
މިއަދުގެ ހުކުރު ޚުތުބާގެ މައުޟޫއު ބިނާކޮށްފައިވަނީ "ހެޔޮ ގޮތުގައި ވެވޭ ހައްޖު" މި މައުޟޫއުގެ މައްޗަށެވެ. އިސްލާމްދީނުގެ ފަސްވަނަ ރުކުން ކަމުގައިވާ ހައްޖުގެ އަޅުކަމުގެ މާތްކަމާއި، އެކަމަށް ހުރި ހުރަސްތައް ނައްތާލައި އަވަސްވެގަތުމުގެ މުހިންމުކަމުގެ މައްޗަށް މިއަދުގެ ޚުތުބާގައި ވަނީ އަލިއަޅުވާލާފައެވެ.
ޚުތުބާގައި ބަޔާންކޮށްފައިވާ ގޮތުގައި، ހައްޖުވުމުގެ ކުޅަދާނަކަން ލިބިގެންވާ ކޮންމެ މުސްލިމެއްގެ މައްޗަށް އުމުރުން އެއްފަހަރު ހައްޖުވުމާއި އުމްރާވުމަކީ ވާޖިބެކެވެ. އަދި އެއްފަހަރަށްވުރެ ގިނައިން މި އަޅުކަންތައް އަދާކުރުމަކީ އިތުރު ސަވާބާއި ދަރުމަ ލިބިގެންދާނެ ސުންނަތް ކަމެއްގެ ގޮތުގައި ވަނީ ފާހަގަކޮށްފައެވެ.
ހައްޖުގެ އަޅުކަމަކީ މާލީ ގޮތުންނާއި ޖިސްމާނީ ގޮތުން ގާބިލުކަން ލިބިގެންވާ މީހާގެ މައްޗަށް އޮތް ފަރުޟަކަށްވާއިރު، އެކަމަށް ކުޅަދާނަވެއްޖެ މީހާ ލަސްނުކޮށް އެ އަޅުކަން އަދާކުރުމަށް ޚުތުބާގައި ވަނީ ނަސޭހަތްތެރިވެފައެވެ. މިއީ އިންސާނާގެ ފާފަތައް ފުހެވި، މަބްރޫރު ހައްޖެއް ލިބިއްޖެ މީހަކަށް ސުވަރުގެ ނޫން އެހެން ޖަޒާއެއް ނެތް މަތިވެރި އަޅުކަމެކެވެ.
މި ޚުތުބާގައި އިތުރަށް ބަޔާންކޮށްފައިވަނީ، ހައްޖުގެ މަތިވެރި ދަތުރަށް ތައްޔާރުވާއިރު އިޚްލާސްތެރި ނިޔަތަކާއެކު ތައްޔާރުވުމުގެ މުހިންމުކަމެވެ. އަދި ހަލާލު ފައިސާއިން ހައްޖުގެ އަޅުކަން އަދާކުރުމަކީ އެ ހައްޖެއް ގަބޫލުވުމުގެ މުހިންމު ޝަރުތެއްކަންވެސް ވަނީ ހަނދާންކޮށްދީފައެވެ.
ޚުތުބާ ނިންމާލަމުން ވަނީ، ހައްޖުގެ އަޅުކަމަށް ދާ މީހުންނަކީ މާތް ﷲ ގެ މެހެމާނުން ކަމުގައިވާތީ، އެކަމަށް ފުރިހަމައަށް ތައްޔާރުވެ، އިސްލާމީ އަދަބުތަކާއި އުސޫލުތަކަށް ބޯލަނބައި، ހެޔޮ ގޮތުގައި ހައްޖުގެ އަޅުކަން ފުރިހަމަކުރުމަށް ހުރިހާ މުސްލިމުންނަށް އިލްތިމާސްކޮށްފައެވެ.










