ބިންވެރިޔާ ސްކީމުން ހުޅުމާލެ ދެވަނަ ފިޔަވަހިން ދޫކުރުމަށް ކަނޑައަޅާފައިވާ ބައެއް ގޯތިތައް، މަގުތަކާއި ގޯޅިތައް އެތެރެއަށްވާ ގޮތަށް ދީފައިވާ ކަން ހާމަވެއްޖެއެވެ.
ހައުސިން ޑިވްލޮޕްމަންޓު ކޯޕަރޭޝަނުން ހިއްސާކުރި ވީޑިއޯއެއްގައި އެ ކުންފުނީގެ ޕަބްލިކް ރިލޭޝަން އެސިސްޓަންޓް މެނޭޖަރު މުޙައްމަދު ސިރާޖު ވިދާޅުވީ، ބިންވެރިޔާ ސްކީމުން ގޯތި ލިބުނު ފަރާތްތަކަށް ބިން ދޫކުރުމުގެ މަސައްކަތް ކުރަމުން އަންނަ ކަމަށެވެ. އެގޮތުން މިހާރު ހަވާލުކޮށްފައިވާ ބައެއް ބިމުގައި އިންފާރު ރޭނުމުގެ މަސައްކަތް ކުރިއަށްދާ ކަމަށް ވެސް އޭނާ ވިދާޅުވިއެވެ.
ބިންވެރިޔާ މަޝްރޫއިން ގޯތި ދިނުމަށް ކަނޑައެޅިފައިވާ ސަރަހައްދުތަކުގެ ތެރެއިން، މަގުތަކުގެ މަތިން ދޫކޮށްފައިވާ ޕްލޮޓްތައް ފާހަގަކޮށް މިކަމުގެ ސަބަބުން ކުރިމަތިވާ ދަތިތަކަކީ ކޮބައިކަން ބަލާ، ރައްޔިތުންނަށް ޕްލޮޓު ހަވާލުކުރުމަށް ކުރަންޖެހޭ މަސައްކަތްތައް އެޗްޑީސީން ދަނީ ކުރަމުން.… pic.twitter.com/0gUoeeo07P
— Housing Development Corporation (@hdcmaldives) March 18, 2024
ގޯއްޗެއްގެ ކުރެހުން ދައްކަމުން ސިރާޖު ވިދާޅުވީ އެ ގޯތި ކަނޑައަޅާފައިވަނީ މަގުން ބަޔެއް ވެސް ހިމެނޭ ގޮތަށް ކަމަށެވެ. އޭގެ ތަފްސީލު ދެއްވަމުން ސިރާޖު ވިދާޅުވީ، އެ މަގާ ގުޅިގެން ފެނާއި ކަރަންޓާއި ނަރުދަމާގެ ވިއުގަ ވެސް ގޮސްފައި އޮންނާނީ އެ ގޯތީގެ ތެރެއިން ކަމަށެވެ.
އެހެންކަމުން އެ ގޮތަސް ގޯތި ލިބިފައި ހުރި މީހުންނަށް އެހެންތަންތަނުން ގޯތިޖެހޭކަން ފާހަގަކުރައްވާ ސިރާޖު ވިދާޅުވީ އެ ސަރަހައްދުގެ މަގުތަކާއި ގޯޅިތައް ވަކި ހަމައަކުން ތަރުތީބުކޮށްގެން ނޫނީ އެ ސަރަހައްދުގެ ގޯތިތައް ކަނޑައަޅައި، ބިން ދޫކުރެވޭނެ ގޮތެއް ނޯންނާނެ ކަމަށެވެ.
ބިންވެރިޔާ ސްކީމްގެ ފުރަތަމަ ފިޔަވަހީގެ ދަށުން، 18،955 މީހުން ގޯއްޗަށް ޝަރުތު ހަމަވި ނަމަވެސް ނިމިދިޔަ ސަރުކާރުން ދުކުރަން ނިންމާފައިވަނި ޖުމުލަ 9،003 ގޯއްޗެވެ. މިކަމާ ގުޅިގެންނާ ބިންވެރިޔާ ސްކީމުގެ ތެރެއިން ކޮރަޕްޝަނަށް މަގުފަހވާ ގޮތަށް އަމަލުކޮށްފައިވުމުން އާންމުން އިހުތިޖާޖުވެސް ކޮށްފައިވެއެވެ. ގޯތި ދޫކޮށްފައިވަނީ ހުޅުމާލޭގެ އިތުރުން ގުޅީފަޅުންނާއި ގިރާވަރުފަޅުންނެވެ.