ރައީސް އަބްދުﷲ ޔާމީން އަބްދުލްގައްޔޫމަށް ކުރީ ސަރުކާރުން ދެއްވާފައި ހުރި ލުއިތަކުން، އެއްވެސް ހަރަކާތެއް ކުރައްވަފާނެތީ ބަޔަކު އުޅެނީ ބިރުން ކަމަށް އެމަނިކުފާނުގެ އިސްގާނޫނީ ވަކީލް އަދި ކުރީގެ ނައިބު ރައީސް ޑރ.މުހައްމަދު ޖަމީލް އަހްމަދު ވިދާޅުވެއްޖެއެވެ.
ޑރ.ޖަމީލް މިފަދައިން ވިދާޅުވެފައިވަނީ ޗެނަލް 13 ގެ ވީކެންޑް ވިތް ޑރ.ޖަމީލް ޕްރޮގްރާމްގައި ވާހަކަ ދައްކަވަމުންނެވެ.
އެގޮތުން ޑރ.ޖަމީީލް މިފަދައިން "ބަޔަކު" މި ބަސް ބޭނުން ކުރައްވާފައިވަނީ އަދުގެ ސަރުކާރުގެ އިސްފަޑީގައި ތިއްބަވާ ފަރާތްތަކަށް އަމާޒުކުރައްވައިގެންނެވެ.
ޑރ.ޖަމީލް ވިދާޅުވީ ޔޫތް ސިޓީގައި އޮތް މާހެފުމަކަށް ރައީސް ޔާމީން ވަޑައިގެންނަވައިގެން އެމަނިކުފާނަށް ދެއްވާފައިވާ ލުއި ތަކާއި ޚިލާފްވެފައިނުވާކަމަށެވެ.
މާހެފުމަށް ވަޑައިގެން އެ ސަރަހައްދުގައި ތިއްބެވި ފަރާތްތަކާ ބައްދަލު ކުރައްވާފައިވާއިރު އެއީ އެމަނިކުފާނަށް ދެއްވާފައިވާ ލުއި ތަކުގެ ތެރެއިން މީހުންނާ ބައްދަލު ކުރުން ބައިގައި ހިމެނޭ ބައެއް ކަމަށްވެސް ޑރ.ޖަމީލް ވިދާޅުވިއެވެ.
މާހެފުމަށް ވަޑައިގެން ޕޯޑިއަމަކަށް އަރައި ވާހަކަ ދައްކަވާ ނޫސްވެރިންނަށް އެއްވެސް މައުލޫމާތެއް ވެސް ރައީސް ޔާމީން ދެއްވާފައިނުވާއިރު ސަބަބަކާ ނުލައި އަދުގެ ސަރުކާރުން އެމަނިކުފާނަށް ކުރީ ސަރުކާރުން ދީފައިވާ ލުއިތައް ރިވިޔު ކުރަން އުޅޭތީވެސް ސާބިތުވެގެން ދަނީ އެމަނިކުފާނު ކަމެއް ކުރައްވާފައިނެތީ ސަރުކާރުން ބިރުން އުޅޭ މިންވަރުކަމަށްވެސް ޑރ ޖަމީލް ވިދާޅުވިއެވެ.
މިހާރު މިއުޅޭ ކަމަކީ މުޅިން އެހެން ކަމެއް. އަޅުގަނޑަށް ދެން މި ފެންނަނީ ދެއްވި ލުއިތައް އޮތް ކަމުގައިވީނަމަވެސް ވަރަށް ބޮޑަށް ބިރު ގަންނަ ބަޔަކު އެބަތިބި ރައީސް ޔާމިން އެއްވެސް ކަހަލަގޮތަކަށް އެއްވެސް ކަހަލަ ހަރަކާތެއް ކުރައްވާފާނެތީ ނުވަތަ އެއްވެސް ހަރަކާތެއް ކުރައްވާފިއްޔާ ދެން އޭގެ ސަބަބުން ތިމަންނާމެންނަށް އަންނާނީ ކޮންކަހަލަ ކަމެއްބާއޭ.
ރައީސް ޔާމީންގެ އިސްތިއުނާފް ހިފަހައްޓާއިގެން އުޅެނީ ކީއްވެގެންތޯ އައްސަވާ ޑރ ޖަމީލް ވަނީ ސުވާލެއް ސަރުކާރަށް އަމާޒުކުރައްވާފައެވެ.
އިސްތިއުނާފް ނިމުން ނަމަ މިއަދު ކަންތައްތައް ބޮއްސުންލައިގެން މިހާ ހިސާބަށް ނުދިޔައީސް ކަމަށްވެސް ޑރ ޖަމީލް ވަނީ ވިދާޅުވެފައެވެ.
އޭގެއިތުރުން ޑރ.ޖަމީލް ވިދާޅުވީ ސަރުކާރުން އުޅެނީ ރައީސް ޔާމީންގެ އިސްތިއުނާފް މައްސަލައިގައި ތަޅު އަޅުވައިގެންކަމަށެވެ.