
ވަކި މައްސަލައެއް ނިމެންދެން ވަކި ޑޮކިއުމަންޓްރީއެއްގެ ވާހަކަ ނުދެއްކުމަށް ކުރިމިނަލް ކޯޓުން ނެރުނު އަމުރަކީ ކޯޓުގެ އަމުރަކީ ގާނޫނުއަސާސީ އާއި ނެޗުރަލް ލޯގެ ޕްރިންސިޕަލްސް ތަކާއިވެސް ޚިލާފު އެއްޗެއް ކަމަށް ގާނޫނީ ވަކީލު އަލީ ހުސެއިން ވިދާޅުވެއްޖެއެވެ.
އަލީ މިފަދައިން ވިދާޅުވީ، ދާދި ފަހުން އަދަދު ނޫހުން ގެނެސްދިން ޑޮއިއުމަންޓްރީއެއްގެ މައްސަލައިގައި ބަޔަކަށް ދައުވާ އުފުލާ ކުރިމިނަލް ކޯޓަށް ޕީޖިއިން މައްސަލަ ހުށަހަޅަފައިވަނިކޮށެށް އެ މައްސަލަ ވަކި ގޮތަކަށް ނިމެންދެން އެ މައްސަލައިގައި ހިމެނޭ ޑޮކިއުމަންޓްރީ ފެތރުމާ އޭގައި ހިމެނޭ ވާހަކަތައް ވެސް އަމިއްލަ ފަރުދުން ވެސް ނުދެއްކުމަށް ކުރިމިނަލް ކޯޓުން އަމުރުކޮށްފައިވަނިކޮށެވެ.
އެ މައްސަލައިގައި ގާނޫނީ ގިނަ ބަހުސްތަކެއް ކުރިއަށް ދަނިކޮށް އަލީ އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ، ކުރިމިނަލް ކޯޓުން ނެރެފައިވާ އަމުރަކީ އެ އަމުރު ރައްދުވާ ފަރާތުގެ ބަހެއް ނެތި އަދި އެ ފަރާތަށް ދިފާއުވުމުގެ ފުރުސަތުވެސް ނުދީ ނެރެފައިވާ އަމުރަކަށް ވާތީ އެއީ ގާނޫނުއަސާސީ އާއި ނެޗުރަލް ލޯގެ ޕްރިންސިޕަލްސް ތަކާއިވެސް ޚިލާފަށް ނެރެފައިވާ ޣައިރު ގާނޫނީ އަމުރެއް ކަމަށް އޭނާއަށް ފެންނަ ކަމަށެވެ.
އަލީ މިފަދައިން ވިދާޅުވެފައިވާއިރު، ދިވެހިރާއްޖޭގެ އެއްވެސް ކޯޓަކަށް އެފަދަ އަމުރެއް ނުނެރެވޭނެ ކަމަށާ އެއީ ކޯޓުތަކަށް ލިބިފައިވާ ބާރެއް ނޫން ކަމަށް ގާނޫނުއަސާސީ އެކުލަވާލި ޚާއްސަ މަޖިލީހުގެ މެންބަރު އިބްރާހިމް އިސްމާއިލް ވެސް ވިދާޅުވެފައިވެއެވެ. ގާނޫނުއަސާސީ ޑްރާފްޓް ކުރި ކޮމެޓީގެ މުޤައްރިރުކަން ވެސް ކުރެއްވި އިބުރާ އާންމުކޮށް ހުރިހާ ރައްޔިތުންގެ މައްޗަށް ކަމެއް މަނާކުރުމުގެ ބާރު ގާނޫނުއަސާސީން ދީފައިވަނީ ރައްޔިތުންގެ މަޖިލީހަށް ކަމަށެވެ.










