
"އަދަދު" ނޫހުގެ ދެ ނޫސްވެރިން ކަމަށްވާ ލީވާން އަލީ ނަސީރުއާ މުހައްމަދު ޝަހުޒާން ވަގުތުން ވަގުތަށް މިނިވަން ކުރަން ޕީއެންއެފްގެ ރައީސް، ރައީސް އަބްދުﷲ ޔާމީން ގޮވާލައްވައިފިއެވެ.
އެމަނިކުފާނު މިފަދައިން ގޮވާލައްވާފައިވަނީ، ޝަހުޒާންއާ ލީވާން ވެސް ޖަލަށް ލާން ކުރިމިނަލް ކޯޓުން ހުކުމް ކުރުމާ ގުޅިގެން މީޑިޔާތަކަށް ފޮނުއްވި މެސެޖެއްގައެވެ.
ރައީސް ޔާމީން ވިދާޅުވީ ނޫސްވެރިން ކުރަނީ ގައުމީ މަސައްކަތެއް ކަމަށެވެ. އެހެންކަމުން އެ ނޫސްވެރިން ކުރާ މަސައްކަތުގައި އެއްވެސް މީހެއްގެ އަބުރު ގެއްލޭ ވަރު ކަމެއް އޮތް ނަމަ އަބުރު ރައްކާތެރި ކުރުމުގެ ގޮތުން އަބުރުގެ ދައުވާ ކުރަން ދަސްކުރަން އެންމެންނަށް ވެސް ރައީސް ޔާމީން ވަނީ ގޮވާލައްވާފައެވެ.
އެމަނިކުފާނު ވަނީ ލީވާންއާ ޝަހުޒާން މިހާރުން މިހާރަށް މިނިވަން ކުރުމަށް ވެސް ގޮވާލައްވާފައެވެ.
ޝަހުޒާން އަދި ލީވާނަށް ޖަލު ހުކުމެއް ކުރިމިނަލް ކޯޓުން އިއްވީ ކޯޓުގެ ހުރުމަތް ކަނޑާލި ކަމަށް ބުނެއެވެ. އެގޮތުން އަދަދު ނޫހުން އާންމު ކުރި ޑޮކިއުމަންޓްރީ އެއްގެ މައްސަލައިގައި އެ ނޫހުގެ ސީއީއޯ ހުސެއިން ފިޔާޒު މޫސާއާ ޗީފު އެޑިޓަރ ހަސަން މުހައްމަދުގެ މައްޗަށް ކުރާ ދައުވާތަކުގެ މައްސަލައިގެ ޝަރީއަތް ނިމެންދެން އެ މައްސަަލައާ ގުޅުން ހުރި އެއްވެސް ކަމެއްގެ ވާހަކަ ސިދާކޮށްވެސް އަދި ނުސީދާ ކޮށްވެސް ނުދެއްކުމަށް "މުޅި" ރައްޔިތުންނަށް އަންގާ ކުރިމިނަލް ކޯޓުން އަމުރެއް ނެރެފައިވެއެވެ.
ލީވާނަށް ހުކުމް ކުރި އެ އަމުރު ނެރުނު ޚަބަރު ލިޔެގެންނެވެ. ޝަހުޒާނަށް ހުކުމް ކުރި އެ އަމުރާ ޚިލާފުވެ ރައީސް އޮފީހުގައި ސުވާލެއް ކުރިކަމަށް ބުނެއެވެ.










