
ޕީއެންއެފްގެ ރައީސް، ރައީސް އަބްދުﷲ ޔާމީން އާއި ކުރީގެ ރައީސް، ރައީސް މުހައްމަދު ނަޝީދާއި އަދި ރައީސް އިބްރާހިމު މުހައްމަދު ސޯލިހު އެކީ އެއް މޭޒެއްގެ ދޮށުގައި މަޝްވަރާ ބައްދަލުވުންތަކެއްގެ ކުރިއަށް ގެންދަން ނިންމާފައިވާ ކަމުގެ މައުލޫމާތު ލިބިއްޖެއެވެ.
ޕީއެންއެފްގެ ސެކެރެޓަރީ ޖެނެރަލް މުހައްމަދު މަލީހު ޖަމާލުވަނީ މިކަން ކަށަވަރުކޮށްދީފައެވެ.
ތިން ރައީސުން އެކުގައި މަޝްވަރާ ބައްދަލުވުމެއް ބާއްވަނީ ނޫސްވެރިކަމުގެ މިނިވަންކަން އިއާދަކޮށް ނޫސްވެރިންނަށް ކުރާ އަނިޔާއާ އަދި ޚިޔާލުފާޅުކުރުމުގެ މިނިވަންކަމަށް އަޅަމުްނދާ ހުރަސްތަކާ ދެކޮޅަށް މަސައްކަތްކުރުމަށެވެ.
ރައީސް ޔާމީން އާއި ރައީސް ނަޝީދު އަދި ރައީސް ސޯލިހަކީ ސިޔާސީ ގޮތުން ފިކުރު ތަފާތު ތިން ބޭފުޅުން ނަމަވެސް މި ދަނޑިވަޅުގައި ގައުމު އިސްކުރުމުގެ ބިސްނުން ކުރިއަށް ނެރެ ތިން ބޭފުޅުންވެސް އެކުގައި މަސައްކަތްތަކެއް ކުރަން ނިންމީ ކަމަށް މައުލޫމާތު ލިބިފައިވެއެވެ.
ނޫސްވެރިކަމާއި ހިޔާލުފާޅު ކުރުމުގެ މިނިވަންކަން ހިމެނޭ ގޮތަށް އަސާސީ ހައްގުތަކަށް ސަރުކާރުން އަރައިގަންނަމުންދާތީ އެކަމާ ދެކޮޅަށް ގައުމީ ވިސްނުމުގައި 3 ރައީސުން ނުކުމެ ރައްޔިތުންނާ ނޫސްވެރިން ބާރުވެރި ކުރުވޭނެ ގޮތެއް ހޯދުމަށް މަޝްވަރާ ކުރެވޭނެ ކަމަށްވެއެވެ.
ތިން ރައީސުން މިފަދަ ބޮޑު ނިންމުމެއް ނިންމާފައިވަނީ، އިދިކޮޅު މޯލްޑިވިއަން ޑިމޮކްރެޓިކް ޕާޓީގެ ކުރީގެ ޗެއާޕާސަން ފައްޔާޒް އިސްމާއިލް ނޫސްވެރިކަމުގެ ދިފާއުގައި ކުރީގެ ތިން ރައީސުން އެކުގައި މަސައްކަތް ކުރައްވަން ގޮވާލާފައިވާ ދަނޑިވަޅެއްގައެވެ.
މީގެ ކުރިން ވެސް ރައީސް ޔާމީން ވަނީ ގައުމީ މަސްލަހަތު އިސްކޮށް، ކަނޑު ވިއްކާލުމާ ދެކޮޅަށް ވެސް ރައީސް ނަޝީދުއާ ޑިމްކޮރެޓްސް އާ އެކު މަސައްކަތްކޮށްފައެވެ.










