
ނޫސްވެރިކަމުގެ މަސައްކަތުގައި އުޅެނިކޮށް ހައްޔަރުކޮށް، މާފުށީ ޖަލުގައި ބަންދުކޮށްފައި ތިބި 'އަދަދު' ނޫހުގެ ދެ ނޫސްވެރިން ކަމަށްވާ ލީވާން އާއި ޝަހުޒާން، އެ މީހުންގެ ވަކީލުން މެދުވެރިކޮށް ވަރުގަދަ މެސެޖެއް ފޮނުވައިފިއެވެ. ސަރުކާރުން ނޫސްވެރިންގެ އަގަބަންދުކޮށް، މިނިވަންކަމަށް ހުރަސްއަޅަމުންދާ ކަމަށް ބުނެ، އެ ދެ ނޫސްވެރިން ވަނީ އެއްވެސް ޖެހިލުމެއް ނެތި ސާބިތުކަމާއެކު ތިބިކަން ހާމަކޮށްފައެވެ.
ޖަލުން ފޮނުވި މެސެޖުގައި ލީވާން އާއި ޝަހުޒާން ބުނެފައިވަނީ، މިއަދުގެ ސަރުކާރާއި ރައީސް ޑރ. މުހައްމަދު މުއީޒް މަސައްކަތް ކުރައްވަނީ ނޫސްވެރިކަން ހަނިކޮށް، އެ ދާއިރާ ވަޅުލުމަށް ކަމަށެވެ. މި އަނިޔާވެރިކަމާ ދެކޮޅަށް ހުރިހާ ނޫސްވެރިން އެކަތިގަނޑަކަށްވެ ތެދުވުމަށް އެ ދެ ނޫސްވެރިން ވަނީ އިލްތިމާސްކޮށްފައެވެ. "އަހަރުމެން މިއަދު މި އުފުލަނީ ނޫސްވެރިކަމުގެ ހައްގުގައިވާ ގުރުބާނީއެކެވެ. މި ގުރުބާނީ ބޭކާރުވިޔަ ނުދެއްވާށެވެ" އެ މެސެޖުގައި ބުނެފައިވެއެވެ.
ޖަލުގެ ތޭރިތަކުގެ ފަހަތުގައި ތިބި ނަމަވެސް، އެ މީހުންގެ އަޒުމަކަށް ބަދަލެއް ނާންނަކަން ފާހަގަކުރަމުން ބުނެފައިވަނީ، ކިތަންމެ ވަރުގަދަ ޗޭނުތަކަކުން ބަންދުކުރިޔަސް ހިތްވަރު އެލުވައިނުލެވޭނެ ކަމަށެވެ.
"ކިތަންމެ ވަރުގަދައަށް ޗޭނުޖަހާ ބަންދުކޮށް ކުޑަގޮޅިއަކަށް ލިޔަސް، ސިންގާއެއް ވާނީ ހަމަ ސިންގާއަކަށެވެ. އަދި ރަންތާޖެއް އަޅުވައި ބޮޑު ތަހުތެއްގައި ބޭންދިޔަސް، ހިމާރެއް ވާނީ ހަމަ ހިމާރަކަށެވެ"
ނޫސްވެރިކަމުގެ މިނިވަންކަމަށްޓަކައި އަޑުއުފުލާ ފަރާތްތަކަށާއި، 'އަދަދު' ނޫހުގެ މެނޭޖްމަންޓަށް އެ ދެ ނޫސްވެރިން ވަނީ ޝުކުރު އަދާކޮށްފައެވެ. އަދި އާއިލާއަށް ކެތްތެރިވުމަށް ނަސޭހަތްތެރިވަމުން ބުނެފައިވަނީ، އެ މީހުން ޖަލުގައި ތިބީ އެއްވެސް ކުށެއް ކޮށްގެން ނޫން ކަމަށާއި، މިއީ ގައުމަށްޓަކައި ވެވޭ ގުރުބާނީއެއް ކަމަށެވެ. އަނިޔާވެރިންގެ ކުރިމަތީގައި މާޔޫސްކަން ނުދެއްކުމަށްވެސް އާއިލާއަށް ވަނީ އިލްތިމާސްކޮށްފައެވެ.
މި ދެ ނޫސްވެރިންނަކީ ނޫސްވެރިކަމުގެ ޒިންމާ އަދާކުރަމުން ދަނިކޮށް، ސަރުކާރުން ނޫސްވެރިންގެ އަގަބަންދުކުރުމަށް ކުރާ މަސައްކަތުގެ ތެރެއިން ހައްޔަރުކޮށްފައިވާ ދެ ފަރާތް ކަމަށް ގިނަ ބަޔަކު ދަނީ ބުނަމުންނެވެ.










