މުއިއްޒު ސަރުކާރުގެ ބައެއް އިސް ވެރިން / ފޭސްބުކް
ހަބަރު, ސިޔާސީ
ސިޔާސީ މުވައްޒަފުންގެ އަދަދު ހާމަކުރަން ހުދު ރައީސް މުއިއްޒު ވެސް ބޭނުންފުޅެއް ނުވޭ
Qudhrathullah Ameen
ގުދުރަތުﷲ އަމީން
04 މޭ 2025
މާލެ ސިޓީ

ސަރުކާރުގައި ތިބި ޖުމްލަ ސިޔާސީ މުވައްޒަފުންގެ އެއްވެސް ތަފުސީލެއް ހާމަކުރުން އެއީ ހުދު ދައުލަތާއި ސަރުކާރުގެ ވެރިޔާ ރައީސް ޑރ. މުހައްމަދު މުއިއްޒު ވެސް ބޭނުން ފުޅުވާ ގޮތް ނޫން ކަން އިއްޔެ ހާމަ ވެއްޖެ އެވެ.

އިއްޔެ ފާހަގަކުރި ނޫސްވެރިކަމުގެ މިނިވަންކަމުގެ ދުވަހުގެ މުނާސަބަތުގައި ރައީސް ނޫސްވެރިންނާ ބައްދަލުކުރައްވަން ފެއްޓެވީ އިއްޔެގެ ހެނދުނު 10:00 ގަ އެވެ. އެވަގުތުން ފެށިގެން ނޫސްވެރިން ގެންދެވީ ސިޔާސީ މުވައްޒަފުންގެ އަދަދު ހޯދަން މަސައްކަތް ކުރަމުން ނެވެ.

އިއްޔެ ހެނދުނު ފެށި ނޫސްވެރިންގެ ބައްދަލުވުން މެންދަމު ނިންމާލިއިރު، އެކި ނޫސްތަކުގެ ނޫސްވެރިން ވަނީ ސިޔާސީ މުވައްޒަފުންގެ އަދަދު ހާމަކުރަން ރައީސް އާއި ސީދާ ސުވާލުކޮށްފަ އެވެ. ހެނދުނު، މެންދުރު އަދި ރޭ ވެސް އެ ސުވާލު ނޫސްވެރިން ރައީސްއާ އަމާޒުކުރެއްވި އެވެ.

ނަަމަވަސް ހުދު ރައީސްގެ ކިބައިން ވެސް ފެނުނީ އެމަނިކުފާނުގެ އެހެން ސިޔާސީ ބޭބޭފުޅުންގެ ގޮތްގަޑެވެ. ފޮރުވުމެވެ. ހާމަކުރަން ދެކޮޅު ހެދުމެވެ.

ސިޔާސީ މުވައްޒަފުންގެ އަދަދު ހާމަނުކޮށް ރައީސް ވިދާޅުވީ އެ މަނިކުފާނު ސިޔާސީ މުވައްޒަފުން އައްޔަން ކުރައްވާފައި ވާނީ ސަރުކާރުގެ 2130 މަޝްރޫއު ކުރިއަށް ގެންދަން އެކަށީގެންވާ މިންވަރަށް ކަމަށެވެ.

ރައީސް މުއިއްޒު ވައުދުވެވަޑައިގެންފައި ވަނީ ސިޔާސީ މުވައްޒަފުންގެ އަދަދު 700 އަށް ވުރެ އިތުރު ނުކުރާނެ ކަމަށެވެ. ނަމަވެސް މި ސަރުކާރުގެ ސިޔާސި މަގާމްތަކުގައި 7000 އަށްވުރެ ގިނަ މީހުންތިބިކަމަށް މީޑިއާ ރިޕޯޓްތައް ބުނެ އެވެ.

މިދިޔަ އަހަރުގެ މި މުއްދަތުގައި މިކަމަށް ބަޖެޓުން ހަރަދުވީ 2.2 ބިލިއަނެވެ. މިއީ ޖުމްލަ 404 މިލިއަން ރުފިޔާގެ ބޮޑުވުމެކެވެ. މުސާރައަށް އެކަނި ދިޔަ ހަރަދު ވެސް ވަނީ 147 މިލިއަން ރުފިޔާއިން އިތުރުވެފަ އެވެ. މިއަދުގެ ނޫސްވެރިންގެ ބައްދަލުވުމުގައި ރައީސް ވިދާޅުވީ ސިޔާސީ މުވައްޒަފުންނަށް ސަރުކާރުގެ ބަޖެޓުން ހަރަދު ކުރަނީ މަހަކު 23 މިލިއަން ރުފިޔާއަށް ކަމަށެވެ.

ސިޔާސީ މުވައްްޒަފުންގެ އަދަދަކީ މި ސަރުކާރުން ބޮޑު ސިއްރެއްގެ ގޮތުގައި ގެންގުޅޭ ނަމްބަރެކެވެ. އެ މީހުން އަދަދުގެ އިތުރުން އިތުރު ތަފުސީލެއްވެސް ރައީސް އޮފީހުން ނުދެ އެވެ. އަދި ސިޔާސީ މައުލޫމާތު ހޯދަން އެދޭ މީހާ ގޮވައިގެން މި ސަރުކާރުން ދަނީ ކޯޓަށެވެ.

ހާމަ ކަން ބޮޑު ސަރުކާރެއް ހިންގުމުގެ ވައުދާއެކު ވެރިކަމަށް އައުމަށްފަހު ރައީސް މުއިއްޒުގެ ފުށުން މިހާރު ފެންނަނީ "ފޮރުވުމެވެ" އަދި "ސިއްރު" ކުރުމެވެ.

ކޮމެންޓު
Copyright © 2013-2025 Media Ring Pvt Ltd.
All rights reserved