާފައި ނުވާ ކަންތައްތަކުގައި އިސްލާމީ ޝަރީއަތާ އެއްގޮތަށް ނިންމަން ގާނޫނުއަސާސީގެ 142 ވަނަ މާއްދާ ލާޒިމް ކުރާ ކަމަށެވެ.
އެގޮތުން ޑރޖަމީލު ވަނީ ބައެއް ކަންކަން ފާހަގަކުރައްވާފައެވެ.
އޭގެ ތެރޭގައި ހިމެނެނީ:
ކުރިމިނަލް ކޯޓުން އެ ކޯޓަށް ހުށަހެޅުނު "އައިޝާ" ޑޮކިއުމަންޓްރީ ގައި ރައީސް، ޑރ. މުއިއްޒަށް ކުރި ތުހުމަތުގެ މައްސަލާގައި "އަދަދު" ނޫހުގެ ވެރިންގެ މައްޗަށް އުފުލާފައިވާ ދައުވާއާއި ގުޅިގެން އިއްޔެ ނެރުނު ކޯޓުގެ ހުރުމަތް ނަގާލުމުގެ އަމުރު ނެރެފައިފައިވަނީ ގާނޫނީ ނައްޞެއްނެތި އަދި ނުބައިކޮށް ސުޕްރީމް ކޯޓުގެ ދެއަމުރެއް ތަރުޖަމާކޮށްގެން ކަން ނުވަތަ ޕީޖީ އެދުނު ތަރުޖަމާ ގާނޫނީ ގޮތުން ބެލުމެއް ނެތި ގަބޫލްކޮށްގެން ކަން.
ކޯޓުން ޙަވާލާދީފައިވާ ސުޕްރީމް ކޯޓުގެ ދެއަމުރުގެ ދާއިރާވެސް އަމާޒުކޮށްފައިވަނީ ކަނޑައެޅިފައިވާ ވަކި ޒިންމާ އަދާކުރާ ބަޔަކަށް ކަމާ އަމުރުވަނީ ވަކި ގޮތަކަށް މުޢައްޔަން ކުރެވިފައިކަން. ވަކިން ޚާއްސަކޮށް ފަހު އަމުރު އަމާޒުކޮށްފައިވަނީ އަސާސީ ޙައްގު ހިމާޔަތް ކުރާ ފަރާތްތަކުގެ މައްޗަށްކަން. އެއީ ފުލުހުންނާ ޕީޖީން ޖިނާއީ ދައުވާއަކާ ގުޅިގެން ތުހުމަތު ކުރެވޭ ފަރާތުގެ ޙައްގަށް އުނިކަން ލިބޭ ގޮތަށް ކުށް ސާބިތުވުމުގެ ކުރިން ވާހަކަ ނުދެއްކުމަށް ކޮށްފައިވާ އަމުރެއްކަމަށް ބެލެވޭކަން.
ޖުމްލަކޮށް ސިޔާސީ ޕާޓީއަކަށް ނުވަތަ އާންމު ރައްޔިތުންނަށް ނިސްބަތްކޮށް ކޯޓްތަކުގެ ޙުރުމަތް ނަގާލުމޭ ކިޔާ މިގޮތަށް އަމުރު ކުރުމުގެ ބާރު ކޯޓްތަކަށް ލިބިގެން ނުވާ ކަމާ އަދި އެއީ ޖުޑިޝަލް ނިޒާމު މަސައްކަތްކުރާ ގޮތެއްވެސް ނޫންކަން،
މިއީ ކްރިމިނަލް ކޯޓުން ގާނޫނީ ބާރު ނެތި ކޮށްފައިވާ ގާނޫނީގޮތުން ގޯސް އަމުރެއް ކަން މިއީ އެމަނިކުފާނު ފާހަގަކުރައްވާފައިވާ ކަންކަމެވެ.
މީގެ އިތުރުން، ފަނޑިޔާރުން މަސައްކަތް ކުރަންވާނީ އެއްވެސް ފަރާތެއްގެ ނުފާޒާއި ބިރެއް ނެތިކަމަށް ގާނޫނުއަސާސީގެ 142 ވަނަ މާއްދާގައި ބުނަނީ މިފަދަ ކަންތަކުގައި ރައީސަކަށް ވީތީ ނުވަތަ ވަކި މީހަކަށް ވީތީ ކޯޓުގެ ނިޒާމު ނަހަމަ ގޮތުގައި ބޭނުންކުރަން ޖާގަ ނުދިނުމަށް ކަން ފާހަގަކުރައްވާ، ޑރ. ޖަމީލު ވަނީ ނަމަވެސް ފެންނަ މަންޒަރު ތަކުން ރައްޔިތުން ގަބޫލް ކުރަނީ ޖިނާއީ އަދުލުގެ ނިޒާމު މިމައްސަލާގައި އޮތީ ރައީސް ބޭނުންގޮތަކަށް ޖަހާކޮންމެ ސަކަރާތަކަށް ނަށަން ތައްޔާރަށް ކަމަށް ވެސް ޑރ ޖަމީލު ވަނީ ވިދާޅުވެފައެވެ.










