July 3, 2026
Advertisement
-
-

ކޮރަޕްޝަނާއި ރިޝްވަތަކީ އިޖުތިމާއީ ނިޒާމު ފުޑުފުޑުކޮށްލާ ބަލިމަޑުކަމެއް

Aiminath Sarah
އައިމިނަތް ސާރާ
Jul 3, 2026, 12:51 PM
މާލެ ސިޓީ

މިއަދުގެ ހުކުރު ޚުތުބާ ޚާއްޞަކޮށްފައިވަނީ ކޮރަޕްޝަނާއި ރިޝްވަތުގެ ނުރައްކާތެރިކަމުގެ މައްޗަށެވެ. ރާއްޖޭގެ އެކިކަންކޮޅުތަކުގައި މިއަދު އިއްވި ޚުތުބާގައި، ކޮރަޕްޝަނަކީ މަގާމުގެ ނުފޫޒު ނުވަތަ ލިބިފައިވާ އިޚްތިޔާރެއް ނަހަމަ ގޮތުގައި ބޭނުންކޮށްގެން، އަމިއްލަ ފައިދާއެއް ހޯދުމަށް ނުވަތަ ހޯދައިދިނުމަށް ކުރެވޭ ކޮންމެ ކަމެއްގެ ގޮތުގައި ވަނީ ސިފަކޮށްފައެވެ.

Advertisement

ޚުތުބާގައި ބަޔާންކޮށްފައިވާ ގޮތުގައި، ކޮންމެ މީހަކާ ހަވާލުކުރެވިފައިވާ މަސައްކަތަކީ އެމީހަކު އެއަށް ޖަވާބުދާރީވާންޖެހޭނެ އަމާނާތެކެވެ. ތިމާގެ ނުފޫޒު އަމިއްލަ އެދުމަށްޓަކައި ބޭނުންކުރުމަކީ ޚިޔާނާތުގެ އަމަލެއްކަން ފާހަގަކުރައްވައި، މާތްﷲ ވަޙީކުރައްވާފައިވާ ބަސްފުޅެއްގެ މާނައިގައިވެއެވެ. "އޭ އީމާންވެއްޖެ މީސްތަކުންނޭވެ! ތިޔަބައިމީހުން ދެނެތިބެމެ، ﷲ އަށާއި، ރަސޫލާއަށް ޚިޔާނާތްތެރި ނުވާށެވެ! އަދި ތިޔަބައިމީހުންގެ އަމާނާތްތަކަށްވެސް ތިޔަބައިމީހުން ޚިޔާނާތްތެރި ނުވާށެވެ!"

އިންސާނާގެ ފިތުރަތަކީ އަމާންކަމާއި، އަދުލުވެރިކަމާއި، އިންސާފަށް ލޯބިކުރުން ކަމުގައި ވީނަމަވެސް، ކޮރަޕްޝަނަކީ އެ ފިތުރަތާ ޚިލާފު، އިޖުތިމާއީ ނިޒާމު ފުޑުފުޑުކޮށްލާ ބަލިމަޑުކަމެއްގެ ގޮތުގައި ޚުތުބާގައި ސިފަކުރިއެވެ. މިއީ ބިން ފަސާދަކޮށް، ނަފުސުގެ އިއްޒަތް ފޭރިގަންނަ، އަދި އިލާހީ ކޯފާއަށް ހުށަހެޅޭ ބޮޑުވެގެންވާ ފާފައެއް ކަމަށްވެސް ފާހަގަކޮށްފައިވެއެވެ.

މުޖުތަމައުގައި ފެތުރިފައިވާ ކޮރަޕްޝަނުގެ އެންމެ ނުރައްކާތެރި ބާވަތަކީ ރިޝްވަތުކަން ފާހަގަކުރައްވައި، ޚުތުބާގައި ބުނީ ރިޝްވަތަކީ ހައްގު ނޫން އެއްޗެއް ހޯދުމަށް ނުވަތަ ބާތިލު ކަމެއް ހައްގު ކަމަށް ހެދުމަށް ދެވޭ ކޮންމެ އެއްޗެއް ކަމަށެވެ. ރިޝްވަތު ދޭ މީހާއާއި ހިފާ މީހާއަށް ލައުނަތް ލެއްވިގެންވާ ކަމަށާއި، ނަހަމަ ގޮތުގައި މަންފާ ހޯދާ މީހާގެ ދިރިއުޅުން ބާއްޖަވެރި ނުވާނެ ކަމަށްވެސް ނަސޭހަތްތެރިވިއެވެ.

ކޮރަޕްޝަނުގެ ސަބަބުން އިޖުތިމާއީ އަދުލުވެރިކަން ނެތިގޮސް، ފަގީރުކަން އިތުރުވެ، އިގްތިސާދީ ތަނބުތައް ވެއްޓިގެންދާ ކަމަށް ޚުތުބާގައި ބަޔާންކުރިއެވެ. އަދި މިފަދަ ނުބައި އަމަލުތަކަށް މަގުފަހިވަނީ ނަފުސުގެ ދަހިވެތިކަމުގެ ސަބަބުން ކަމަށާއި، އަމާނާތްތެރިކަމަކީ މުއުމިނުންގެ ސިފައެއް ކަމުގައިވާއިރު، ޚިޔާނާތްތެރިކަމަކީ މުނާފިގުންގެ ސިފައެއް ކަމަށްވެސް ފާހަގަކޮށްފައިވެއެވެ.

ޚުތުބާ ނިންމާލަމުން ވަނީ، އުފާވެރިކަމާއި ބާއްޖަވެރިކަން ހޯދުމަށްޓަކައި ﷲ ހަރާމްކުރައްވާފައިވާ އެންމެހާ ކަންކަމުން ދުރުހެލިވުމަށާއި، ތަވާޟުއުވެރިކަމާއި ނަފުސުގެ ފުދުންތެރިކަމުގެ މައްޗަށް ދިރިއުޅުން ބިނާކުރުމަށް އިލްތިމާސްކޮށްފައެވެ.

ކޮމެންޓު
Channel 13
Copyright © 2013-2026 Media Ring Pvt Ltd.
All rights reserved