
ޗައިނާގެ ރައީސް ޝީ ޖިންޕިންގެ ދައުވަތަކަށް އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް މި މަހުގެ 13 އިން 15 އަށް ޗައިނާއަށް ރަސްމީ ދަތުރެއް ކުރާނެ ކަމަށް ޗައިނާގެ ފޮރިން މިނިސްޓްރީގެ ތަރުޖަމާނަކު ވިދާޅުވެއްޖެއެވެ.
މިއީ ނުވަ އަހަރުގެ ތެރޭގައި އެމެރިކާގެ ރައީސަކު ޗައިނާއަށް ކުރާ ފުރަތަމަ ދަތުރެވެ. ޓްރަމްޕަކީ ޗައިނާއަށް ދިޔަ އެމެރިކާގެ އެންމެ ފަހު ރައީސެވެ. ޓްރަމްޕް ޗައިނާއަށް އެންމެ ފަހުން ދިޔައީ 2017ގައެވެ.
ޓްރަމްޕް ޗައިނާއަށް ދަތުރު މި ކުރަނީ އެމެރިކާ އާއި އިސްރާއީލު އަދި އީރާނާ ދެމެދު ދިގު މުއްދަތަކަށް ހިނގަމުންދާ ހަނގުރާމައަކާއި، ހޮރްމޫޒް ކަނޑުއޮޅި ބަންދު ކުރުމާ ގުޅިގެން ދުނިޔޭގެ ހަކަތައިގެ ކާރިސާއެއް ކުރިމަތިވެފައިވާ ދަނޑިވަޅެއްގައެވެ.
އެމެރިކާގެ ޕްރިންސިޕަލް ޑެޕިއުޓީ ޕްރެސް ސެކްރެޓަރީ އަނާ ކެލީ ބުނީ، އެމެރިކާގެ ރައީސް ޓްރަމްޕް ޗައިނާއަށް ދާނީ ބުދަ ދުވަހުގެ ހަވީރުގެ ވަގުތެއްގައި ކަމަށެވެ.










