June 6, 2026
Advertisement
-
- / ސޯޝަލް މީޑިއާ

މުޖުތަމަޢުގެ އަމާންކަމުގެ އަސާސަކީ ހެޔޮކަންކަމަށް އަމުރުކުރުން: ހުކުރު ޚުތުބާ

Aiminath Sarah
އައިމިނަތް ސާރާ
Jun 5, 2026, 03:07 PM
މާލެ ސިޓީ

އިސްލާމީ މުޖުތަމަޢެއްގެ ހަމަޖެހުމާއި އަމާންކަން ދެމެހެއްޓުމަށްޓަކައި އޮތް އެންމެ މުހިންމު އަސާސަކީ ހެޔޮ ކަންތަކަށް އަމުރުކުރުމާއި މުންކަރާތްތައް ނަހީކުރުން ކަމަށް މިއަދުގެ ހުކުރު ޚުތުބާގައި ފާހަގަކޮށްފިއެވެ. ރާއްޖޭގެ އެކި ކަންކޮޅުތަކުގައި މިއަދު އިއްވި ޚުތުބާ ބިނާކޮށްފައިވަނީ "ހެޔޮ ކަންތަކަށް އަމުރުކުރުމާއި މުންކަރާތްތައް ނަހީކުރުން" މި މައުޟޫޢުގެ މައްޗަށެވެ.

Advertisement

ޚުތުބާގައި ފާހަގަކުރި ގޮތުގައި، މާތް ﷲއަށް އީމާންވުމާއި، ހެޔޮ ކަންތަކަށް އަމުރުކުރުމާއި، މުންކަރާތްތައް ނަހީކުރުމަކީ އިސްލާމްދީނުގެ މައިގަނޑު އަސާސްތަކުގެ ތެރޭގައި ހިމެނޭ ކަންކަމެވެ. މިއީ މުޖުތަމަޢު ނުބައި ކަންކަމުން ޙިމާޔަތްކޮށް ރައްކާތެރިކުރުމަށްޓަކައި ކޮންމެހެން ކުރަންޖެހޭ މަސައްކަތެއް ކަމަށާއި، ޚާއްޞަގޮތެއްގައި މިއީ ވެރިކަން ދެއްވައިފި ބައެއްގެ އެންމެ އިސް ވާޖިބުކަން ޚުތުބާގައި ބަޔާންކުރިއެވެ.

މިކަމުގެ ދަލީލެއްގެ ގޮތުން الحج ސޫރަތުގެ 41 ވަނަ އާޔަތަށް ރިއާޔަތްކޮށް ޚުތުބާގައި ބުނީ، ބިމުގައި ބާރުވެރިކަން ދެއްވައިފިނަމަ، ނަމާދު ގާއިމުކޮށް، ޒަކާތްދީ، ހެޔޮ ކަންތަކަށް އަމުރުކޮށް، ނުބައިކަންތައް ނަހީކުރުމަކީ މުއުމިނުންގެ ސިފައެއް ކަމަށެވެ. މިއަދުގެ ހާލަތަށް ބަލާއިރު، ރާއްޖޭގެ އިޖުތިމާޢީ އަދި އަޚުލާޤީ ފޭރާމަށް ބޮޑެތި ބަދަލުތަކެއް އައިސްފައިވާތީ، މީސްތަކުންގެ ލެޔާއި، މުދަލާއި، އަބުރު ރައްކާތެރި ކުރުމަށްޓަކައި އިޖުތިމާޢީ މަސްއޫލިއްޔަތު އަދާކުރުން މުހިންމު ކަމަށް ޚުތުބާގައި ފާހަގަކުރިއެވެ.

ކީރިތި ރަސޫލާ ﷺ ގެ ޙަދީޘްފުޅުތަކުން މިސާލު ދައްކަމުން ޚުތުބާގައި ބުނީ، މުންކަރާތެއް ފެނިއްޖެނަމަ، އެ މީހަކަށް ކުޅަދާނަވީ މިންވަރަކުން އެކަމެއް މަނާކުރުމަކީ ފަރުދީ ޒިންމާއެއް ކަމަށެވެ. މުޖުތަމަޢުގައި ހިނގާ ނޭއްގާނީ ޢަމަލުތައް ހުއްޓުވުމަށް މަސައްކަތް ނުކޮށްފިނަމަ، މުޅި މުޖުތަމަޢު ހަލާކުވެގެން ހިނގައިދާނެކަމުގެ އިންޒާރު، ނަވެއްގެ މިސާލުން ޚުތުބާގައި ވަނީ ދީފައެވެ.

އިމާމް ޣަޒާލީގެ ބަސްފުޅުތަކަށް ރިއާޔަތްކޮށް، ޚުތުބާގައި ބަޔާންކުރީ ހެޔޮ ކަންތަކަށް އަމުރުކުރުން ހުއްޓާލައިފިނަމަ، ދީނުގެ އަސާސްތައް ފުނޑުފުނޑުވެ، މަގުފުރެދުމާއި ފަސާދަ ޢާންމުވެދާނެ ކަމަށެވެ. އެހެންކަމުން، މުޖުތަމަޢު އިޞްލާޙުކުރުމަށް އެންމެހައި ފަރާތްތަކުން އަތުގުޅާލުމަށް ވަނީ ގޮވާލާފައެވެ.

ޚުތުބާ ނިންމާލަމުން، ހަރުދަނާ އަޚުލާޤީ ޖީލެއް ބިނާކުރުމަށްޓަކައި މައިންބަފައިން، މުދައްރިސުން، ދީނީ ޢިލްމުވެރިން އަދި ދައުލަތުގެ މަސްއޫލުވެރިން އެބައެއްގެ ޒިންމާ ފުރިހަމައަށް އަދާކުރުމަށް ވަނީ އިލްތިމާސްކޮށްފައެވެ. މުޖުތަމަޢުގެ އެންމެން އެކަތިގަނޑަކަށް ވެގެން މަސައްކަތް ކޮށްފިނަމަ، މާތް ﷲގެ ރަޙުމަތާއި ބަރަކާތް ލިބިގެންދާނެ ކަމަށް ޚުތުބާގައި ފާހަގަކުރިއެވެ.

ކޮމެންޓު
Channel 13
Copyright © 2013-2026 Media Ring Pvt Ltd.
All rights reserved