May 18, 2026
Advertisement
-
- / ސޯޝަލް މީޑިއާ

ނޭޓޯގެ ގައުމުތަކުން ހަރަދު ނުކުރާތީ ޔޫރަޕްގައި ތިބި އެމެރިކާ ސިފައިން މަދުކުރަން ޓްރަމްޕް އަމުރުކޮށްފި

Aiminath Sarah
އައިމިނަތް ސާރާ
May 15, 2026, 11:37 AM
މާލެ ސިޓީ

އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް ޔޫރަޕްގައި ތިބި އެމެރިކާގެ ސިފައިންގެ އަދަދު މަދުކުރުމަށް ނިންމަވައި، އެކަން އިއުލާން ކުރައްވައިފިއެވެ. މި ނިންމެވުމުގެ ދަށުން ޖަރުމަނުވިލާތުގައި ތިބި އެމެރިކާ ސިފައިންގެ ތެރެއިން ގާތްގަނޑަކަށް 5،000 ސިފައިން އެ ގައުމުން ބޭލުމަށް ވަނީ ހަމަޖެހިފައެވެ.

Advertisement

ރައީސް ޓްރަމްޕް ވިދާޅުވީ ޔޫރަޕްގައި ތިބި ސިފައިން މަދުކުރަން ބޭނުންވަނީ ނޭޓޯގެ އިއްތިހާދުގައި ހިމެނޭ ޔޫރަޕްގެ ގައުމުތަކުން ދިފާއީ ކަންކަމަށް ކުރަންޖެހޭ ހޭދަ އެކަށީގެންވާ މިންވަރަށް ނުކުރާތީ ކަމަށެވެ. ޚާއްސަކޮށް ޖަރުމަނު ފަދަ މުއްސަނދި ގައުމުތަކުން އެއްބަސްވެފައިވާ މިންވަރަށް ފައިސާ ނުދައްކާކަން އޭނާ ފާހަގަކުރެއްވިއެވެ.

ޔޫރަޕްގެ ގައުމުތަކުން ދިފާއީ ކަންކަމަށް އެކަށީގެންވާ ފައިސާ ނުދައްކާ ކަމަށް ޓްރަމްޕް ވިދާޅުވިއެވެ. އޭނާ އިތުރަށް ވިދާޅުވީ އެމެރިކާއިން އެހެން ގައުމުތަކުގެ ރައްކާތެރިކަމަށް ބޮޑެތި ހޭދަތަކެއް ކުރާއިރު، އެ ގައުމުތަކުން އެކަމަށް އެއްބާރުލުން ނުދޭނަމަ ސިފައިން ބޭތިއްބުމުގެ ބޭނުމެއް ނެތް ކަމަށެވެ.

މި ނިންމެވުމާއެކު ޔޫރަޕްގެ ސަލާމަތީ މަސްރަހަށް ބޮޑެތި ބަދަލުތަކެއް އަންނާނެ ކަމަށް ބެލެވެއެވެ. ޖަރުމަނުން ސިފައިން މަދުކުރުމުގެ އިތުރުން، ކުރިއަށް އޮތް ތަނުގައި ޔޫރަޕްގެ އެހެން ސަރަހައްދުތަކުން ވެސް ސިފައިން މަދުކުރުމުގެ ފުރުސަތު އޮތް ކަމަށް ވައިޓް ހައުސްއިން ވަނީ އިޝާރާތްކޮށްފައެވެ.

ނޭޓޯގެ ބައެއް ގައުމުތަކުން މިކަމާ ކަންބޮޑުވުން ފާޅުކުރަމުންދާއިރު، މިއީ އެމެރިކާގެ އިގްތިސާދީ މަސްލަހަތު ހިމާޔަތްކުރުމަށް އެޅި ފިޔަވަޅެއް ކަމަށް ޓްރަމްޕްގެ ސަރުކާރުން ބުނެއެވެ. މި ބަދަލުގެ ސަބަބުން އެމެރިކާއާއި ޔޫރަޕްގެ ގައުމުތަކާ ދެމެދު އޮތް އަސްކަރީ ގުޅުމަށް ބޮޑެތި ގޮންޖެހުންތަކެއް ކުރިމަތިވާނެ ކަމަށް މަސްރަހު ދިރާސާކުރާ ފަރާތްތަކުން ބުނެއެވެ.

ކޮމެންޓު
Channel 13
Copyright © 2013-2026 Media Ring Pvt Ltd.
All rights reserved