May 18, 2026
Advertisement
-
- / ސޯޝަލް މީޑިއާ

ދުނިޔެއަށް އަންނަ އެންމެ މާތް ދުވަސްތަކަކީ ހައްޖު މަހުގެ ފުރަތަމަ ދިހަ ދުވަސް: ޚުތުބާ

Aiminath Sarah
އައިމިނަތް ސާރާ
May 15, 2026, 01:09 PM
މާލެ ސިޓީ

ދުނިޔެއަށް އަންނަ އެންމެ މާތް ދުވަސްތަކަކީ ހައްޖު މަހުގެ ފުރަތަމަ ދިހަ ދުވަސް ކަމަށް މިއަދުގެ ހުކުރު ޚުތުބާގައި ފާހަގަކޮށްފިއެވެ. "ހައްޖު މަހުގެ ފުރަތަމަ ދިހަ ދުވަހުގެ މާތްކަން" މި މައުޟޫއަށް ރާއްޖޭގެ އެކި ކަންކޮޅުތަކުގައި އިއްވި ޚުތުބާގައި ވަނީ މި ދުވަސްތަކުގެ މުހިންމުކަމުގެ މައްޗަށް އަލިއަޅުވާލާފައެވެ.

Advertisement

ޚުތުބާގައި ބަޔާންކޮށްފައިވާ ގޮތުގައި، ހައްޖު މަހުގެ ފުރަތަމަ ދިހަ ދުވަހަކީ މާތްﷲގެ ހަޟްރަތުގައި އެންމެ ލޮބުވެތިކަން ބޮޑުވެގެންވާ ދުވަސްތަކެވެ. މި ދުވަސްތަކުގައި ކުރާ ހެޔޮ އަމަލުތަކުގެ ސަވާބާއި ދަރުމަ އެހެން ދުވަސްތަކަށްވުރެ އިތުރުވެގެންވާކަން ޚުތުބާގައި ފާހަގަކުރިއެވެ.

މި މާތް ދުވަސްތަކުގެ ބޭނުން ހެޔޮގޮތުގައި ހިފުމަށް ބާރުއަޅަމުން ޚުތުބާގައި ބުނީ، މި ދުވަސްތަކުގައި ގިނަގިނައިން މާތްﷲ މަތިން ހަނދުމަކުރުމާއި، ތަހުލީލާއި، ތަކުބީރު ކިޔުމަކީ އެދެވިގެންވާ ކަމެއް ކަމަށެވެ. އަދި މި ދުވަސްތަކުގައި ރޯދަ ހިފުމާއި، ސަދަގާތް ކުރުމާއި، ކީރިތި ގުރުއާން ކިޔެވުން ފަދަ ހެޔޮ އަމަލުތައް ގިނަކުރުމަށް މުސްލިމުންނަށް ވަނީ ނަސޭހަތްތެރިވެފައެވެ.

ޚާއްސަކޮށް އަރަފާތް ދުވަހުގެ ރޯދައިގެ މާތްކަމުގެ މައްޗަށް ޚުތުބާގައި އަލިއަޅުވާލާފައިވެއެވެ. އަރަފާތް ދުވަހު ރޯދަ ހިފުމަކީ އިސްވެދިޔަ އަހަރާއި ކުރިއަށް އޮތް އަހަރުގެ ފާފަ ފުހެވިގެންދާނެ ކަމެއްކަން ޚުތުބާގައި ހަނދާންކޮށްދިނެވެ.

ޚުތުބާ ނިންމާލަމުން ވަނީ، މިފަދަ މާތް ދުވަސްތަކެއް އަޅުގަނޑުމެންނާ ބައްދަލުކުރާއިރު، އެ ދުވަސްތަކުގެ ފައިދާ އެންމެ ފުރިހަމަ ގޮތުގައި ހިފުމަށް އަޒުމް ކަނޑައެޅުމަށް ގޮވާލާފައެވެ. އަދި މިއީ ތައުބާވެ، ﷲގެ މަގަށް ރުޖޫއަވުމަށް ލިބޭ ރަން ފުރުސަތެއްކަންވެސް ޚުތުބާގައި ފާހަގަކުރިއެވެ.

ކޮމެންޓު
Channel 13
Copyright © 2013-2026 Media Ring Pvt Ltd.
All rights reserved