
ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒަށް ބޮޑެތި ތުހުމަތުތަކެއް ކޮށް 'އަދަދު' ނޫހުން ތައްޔާރުކުރި ޑޮކިއުމެންޓްރީއާ ގުޅިގެން ކްރިމިނަލް ކޯޓުން ނެރެފައިވާ އަމުރާ ހިލާފުވި ކަމަށް ބުނެ، އެ ނޫހުގެ ދެ ނޫސްވެރިޔަކު މިއަދު ކޯޓަށް ހާޒިރުކޮށްފިއެވެ. މި މައްސަލައިގައި ކޯޓަށް ހާޒިރުވާން އަންގާފައިވަނީ ނޫސްވެރިޔާ މުހައްމަދު ޝަހުޒާން އާއި ލީވާން އަލީ ނަސީރަށެވެ.
ކްރިމިނަލް ކޯޓުން ނިންމާފައިވަނީ މި ދެ ނޫސްވެރިންގެ އަޑުއެހުންތައް ވެސް އާންމުންނަށް ނުވަދެވޭ ގޮތަށް ސިއްރުކޮށްގެން ކުރިއަށް ގެންދިއުމަށެވެ. އެގޮތުން ލީވާން ކޯޓަށް ހާޒިރުވާން އެންގީ މިއަދު ހެނދުނު 11:00 އަށެވެ. އަދި ޝަހުޒާން ހާޒިރުވާން އަންގާފައިވަނީ މެންދުރުފަހު 1:00 އަށެވެ.
މި މައްސަލައަކީ 'އަދަދު' ނޫހުން އުފެއްދި ޑޮކިއުމެންޓްރީއަކާ ގުޅިގެން އެ ނޫހުގެ ސީއީއޯ ހުސައިން ފިޔާޒު މޫސާ އާއި ނޫސްވެރިޔާ ހަސަން މުހައްމަދުގެ މައްޗަށް ދައުލަތުން އުފުލާފައިވާ ޖިނާއީ ދައުވާތަކާ ގުޅުންހުރި މައްސަލައެކެވެ. މި ދައުވާތަކާ އެކު ކްރިމިނަލް ކޯޓުން ވަނީ ހުރިހާ ފަރާތްތަކަކުން އަމަލުކުރަންޖެހޭ ހާއްސަ އަމުރެއް ނެރެފައެވެ.
ގާޒީ މުޒައްމިލު ނާސިރު ނެރުއްވި އެ އަމުރުގައި ވަނީ، ޝަރީއަތުން ވަކި ގޮތެއް ކަނޑައަޅަންދެން އެ ޑޮކިއުމެންޓްރީ މުޖުތަމައުގެ ތެރޭގައި ދައުރުކުރުން މަނާކޮށްފައެވެ. އަދި އޭގައިވާ ވާހަކަތައް ސީދާ ގޮތުންނާއި ނުސީދާ ގޮތުން ދެއްކުމާއި، މައްސަލައިގެ ހަސްމުންނާއި ކުށުގެ ޝިކާރައަށްވީ ފަރާތާ ގުޅުވައި ވާހަކަދެއްކުން ވެސް ވަނީ މަނާކޮށްފައެވެ.
ކޯޓު އަމުރުގައި އިތުރަށް ބުނެފައިވަނީ، ޝަރީއަތް ސިއްރުކޮށްގެން ކުރިއަށް ގެންދާތީ މައްސަލައިގެ ލިޔެކިޔުންތަކާއި ޝަރީއަތުގައި ދެކެވޭ ވާހަކަތައް ފެތުރުމަކީ ވެސް މަނާކަމެއް ކަމަށެވެ. އަދި އަމުރާ ހިލާފަށް އަމަލުކުރުމަކީ ކޯޓުގެ ހުރުމަތް ކެނޑުމުގެ އަމަލެއްގެ ގޮތުގައި ބެލެވިދާނެ ކަމަށް ވެސް ކޯޓުން ވަނީ އިންޒާރު ދީފައެވެ.
މި އަމުރަކީ ދައުލަތުގެ ފަރާތުން އެދިގެން ނެރެފައިވާ އަމުރެކެވެ. މިއަދު ހާޒިރުކުރި ދެ ނޫސްވެރިންގެ މައްޗަށް ކުރެވެނީ މި އަމުރުގައި ކަނޑައަޅާފައިވާ މަނާކަންތައްތަކާ ހިލާފުވި ކަމުގެ ތުހުމަތެވެ.










