
މުދަލު ޒަކާތަކީ ހަމައެކަނި އަދާކޮށްލާ ދީނީ ވާޖިބެއް ނޫން ކަމަށާއި، އެއީ މުޖުތަމަޢުގައި އިޖުތިމާޢީ ޢަދާލަތާއި އިންޞާފު ޤާއިމުކުރުމަށްޓަކައި މާތް الله ފަރުޟުކުރައްވާފައިވާ މަތިވެރި އިލާހީ ނިޒާމެއްކަމަށް މިއަދުގެ ހުކުރު ޚުޠުބާގައި ބަޔާންކޮށްފިއެވެ.
"އިޖުތިމާޢީ ޢަދާލަތު ޤާއިމުކުރުމުގައި ޒަކާތުގެ ދައުރު" މި މައުޟޫޢަށް ރާއްޖޭގެ އެކިކަންކޮޅުތަކުގައި އިއްވި ޚުޠުބާގައި ބަޔާންކޮށްފައިވާ ގޮތުގައި، ޒަކާތަކީ މުދަލުން ނެރޭ ޞަދަޤާތެއް ނުވަތަ ނިކަމެތިންނަށް ވެދެވޭ އިޙުސާންތެރިކަމެއް ނޫނެވެ. އޭގެ ބަދަލުގައި އެއީ މުދަލުގެ ތެރޭގައި ހިމެނޭ ޙައްޤުވެރިންގެ "ކަނޑައެޅިގެންވާ ޙައްޤެއް" ކަމަށް ޚުޠުބާގައި ފާހަގަކުރިއެވެ.
ޚުޠުބާގައި ބަޔާންކުރި ގޮތުގައި، ނަމާދާ ގުޅިގެން ޒަކާތުގެ ވާހަކަ ކީރިތި ޤުރްއާނުގެ ގިނަ އާޔަތްތަކެއްގައި އައިސްފައިވަނީ، ނަމާދަކީ ޚާލިޤުވަންތަ ރަސްކަލާނގެއާ އޮންނަ ގުޅުން ބަދަހިކޮށްދޭ އަޅުކަމަކަށް ވާފަދައިން، ޒަކާތަކީ މަޚްލޫޤުންނާ އޮންނަ ގުޅުން ދަމަހައްޓައިދޭ ވަސީލަތަކަށް ވާތީއެވެ. ޒަކާތުގެ ސަބަބުން ނަފުސު ދަހިވެތިކަމުން ޠާހިރުކޮށްދީ، މުދަލުގައި ބަރަކާތް ލައްވާކަމަށްވެސް ޚުޠުބާގައި ބުނެފައިވެއެވެ.
މީގެ އިތުރުން، އިޤުތިޞާދީ ގޮތުން ޒަކާތުގެ މުހިންމުކަމަށް އަލިއަޅުވާލަމުން ޚުޠުބާގައި ބުނީ، މުދާ ހަމައެކަނި މުއްސަނދިންގެ މެދުގައި ދައުރުވިޔަ ނުދީ، މުޅި މުޖުތަމަޢަށް އޭގެ ފައިދާ ފޯރުކޮށްދިނުމަކީ ޒަކާތުގެ މަޤްޞަދު ކަމަށެވެ. މިސާލެއްގެ ގޮތުން، އިންޑޮނޭޝިއާ ފަދަ ޤައުމުތަކުގައި ޒަކާތުގެ ސަބަބުން މިލިއަނަކަށްވުރެ ގިނަ މީހުން ފަޤީރުކަމުން ސަލާމަތްވެފައިވާކަން ޚުޠުބާގައި ފާހަގަކުރިއެވެ.
ޚުޠުބާ ނިންމާލަމުން، މުދާ އެއްކޮށް ޒަކާތް ނުދައްކާ މީހުންނަށް އާޚިރަތުގައި އޮތް ވޭންދެނިވި އަޒާބުގެ ވާހަކަ ހަނދާންކޮށްދީ، ލަސްނުކޮށް ޒަކާތުގެ ވާޖިބު އަދާކުރުމަށް ހުރިހާ މުސްލިމުންނަށް ވަނީ އިލްތިމާސްކޮށްފައެވެ. އަދި ޒަކާތަކީ މުޖުތަމަޢު ބިނާކުރުމުގެ އަސާސީ ބިންގާ ކަމުގައި ހެދުމަށްވެސް ގޮވާލާފައިވެއެވެ.









