April 24, 2026
Advertisement
-
- / ސޯޝަލް މީޑިއާ

އިސްލާމީ އުޞޫލުތަކާ އެއްގޮތަށް ސާފުތާހިރުކަމާއި ޒީނަތްތެރިކަން އިސްކުރުމަށް އިލްތިމާސްކޮށްފި

Aiminath Zawjah
އައިމިނަތް ޒަޢުޖާ
Apr 24, 2026, 12:51 PM
މާލެ ސިޓީ

އިސްލާމްދީނަކީ ސާފުތާހިރުކަމުގެ ދީންކަމަށްވާއިރު، އެތެރެފުށާއި ބޭރުފުށުގެ ތާހިރުކަމާއި ޒީނަތްތެރިކަން އިސްލާމީ އުޞޫލުތަކުގެ ތެރެއިން ދެމެހެއްޓުމަށް ދިވެހި މުޖުތަމަޢަށް ހުކުރު ޚުތުބާގައި މިއަދު ނަސޭހަތްތެރިވެއްޖެއެވެ.

Advertisement

ސާފުތާހިރުކަމަކީ އީމާންކަމުގެ ދެބައިކުޅަ އެއްބައިކަން ބަޔާންކުރައްވައި، މިއަދުގެ ޚުތުބާގައި ބަޔާންކޮށްފައިވަނީ، މުސްލިމެއްގެ ދިރިއުޅުމުގެ ބިންގަލަކީ ސާފުތާހިރުކަން ކަމަށެވެ. ހަމައެކަނި ބޭރުފުށް ރީތިކުރުމުގެ ބަދަލުގައި، ހިތުގެ ތާހިރުކަމަށް ސަމާލުކަންދީ، ޙަސަދަވެރިކަމާއި ޝިރުކުން ހިތްތައް ސާފުކުރުމުގެ މުހިންމުކަން ވަނީ ފާހަގަކޮށްފައެވެ.

މީގެ އިތުރުން، "ފިޠުރަތުގެ ސުންނަތްތައް" ކަމުގައިވާ ޚިތާނުކުރުމާއި، ނިޔަފަތި ކެނޑުމާއި، މަތިމަސް ކޮށުން ފަދަ ކަންކަމަށް ފަރުވާތެރިވުމަށް ވަނީ ގޮވާލާފައެވެ. މި ކަންކަމަށް ފަރުވާކުޑަކުރުމަކީ ޞިއްޙީ ގޮތުންނާއި އަޚުލާޤީ ގޮތުން ނޭދެވޭ ކަމެއްގެ ގޮތުގައި ވަނީ ސިފަކޮށްފައެވެ.

ޒީނަތްތެރިވުމުގެ ނަމުގައި ދީނީ އިންތަކުން ބޭރުވަމުންދާ ދިއުމަށް އިޝާރާތްކޮށް، ސެލޫންތަކުން ޚިދުމަތް ހޯދުމުގައި ޢައުރަ ކަޝްފުކުރުމާއި، މާތް ﷲ އުފެއްދެވި ސިފަ ބަދަލުވާ ފަދަ ކަންކަން (މިސާލަކަށް ޓެޓޫ ޖެހުމާއި ބުމަ ހެދުން) ކުރުމަކީ ނުރައްކާތެރި ކަންކަން ކަމަށް ބަޔާންކޮށްފައިވެއެވެ. އަދި ހެދުން އެޅުމުގައި ބުރުގާގެ އަޞްލު މަޤުޞަދު ގެއްލޭ ގޮތަށް ޢައުރަ ނިވައިނުކޮށް އުޅުމަކީ ޖާހިލީ ޒަމާނުގެ އާދައެއްގެ ގޮތުގައި ވަނީ ފާހަގަކޮށްފައެވެ.

މިސްކިތްތަކުގެ އަދަބުތަކަށް އަލިއަޅުވާލަމުން، ނުބައިވަސް ދުވާ ޙާލުގައި މިސްކިތަށް ދިއުމަކީ މަލާއިކަތުންނަށާއި މީސްތަކުންނަށް އުނދަގޫވާނޭ ކަމެއްކަމަށް ބަޔާންކޮށް، އެކަމުން އެއްކިބާވުމަށް ވަނީ އިލްތިމާސްކޮށްފައެވެ. އަދި ޒީނަތްތެރިވުމަކީ އެންމެ ފުރަތަމަ އަމިއްލަ ގޭތެރޭގައި، ދެމަފިރިން އެކަކު އަނެކަކަށްޓަކައި ކުރަންޖެހޭ ކަމެއްގެ ގޮތުގައި ވަނީ ހަނދާންކޮށްދީފައެވެ.

ޚުތުބާ ނިންމާލަމުން، އަނބިދަރިންނަށް ދީނީ ރިވެތި އުޞޫލުތައް އުނގަންނައިދީ، ލޯތްބާއި ހިކުމަތްތެރިކަމާއެކު ނަސޭހަތްތެރިވެ، އާއިލާތަކަކީ ސާފުތާހިރުކަމާއި ޢިއްފަތްތެރިކަމަށް ލޯބިކުރާ ބަޔަކަށްވުމަށް ވަނީ ބާރުއަޅާފައެވެ.

ކޮމެންޓު
Channel 13
Copyright © 2013-2026 Media Ring Pvt Ltd.
All rights reserved