
ނޫސްވެރިންތަކެއް ޖަލަށްލުމަކީ ވެރިކަމެއް ނިމުމުގެ ފެށުން ކަމަށް ކުރީގެ ދާޚިލީ ވަޒީރު އުމަރު ނަސީރު ވިދާޅުވެއްޖެއެވެ.
"އަދަދު" ނޫހުގެ ދެ ނުސްވެރިން ޖަލަށް ލާން ކުރި ހުކުމަށް އިޝާރާތްކުރައްވާ އުމަރު ސޯޝަލް މީޑިޔާގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ، ނޫސްވެރިން ޖަލަށް ލައިގެން އަނގަ ބަންދުކުރަންޖެހޭ ހިސާބަށް ދިއުމަކީ އެވެރިކަމެއް ނިމުމުގެ ފެށުން ކަމަށާއި، މިއީ ރާއްޖޭގެ ތާރީހުންވެސް ފެންނަން އޮތް ކަމެއް ކަމަށެވެ.
ހަމައެހެންމެ ރައްޔިތުންގެ ކަންކަމާ ހަވާލުވެގެން ތިބޭ ވެރިންނަކީ، އާންމު އެހެން ފަރުދުންނާ ޚިލާފަށް، އެމީހުންގެ މައްޗަށް ކުރެވޭ ތުހުމަތުތަކުގެ އަޑުގަދަވާނެ ބައެއްކަން ދެނެ ތިބެގެން އެކަންކަމާ ހަވާލުވާ ބައެއްކަން އުމަރު ވަނީ ފާހަގަކުރައްވާފައެވެ. އެހެންކަމުން ވެރިންނަށް ކުރެވޭ ތުހުމަތުތަކަކީ، އެހެން އާންމު ފަރުދުންނެކޭ އެއްގޮތަށް މިނެ ނުކިރޭނެ ކަމަށް އުމަރު ވިދާޅުވެފައިވެއެވެ.
ވެރިން ހުއްޓުވުމަށްޓަކައި ބަޔަކު މީހުން ސާބިތު ނުހިފޭ ތުހުމަތުތަކެއް ކޮށްފާނެކަން ދަންނަންޖެހޭނެ ކަމަށާއި، އެހެންނަމަވެސް ސާބިތުކުރަން ޖެހެނީ ކޯޓު އޮފް ޕަބްލިކް އޮޕީނިއަންގައި ކަމަށް އުމަރު ވިދާޅުވިއެވެ.
އާންމު ރައްޔިތުންގެ ވިސްނުމުގައި އެވެރިއެއް މައުސޫމްކަމަށް ބުރަވެވެން ޖެހޭނެ ކަމަށާއި، ކުރެވޭ ތުހުމަތަށް ހަމައެކަނި ކޯޓު މަރުޙަލާގައި ޖަވާބުދާރީވުމަކުން ނުފުދޭނެ ކަމަށްވެސް އޭނާ ވިދާޅުވިއެވެ.
އުމަރު މިފަދައިން ވިދާޅުވެފައިވާއިރު، "އަދަދު" ނޫހުގެ ދެ ނޫސްވެރިން ޖަލަށް ލާން ހުކުމް ކުރީ ކޯޓުން މުޅި ރައްޔިތުންގެ މައްޗށް ނެރެފައިވާ އަމުރަކާ ޚިލާފުވެގެން ކަމަށް ވެއެވެ.










