May 17, 2026
Advertisement
-
- / ސޯޝަލް މީޑިއާ

ދައުރު ނޫހާއި އެޑިޓަރު މޫސާ ލަތީފާ ދެކޮޅަށް މެމްބަރު އަޒާން އަބުރުގެ ދައުވާ އުފުލައިފި

Aiminath Sarah
އައިމިނަތް ސާރާ
May 13, 2026, 09:27 PM
މާލެ ސިޓީ

ދައުރު ނޫހުގައި ޝާއިއުކުރި ލިޔުމަކާ ގުޅިގެން، އެ ނޫސް ހިންގާ 'ނެކްސްޓް މީޑިއާ ގްރޫޕް' އާއި އެ ނޫހުގެ އެޑިޓަރު މޫސާ ލަތީފާ ދެކޮޅަށް ރައްޔިތުންގެ މަޖިލީހުގެ ހިތަދޫ މެދު ދާއިރާގެ މެމްބަރު އަހުމަދު އަޒާން އަބުރުގެ ދައުވާ ސިވިލް ކޯޓަށް ހުށަހަޅައިފި އެވެ.

Advertisement

މި މައްސަލަ އުފެދުނީ މިދިޔަ މަހުގެ 28 ވަނަ ދުވަހުގެ ރޭ ފުލުހުން 'އަދަދު' ނޫހުގެ އިދާރާއަށް ވަނުމާ ގުޅިގެން، ދައުރު ނޫހުގައި ޝާއިއުކުރި "އަދަދު އަށް ފުލުހުން ވަދެގަތުމާއި އަޒާން ކުރެއްވި ތަޖުރިބާ" މި ސުރުހީގެ ދަށުން ލިޔެފައިވާ ރިޕޯޓަކާ ގުޅިގެންނެވެ. ކުރިން ނޫސްވެރިކަމުގެ ދާއިރާގައި މަސައްކަތް ކުރެއްވި އަޒާން ގަބޫލުކުރައްވާ ގޮތުގައި އެ ލިޔުމުގެ ސަބަބުން އޭނާގެ އަބުރަށް ވަނީ އުނިކަން ލިބިފަ އެވެ.

ސިވިލް ކޯޓަށް ހުށަހެޅި މި ދައުވާގައި އަޒާން ވަނީ މައިގަނޑު ތިން ކަމަކަށް އެދިވަޑައިގެންފަ އެވެ. އެގޮތުން އަބުރާ ބެހުމުގެ ސަބަބުން ލިބުނު މައުނަވީ ގެއްލުމުގެ ބަދަލެއްގެ ގޮތުގައި 5،000 ރުފިޔާ އާއި، ގާނޫނީ ވަކީލުންގެ ހަރަދަށް ހިނގި 28،670 ރުފިޔާގެ އިތުރުން މައްސަލަ ރެޖިސްޓްރީ ކުރުމަށް ދެއްކި ފީ ހޯދުމަށް ވަނީ އެދިފަ އެވެ.

މީގެ އިތުރުން، ދައުރު ނޫހުގައި ޝާއިއުކޮށްފައިވާ އެ ލިޔުމަކީ އޭނާގެ އަބުރަށް އަރައިގަނެފައިވާ ލިޔުމެއް ކަމަށް ކަނޑައަޅައިދިނުމަށާއި، އެ ލިޔުން ވެބްސައިޓުން އުނިކުރުމަށް ނުވަތަ އިސްލާހު ކުރުމަށް އަމުރުކޮށްދިނުމަށް ވެސް އަޒާން ވަނީ އެދިވަޑައިގެންފަ އެވެ.

މައްސަލައިގެ ވަގުތީ އަމުރަކަށް އެދެމުން އަޒާން ހުށަހަޅާފައިވަނީ، ކޯޓުން މި މައްސަލައިގައި ގޮތެއް ނިންމަންދެން އެ ލިޔުން 'ޑްރާފްޓް' ސްޓޭޓަސް އަށް ބަދަލުކޮށް، އާންމުންނަށް ނުފެންނާނެހެން ސިއްރު ކުރުމަށެވެ. މިއީ ރައްޔިތުންގެ މަޖިލީހުގެ މެމްބަރަކު ނޫހަކާ ދެކޮޅަށް މިފަދަ ދައުވާއެއް ކުރި މަދު ފަހަރުތަކުގެ ތެރެއިން އެއް ފަހަރެވެ.

ކޮމެންޓު
Channel 13
Copyright © 2013-2026 Media Ring Pvt Ltd.
All rights reserved