

ސަރުކާރުގެ ސިޔާސީ މުވައްޒަފުންގެ މައުލޫމާތު ނޫސްވެރިންނަށް ލިޔުމަކުން ދިނުމަށް ފިނޭންސް މިނިސްޓަރު މޫސާ ޒަމީރަށް އަންގަވާނެ ކަމަށް ރައީސް މުހައްމަދު މުއިއްޒު ވިދާޅުވިތާ 40 ދުވަސް ފާއިތުވިއިރު ވެސް އެ މައުލޫމާތު ހިއްސާނުކުރާކަން ހާމަވެއްޖެއެވެ.
އެގޮތުން އޮންލައިން ނޫސް "އަދަދު"ގައި ރިޕޯޓުކޮށްފައިވާ ގޮތުގައި، ދިވެހި ދައުލަތުގެ ބަޖެޓުން މުސާރަ ދޭ ސިޔާސީ މުވައްޒަފުންގެ އަދަދާއި އެ މުވައްޒަފުންނަށް މުސާރަ ދިނުމަށް ދައުލަތުގެ ބަޖެޓުން ކުރާ ހަރަދުގެ ތަފުސީލު ހޯދުމަށް މައުލޫމާތު ހޯދައި ލިބިގަތުމުގެ ހައްގުގެ ދަށުން އެ ނޫހުން ހުށަހެޅުމުންވެސް ފިނޭންސް މިނިސްޓްރީއިން ވަނީ އެ މައުލޫމާތު ހިއްސާނުކޮށް ގާނޫނުގައި ބުނާ މުއްދަތުވެސް ފަސްކޮށްފައެވެ.
މެއި 3، ގައި ފާހަގަކުރި ނޫސްވެރިކަމުގެ މިނިވަންކަމުގެ ދުވަހު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި މި ނޫހުން ކުރި ބައެއް ސުވާލުތަކަށް ޖަވާބު ދެއްވަމުން ރައީސް މުއިއްޒު އެއް ފަހަރު ވިދާޅުވީ ރައީސް އޮފީހުގައި ތިބި ސިޔާސީ މުވައްޒަފުންގެ މައުލޫމާތު ހަމަ އެ ރޭ ހާމަ ކުރައްވާނެ ކަމަށެވެ.
ނަމަވެސް އޭގެ 40 ދުވަސް ފަސްވީއިރުވެސް ފިނޭންސުން އެ މައުލޫމާތު ހިއްސާކޮށްފައިނުވާތީ އަދަދު ނޫހުން ވަނީ މައްސަލަ މިހާރު ވާނީ އިންފޮމޭޝަން ކޮމިޝަނަރުގެ އޮފީހަށް ހުށަހަޅައިފައެވެ.
ސިޔާސީ މުވައްޒަފުންނަކީ ގާނޫނުއަސާސީގެ 115 ވަނަ މާއްދާގެ ޅ. ގެ ދަށުން ރައީސުލްޖުމްހޫރިއްޔާއަށް ލިބިދޭ ބާރުގެ ދަށުން އައްޔަން ކުރާ މުވައްޒަފުންނެވެ. ސިޔާސީ މުވައްޒަފުން މަގާމުތަކަށް އައްޔަން ކުރަނީ ސީދާ ރައީސުލްޖުމްހޫރިއްޔާއެވެ.
ރައީސް މުއިއްޒު ވައުދުވެވަޑައިގެންފައި ވަނީ ސިޔާސީ މުވައްޒަފުންގެ އަދަދު 700 އަށް ވުރެ އިތުރު ނުކުރާނެ ކަމަށެވެ. ނަމަވެސް މި ސަރުކާރުގެ ސިޔާސި މަގާމްތަކުގައި 7000 އަށްވުރެ ގިނަ މީހުންތިބިކަމަށް މީޑިއާ ރިޕޯޓްތައް ބުނެއެވެ.
ހާމަ ކަން ބޮޑު ސަރުކާރެއް ހިންގުމުގެ ވައުދާއެކު ވެރިކަމަށް އައުމަށްފަހު ރައީސް މުއިއްޒުގެ ފުށުން މިހާރު ފެންނަނީ "ފޮރުވުމެވެ" އަދި "ސިއްރު" ކުރުމެވެ. އެގޮތުން ސިޔާސީ މައުލޫމާތު ހޯދަން އެދޭ މީހާ ގޮވައިގެން މި ސަރުކާރުން ދަނީ ކޯޓަށެވެ.