
ރައީސް އަބްދުﷲ ޔާމީނާ، ރައިސް މުހައްމަދު ނަޝީދުއާ ރައީސް އިބްރާހިމު މުހައްމަދު ސޯލިހުއާ ތިން ބޭފުޅުންގެ ބައްދަލުވުމަށް ފަހު ރައީސް މުހައްމަދު މުއިއްޒު ކަންބޮޑުވެވަޑައިގެން އުޅުއްވަން ފައްޓަވައިފި ކަމަށް ޕީއެންއެފްގެ ސެކެރެޓަރީ ޖެނެރަލް މުހައްމަދު މަލީހު ޖަމާލު ވިދާޅުވެއްޖެއެވެ.
ތިން ރައީސުންގެ ކުއްލި އެއްވުމާއެކު ޕީއެންސީގެ އެކްޓިވިސްޓުން މުޅި ޓީމު ޑިފެންސަށް ފައިބާ ސޯޝަލް މީޑިޔާގައި ހަރަކާތްތެރިވަމުންދާ ދަނޑިވަޅެއްގައި މަލީހު އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ، 3 ރައީސުންގެ ބައްދަލުވުމާއެކު ރައީސް މުއިއްޒު ބިރުން ތުރުތުރު އަޅަން ފަށައިފި ކަމަށާ މައިނޯރިޓީ ސަރުކާރެއް ދެމި ނޯންނާނެ ކަމަށެވެ.
މަލީހުގެ މި ފަދައިން ވާހަކަ ދައްކަވާފައިވާއިރު، ޤައުމުގެ މިހާރުގެ ސިޔާސީ އަދި އިޖުތިމާޢީ ޙާލަތާމެދު މަޝްވަރާ ކުރެއްވުމަށްފަހު، ތިން ރައީސުން ގުޅިގެން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ސަރުކާރަށް ވަނީ ހަރުކަށި އިލްތިމާސްތަކެއް ހުށަހަޅުއްވާފައެވެ.
ތިން ރައީސުން ވެސް ވަނީ ޚިޔާލު ތަފާތުވުން ދޫކޮށްލާ އެކުގައި ނިކުތީ ގައުމުގެ މަސްލަހަތުގައި ކަމަށް ވިދާޅުވެފައެވެ.










