
ނިމިދިޔަ އެޕްރިލް މަހު ބޭއްވި އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމިޓީތަކުގެ އިންތިހާބުގައި މާލެ ސިޓީގެ އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމިޓީގެ ރައީސާކަމަށް ވެރިކަން ކުރީ ޕާޓީ، ޕީއެންސީގެ ޓިކެޓުގައި ވާދަކޮށް އިންތިހާބުން ބަލިވި އާޝިޔަތު އަލައިކާ އަދުނާނު، ޓުއަރިޒަމް މިނިސްޓްރީގެ ސްޓޭޓު މިނިިސްޓަރުކަމަށް އައްޔަންކޮށްފިއެވެ.
އަލައިކާއަށް ރައީސް މުހައްމަދު މުއިއްޒު ސްޓޭޓު މިނިސްޓަރުކަން ދެއްވިކަން ސަރުކާރުންގެ އޮފިޝަލަކު ވަނީ މި ނޫހަށް ކަށަވަރުވެސް ކޮށްދީފައެވެ.
ވޯޓުން ބަލިވާ މީހުންނަށް އިސް މަގާމުތައް ދިނުމަކީ ހަމަޖެހޭ ކަމެއް ނޫން ކަމަށާއި އީރާން ހަނގުރާމައާ ހެދި އިގްތިސާދު ވެއްޓިފައި ވަނިކޮށް އިތުރު ސިޔާސީ ވަޒީފާތަކުގެ ސަބަބުން ސަރުކާރުގެ ހަރަދު އިތުރުވާތީ ރައްޔިތުން ގެންދަނީ މީސް މީޑީޔާގައި ނުރުހުން ފާޅުކުރަމުންނެވެ.
ފެންނަ ނުފެންނަ ވޯޓުންނާ ކައުންސިލް އިންތިހާބުގައިވެސް ޕީއެންސީއަށް ލިބުނު ނާކާމިޔާބީއަށް ބަލައި ރައްޔިތުންގެ ވިންދާ އެއްގޮތަށް ވެރިކަން ބައްޓަން ކުރައްވާނެ ކަމަށް ރައީސް މުއިއްޒު ވިދާޅުވި ނަމަވެސް އެކަން އަމަލުން ނުފެންނަ ކަމަށް ރައްޔިތުން ދަނީ ބުނަމުންނެވެ.
ސަރުކާރުން ގެންދަނީ ސިޔާސީ މަގާމުތަކުގައި ތިބި މީހުންގެ އަދަދާއި ރައްޔިތުންގެ ފައިސާއިން އެމީހުންނަށް ކުރާ ހޭދަ ހާމަކުރަން ތަކުރާރުކޮށް ދެކޮޅު ހަދަމުންނެވެ.
ނިމިދިޔަ އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމިޓީގެ އިންތިހާބުގައި އަލައިކާ ވާދަކުރެއްވީ މާލޭ ސިޓީ އަންހެނުންގެ ކޮމިޓީގެ ރައީސް ކަމުގެ މަގާމަށެވެ. ބޮޑުތަފާތަކުން އަލައިކާ ބަލިކޮށް އެ އިންތިހާބު ކާމިޔާބުކުރެއްވީ އިދިކޮޅު އެމްޑީޕީގެ ކެންޑިޑޭޓް އައިޝަތު ރީޝާ އެވެ.
އަލައިކާ އަކީ ފުރަތަމަ އެމްޑީޕީގެ މެންބަރެވެ. އެ ޕާޓީން ވަކިވެ އޭނާ ފުރަތަމަ ގުޅުނީ ދަ ޑިމޮކްރެޓްސްއާ އެވެ. އޭގެފަހުން އޭނާ ވަނީ ވެރިކަންކުރާ ޕީއެންސީއާ ގުޅިފައެވެ.
އަލައިކާ އަކީ ގާނޫނީ ދާއިރާއިން ޑިގްރީ ހާސިލުކުރައްވާފައިވާ ބޭފުޅެކެވެ.










